ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ހާލަތެއް އަތުވެދާނެ: ޝުޖާއު

ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެއްޓަރީ އިސްމާއިލް ސުޖާއު -- ސަން ފޮޓޯ// ފަޔާޒް މޫސާ

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެ، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް ޓީޓީގެ އިންތިޚާބީ މައްސަލަ ކޯޓަށް ހުށައަޅާފައިވާތީ އެ މައްސަލަ ކުރިއަށްދާ ނަމަ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޓީޓީގެ މައި އިދާރާ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން (އައިޓީޓީއެފް) ދީފިއެވެ.

ޓީޓީގެ އިންތިހާބުގެ މައްސަލައިގެ ކޯޅުންގަނޑު ބޮޑުވެ، އެ އިދާރައިގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ވަނީ ދާދި ފަހުން މައްސަލަ ކޯޓަށް ހުށައަޅާފަ އެވެ. ޓީޓީގެ އިންތިޚާބާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅި ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއް ކަމަށް ބުނެ އަލިބެ ހުށައެޅި މި މައްސަލައާ އެކު އެސޯސިއޭޝަނަށް ތިންވަނަ ފަރާތެއްގެ ނުފޫޒެއް އަތުވާނެ ކަމަށް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވަނީ ވިދާޅުވެފަ އެވެ.

މިއަދު ހަވީރު ޓީޓީ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ، ޓީޓީގެ އިންތިޚާބުގެ ހުރިހާ ކަމެއް މިހާތަނަށް ގެންގޮސްފައިވާނީ އިންސާފުވެރިކޮށް ކަމަށާއި، ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިންތިޚާބީ ކޮމިޓީން ކަމަށާއި، އެކަމުގެ ތެރެއަށް މިހާރުގެ އެކްސްކޯއިން ނުވަންނާނެ ކަމަށް ސުޖާއު ވަނީ ވިދާޅުވެފަ އެވެ.

"މީގަ ޕްރޮސެސް އަޅުގަނޑުމެން މި ފޮލޯ ކުރަނީ ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ގާނޫނުގައި ވެސް ހިމެނޭ ޙުދޫދުގެ ތެރެއިން އެއާ ތައާރަޒް ނުވާނެ ގޮތަށް، އަޅުގަނޑުމެންގެ ހިންގާ ގަވާއިދު ތަންދޭ މިނުން، އައިޓީޓީއެފްއިން ކަނޑައަޅާފައިވާ ސްޓެޓިއުޑްސްގެ ތެރެއިން. އެކަމަކު މީގައި ދެރަވާން ޖެހޭ ކަމަކީ، މިކަން އޮމާންކަމާ އެކު ކުރިއަށް ދަނިކޮށް، ކޯޓު މަރުހަލާއެއްގެ ތެރެއިން މިކަން ކުރުމަށް ބަޔަކު ބޭނުން ވުމުން،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ، މި މައްސަލަ ކޯޓުން ބެލޭނެ ކަމަށް އެއްވެސް ހާލަތެއްގައި ގަބޫލު ނުކުރައްވާ ކަމަށާއި، ކުޅިވަރުތަކުގެ ތެރެއަށް މިފަދަ ނުފޫޒުތައް ވަނުމަކީ ބިރުވެރި ކަމެއް ކަމަށެވެ. އަދި އެ މައްސަލަ އެގޮތަށް ކުރިއަށްދާނަމަ ދެން ލިބޭނެ ގެއްލުމަކީ ރާއްޖެ ސަސްޕެންޑް ކުރުން ކަމަށް ވެސް ސުޖާއު ވަނީ ވިދާޅުވެފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އައިޓީޓީއެފްއިން މިފަހުން ފޮނުވާފައިވާ ބަޔާނުގައި ވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފުރިހަމައަށް އެ އިދާރާއިން އިތުބާރުކުރާ ކަމަށާއި، ޓީޓީގެ ކަންކަން މިހާތަނަށް ކުރިއަށް ގޮސްފައިވަނީ ކުޅިވަރާް ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން ކަމަށް ފާހަގަކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ޓީޓީގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، އެކަން ހުއްޓުވުމަށް އެ އިދާރާއިން ވަނީ ގޮވާލާފައެވެ. ނޫންނަމަ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު އެ ބަޔާނުގައި ދީފައިވާ ކަމަށް ސުޖާއު ވަނީ ބުނެފަ އެެވެ.

ޓީޓީގެ މައްސަލަ ގޯސްވެ، އިންތިހާބުގެ ފޯރިގަދަވެފައިވާ އިރު، ތިން ފަރާތަކުން ވަނީ ރައީސް ކަމަށް ކުރިމަތި ލައްވާފަ އެވެ. އަންނަ އަންގާރަ ދުވަހު ޓީޓީގެ އިންތިހާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ތާވަލު ކޮށްފަ އެވެ.

comment ކޮމެންޓް