"އެދުވަހުވެސް ޖެހުނީ ކުރަން އައި ކަން ނުކުރެވި ފުރަން. ވަރަށް ހިތްދަތިކަމެއް. ފެރީ ނައްޓާލާތީ ޖެހުނީ ރަށަށް ދާން. މަޑު ކުރެވޭކަށް ނެތް އެހެން ދުވަހަކު ދައްކަންވެސް. ޑޮކްޓަރަށް ދެއްކުނު އެކަމަކު ރިޕޯޓު ނުދެއްކި އައީ" ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ގއ. ގެ ރަށަކުން އެ އަތޮޅު ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް ދިޔަ އަލީ ފަޒްލީން އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
ދަރިފުޅު ބަލިވެގެން ވަޒީފާއަށް ސަލާން ބުނުމަށްފަހު ވިލިނގިއްޔަށް ޑޮކްޓަރަށް ދައްކަން އައިސް ހެދި ޓެސްޓުތަކުގެ ނަތީޖާ ނުދައްކައި، ބޭސްވެސް ހަމަޔަށް ނުނަގައި ރަށަށް ފުރަން ޖެހުނީ އަތޮޅު ފެރީ ފުރާގަޑި ޖެހޭތީ އެވެ. އާއިލާއެއް ނުވަތަ ގާތް ބައެއް ވިލިނގިލިީގައި ނެތުމުން ރިޕޯޓުދައްކަން އިތުރު ދުވަހަކު މަޑުކުރާނަމަ ފަޒްލީނަށް މަޖުބޫރުވާނީ އިތުރު ހަރަދާއެކު ދުވަހު ކުއްޔަށް ވިލިނގިލިން ކޮޓަރިއެއް ހިފާށެވެ. އެކަމަކު އޭނާގެ އެ ތަނަވަސްކަން ނެތީ އެވެ.
މިއީ ހަމައެކަނި ހުވަދޫ އަތޮޅުގައި ކުރިމަތިވާ ކަމެއް ނޫނެވެ. މިއީ އާ ކަމެއްވެސް ނޫނެވެ. އެކަމަކު ސިއްހީ ފަރުވާ ހޯދަން އަތޮޅުތެރޭގެ ރައްޔިތުން އެތައް ފަހަރެއްގެ މަތިން ތަހައްމަލުކޮށްފައިވާ ވޭނެކެވެ. ޕްރޮވިންސް ފެރީ ނިޒާމުން ސިއްހީ ފަރުވާ ހޯދަން އަންނަ މީހުންނަށް އޮންނަނީ މަދު ގަޑިއިރުކޮޅެއް ތެރޭ ކުރަން އައި ކަމެއް ކޮށް ނިންމާށެވެ. އެކަން ނިމުނަސް ނުނިމުނަސް ފެރީ ފުރަން އޮންނަ ގަޑިޔަށް ނައްޓާލަން ޖެހެ އެވެ.
ވިލިނގިލީގެ ހޮސްޕިޓަލު މެނޭޖަރު ޝަރީފް އަހުމަދު ވިދާޅު ވިގޮތުގައި މިގޮތަށް ފަރުވާ ފުރިހަމައަށް ނުލިބި އަތޮޅު ތެރެއިން އަންނަ ފަރާތްތައް ފުރަން ޖެހޭކަން ފާހަގަވެ އެވެ. އަދި ހޮސްޕިޓަލުން އެކަމަށް ކުރެވެން އޮތް ކަމެއް ކުރިޔަސް، އެއީ އެކަމުގެ ހައްލެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފެރީ އޮންނަ ދުވަސްދުވަސް އެބަ ހާއްސަކުރަން ސްޕެޝަލިސްޓުންނަށް ދައްކަންވެސް. ދެން ޓެސްޓުތައް ހަދަން ކުޑަކޮށް ލަސްވެދާނެ އެއީ މިތަނުގައި ބޭނުންކުރާ އިކުއިޕްމެންޓް މެނުއަލް ވީމައި. އެހެންވެ ބައެއް ފަހަރު ޓެސްޓުގެ ނަތީޖާތައް ނުދެއްކި ފަރުވާ ފުރިހަމައަށް ނުލިބި ދާންޖެހޭ މީހުން. އަސްލު ހަގީގަތުގައި މިފަދަ ބޮޑު އަތޮޅެއްގައި އޮންނަ ފެރީ ނިޒާމު ތަންކޮޅެއް ލަހީ." ޝަރީފް ވިދާޅުވި އެވެ.
ގއ. އަތޮޅުގެ ފެރީ ނިޒާމު ތިން ހަތަރު ރޫޓަކުން އޮޕަރޭޓްކުރާއިރު ފެރީތައް ފަތިހު 5:30 ގައި އޮޕަރޭޓްކުރަން ފަށަ އެވެ. ފެރީތައް ދަތުރުކުރާ ރޫޓުން އަނެއްކާވެސް އެނބުރި ދަތުރު ފަށައިގަންނަނީ މެންދުރު 1:30 ހާއިރެވެ. ހުވަދޫ އަތޮޅުގައި ބައެއް ފަހަރު އެގޮތަށް ކުރާ ދަތުރުތަކަށް ހަތަރު ފަސް ގަޑިއިރުވެސް ހޭދަވެ އެވެ.
ފެރީއިން ނޫނިއްޔާ ދެން ޖެހޭނީ ބޮޑު ހަރަދެއްކޮށްފައި ލޯންޗެއް ކުއްޔަށް ހިފާށެވެ. އެގޮތުން ގއ. އަތޮޅުން ހުވަދޫ އަތޮޅުގެ އެންމެ ބޮޑު ހޮސްޕިޓަލް ހުންނަ ގދ. ތިނަދޫއަށް ދިޔުމަށް މަދުވެގެން 3،000 ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އަދި ގއ. އަތޮޅުގެ އެހެން ރަށަކުން ވިލިނގިއްޔަށް ދާން ލޯންޗެއް ހިފަންވެސް މަދުވެގެން 1،000 ރުފިޔާ ހޭދަވެ އެވެ.
ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދުވެސް ވިދާޅުވިގޮތުގައި ފެރީ ނިޒާމުގެ ލަސްކަމާއި، ދަތުރު ކުރަން ޖެހޭ ދުރުމިނުގެ ސަބަބުން އަދި ކަނޑު ގަދަ ދުވަސްދުވަހު އުފުލަން ޖެހޭ ތަކުލީފުގެ ޝަކުވާތައް ވަރަށްވެސް ގިނަ އެވެ.
"ސްޕީޑް ބާރު ނިޒާމެއް ވަރަށް ބޮޑަށް ބޭނުންވޭ މިކަހަލަ ބޮޑު އަތޮޅަކަށް. ހަމައެކަނި ހޮސްޕިޓަލަސްވެސް ނޫންތާ އެބޭފުޅުން އަންނާނީ. އެހެން ޒަރޫރީ ކަންކަންވެސް އޮންނާނެ. ދެން އެވަގުތު ތެރޭ އެ ހުރިހާ ކަމެއް ނުވާނެ. އަވަސް ނިޒާމެއް ގާއިމުކުރެވުން އެއީ ވަރަށް ބޮޑު ލުޔެއް ހަގީގަތުގައިވެސް." ސައީދު ވިދާޅުވި އެވެ.
ބޮޑު އަތޮޅެއްކަމުން އެމްޓީސީސީއިން މިހާރު ފެރީ އޮޕަރޭޓްކުރާ ގޮތުން އެ އަތޮޅުގެ ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހެ އެވެ. ޙިދުމަތަށް ޝުކުރުވެރިވެ އަގުވަޒަންކުރިޔަސް، މިއަށްވުރެ ރަނގަޅަށް އެކަން ވާނެކަން ރައްޔިތުން ގަބޫލުކުރެ އެވެ.
މިފަދަ ދަތިތަކާ ހެދި ފެރީ ހިދުމަތް އިތުރަށް ފުޅާކުރުން، ރޫޓުތައް އިތުރުކުރުން ނުވަތަ ލޯންޗު ފެރީ ފަދަ އަވަސް ހައްލެއް މިކަމަށް ވަނީ ބޭނުންވެފަ އެވެ.
ރަނގަޅު ދަތުރުފަތުގެ ނިޒާމެއް އަތޮޅުތެރޭގައި ގާއިމްކުރެވިއްޖެ ނަމަ، ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ވަނީ ފާހަގަކޮށްފަ އެވެ.
"އާ ޝަކުވާއެއް ނޫން، ހައްލުކުރަން އަހަރެއް ހޭދަވެދާނެ"
ފެރީ ނިޒާމުގައި މައްސަލަތަކެއް އެބަ ހުރިކަން އެއީ އެމްޓީސީސީއިންވެސް ގަބޫލުކުރާ ކަމެކެވެ. އަދި ވަގުތުން ވަގުތަށް އެކަން ހައްލުނުކުރެވުނަސް އެމްޓީސީސީއިން ބުނި ގޮތުގައި ހިދުމަތް ހަރުދަނާކުރަން ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް "ސަން" އަށް ވިދާޅުވި ގޮތުގައި ފެރީ ހިދުމަތުން އެމްޓީސީސީއަށް އެތައް މިލިއަނަކުން ގެއްލުންވިޔަސް އެއީ ރައްޔިތުންނަށް ކޮންމެހެންވެސް ފޯރުކޮށްދޭން ޖެހޭ ހިދުމަތެކެވެ. ސަރުކާރުން އެމްޓީސީސީއަށް ލިބޭ ގެއްލުން ފޫބައްދަމުންދިން ނަމަވެސް ހެޔޮ ބަދަލުތަކެއް ގެންނަން އަދި ދުވަސްކޮޅެއް ވާނެކަމަށް އާޒިމް ވިދާޅުވި އެވެ.
"ފެރީ އޮޕަރޭޝަންސްތަކުގައި އެބަ އުޅޭ ބައެއް މައްސަލަތަކެއް. ދިހަ އަހަރުވެއްޖެ މިގޮތަށް އޮޕަރޭޓްކުރަމުންދާތާ. އަބަދުވެސް އާދޭ މިފަދަ ޝަކުވާތައް...ފެރީ މަޑުން ދުވުމާއި، ފެރީ ބައެއް ފަހަރު ކެންސަލް ވުމާ. އަޅުގަނޑުމެން މިހާރު އެކަންތައްތައް ރަނގަޅުކުރުމަށްޓަކައި އަތޮޅުތަކާއި ކޮމްޕެއާކޮށް ވާހަކައްދައްކަމުން މިދަނީ. ފީޑްބެކް ނަގަމުން މިދަނީ. އެގޮތުން ވަރަށް ގިނަ ކައުންސިލްތަކާއި ބައްދަލުކުރަމުން މިދަނީ." އާޒިމް ވިދާޅުވި އެވެ.
ކައުންސިލްތަކުން ލިބޭ މައުލޫމާތަށް ބިނާކޮށް މި އަންނަ އަހަރު ނުވަތަ އޭގެ އަނެއް އަހަރު ހެޔޮ ބަދަލުތަކެއް ގެންނާނޭކަމަށް އާޒިމް ވިދާޅުވި އެވެ.
"ހުރިހާ ޑޭޓާތަކެއް އެއްކުރުމަށްފަހު އަޅުގަނޑުމެން ބަލާނަން އިރާދަކުރެއްވިއްޔާ ފެރީ ނިޒާމު ރަނގަޅުގޮތަކަށް ބައްޓަން ކުރެވޭތޯ. ކޮންމެ ކަމަކީ މިވަގުތު ބޮޑު ބަދަލެއް ގެންނަންޏާ ބޮޑު ޙަރަދެއްދާނެ ކަމެއް. ފެރީ ނިޒާމަށް ރަނގަޅު ބަދަލެއް ގެންނާނަން، އެކަމަކު ކޮންމެ ކަމަކަށްވެސް ޙަރަދުތަކެއް ދާތީވެ އެކަމަށް ވިސްނައިގެން ކުރިޔަށް ދާނީ." އާޒިމް ވިދާޅުވި އެވެ.
ބޮޑެތި އަތޮޅުތަކަށް ލޯންޗު ފެރީގެ ނިޒާމު ތައާރަފްކުރުމަށް ވިސްނަވަންތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވީ ފެރީ ރޫޓުތަކާއި، ހަރަދުތައް އަދި އެހެނިހެން ކަންކަންވެސް ކުންފުނިން "ސްޓަޑީ" ކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ފެރީގެ ނިޒާމަކީ މާލީގޮތުން ބޭނުންކުރަން ފަސޭހަ ހިދުމަތަކަށް ހެދުންކަމަށް އާޒިމް ވިދާޅުވި އެވެ.
"އެކަހަލަ އަންޑަސްޓެޑިންގްއެއްގަ މަސައްކަތްކުރަމުން މިދަނީ ސަރުކާރާ ގުޅިގެން އެކަންކަން ރަނގަޅުކުރަން. ދިހަ އަހަރުވީއިރުވެސް ރަނގަޅުނުވި މަސައްކަތެއް މިއީ އިނގޭތޯ. ދެން އާމްދަނި އިތުރުވެ މާލީ ހާލަތު ފުދުމުން ރައްޔިތުންނަށް ދޭ ޙިދުމަތްތައް ރަނގަޅުކުރެވޭނެ. އަންނަ އަހަރު ފަހުކޮޅަށް ނޫނީ އޭގެ އަނެއް އަހަރު މެދުތެރެއަށް ހެޔޮ ބަދަލެއް ގެންނާނަން. މިވަގުތުވެސް އެބަ ބަލަން އަޅުގަނޑުމެން އިތުރަށް ކަންތައްތައް ހަރުދަނާކުރަން." އާޒިމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވިގޮތުގައި ކޮވިޑާ ހެދި އެމްޓީސީސީއިން ފެރީ ހިދުމަތް ރަނގަޅުކުރަން ކުރި މަސައްކަތަށް ވަނީ ބުރޫ އަރައިފަ އެވެ. އެހެން ނަމަވެސް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ހިދުމަތް ދެވޭތޯ އެމްޓީސީސީއިން މަސައްކަތްކުރާނެކަމަށް އާޒިމް ވިދާޅުވި އެވެ.
"ރަނގަޅުގޮތަކަށް ނޫން މިކަން ކުރަމުން ދިޔައީ. އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން މިދަނީ. މިދިޔަ އަހަރުވެސް 92 މިލިއަން ރުފިޔާގެ ގެއްލުންވި ޙިދުމަތެއް މިއީ. ދެން ލިބޭ އެއްޗަކާ ދާ ޙަރަދަކާ އެއްވަރުވެގެން ނޫނީ މިއި ދެވޭނެ ޙިދުމަތެއް ނޫން. އެކަމުގައި ސަރުކާރުން ދަނި ވަރަށް ބޮޑަށް އެހީތެރިވަމުން. އެކަމަށްޓަކައި ޝުކުރުވެރިވެސް ވަން." އާޒިމް ވިދާޅުވި އެވެ.
ސަރުކާރުން ތަސައްވުރަކީ ކޮބާ؟
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ ޖެނުއަރީ މަސް ތެރޭ ވަނީ، މުޅި ރާއްޖޭގައި ގާއިމް ކުރަން ނިންމާފައިވާ ކަނޑުދަތުރުފަތުގެ ނިޒާމުގެ މައުލޫމާތު އިއުލާންކޮށްފަ އެވެ. ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް އޭރު ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އެ ނިޒާމު އުތުރުގެ ތިން އަތޮޅުގައި ފެށިގެންދާނެ އެވެ.
މިނިސްޓަރު އޭރު ވިދާޅުވީ ރާއްޖެ ތަރައްގީ ވާނީ އަދި ގައުމަށް އެންމެ ބޮޑު ބަދަލެއްވެސް އަންނާނެ މަސައްކަތަކީ އެ ނިޒާމު ގާއިމުކުރަން ކުރާ މަސައްކަތެވެ. އެ މަސައްކަތަށްޓަކައި މި އަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ވެސް މިނިސްޓަރު އަސްލަމް ވަނީ އޭރު ފާހަގަކުރައްވާފަ އެވެ.
ސަރުކާރުން ފެރީ ނިޒާމަށް ކަނޑައެޅި ތިން ރޫޓަކީ ކޮމިއުޓް ލިންކް، ނޮން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ. މި ލިންކްތައް ރޭވިފައި ވަނީ ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބި، ގިނަ ބޭނުންތައް ފުދިގެންދާފަދަ ގޮތަކަށެވެ.
އެހެންނަމަވެސް މިފަދަ އުންމީދީ ރޭވުންތަކެއް ނިންމި، ބަޖެޓް ކަނޑައެޅިފައިވީ ނަމަވެސް މިކަންކަން ތަންފީޒުކުރެވިގެންދާތަނެއް ރައްޔިތުންނަށް ފެންނާކަށްނެތެވެ. މިކަމުގެ ސަބަބަކީ ކޮވިޑާ ހެދި ރާއްޖެ އިގްތިސާދު ބޮޑު ވަޅުގަނޑަކަށް ވެއްޓިފައިވުމެވެ.
އަތޮޅު ހޮސްޕިޓަލްތައް ތަރައްގީވާން ޖެހޭ
ގއ. އަތޮޅު ހޮސްޕިޓަލުން މި އަހަރުގެ ކުރީ ކޮޅު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އަތޮޅު ތެރެއިން އަންނަ ފަރާތްތަކަށް އެ ރަށު ހޮސްޕިޓަލުން ނަންބަރު ލިބުމުގެ ދަތިކަމެވެ. ފުރަތަމަ އަންނަ މީހަކަށް ނަންބަރު ދޫކުރާ ގޮތަށް އޮތުމަށްފަހު އެ އުސޫލު އެޕޮއިންޓްމެންޓް ސިސްޓަމަށް ބަދަލުކުރީ އެކަމުގެ ޝަކުވާތައް އިތުރުވުމުންނެވެ.
"މިއީ އަތޮޅު ހޮސްޕިޓަލް. ވިލިނގިލި މީހާގެ އެކަންޏެއް ނޫން، އެންމެންގެ ތަނެއް. އެހެންވެ އެންމެންނަށްވެސް ޙިދުމަތް ދިނުމަށް ޖޫން 6 ވަނަ ދުވަހު ވަނީ އާބާދީގެ ގޮތުން ބަލައި ރަށްތަކަށް ނަންބަރުތައް ބަހާލެވިފައި. އެގޮތުން ކޮނޑޭއަށް އޮވެދާނެ 3 ނަންބަރު، ދެން އާބާދީ ބޮޑު އެހެން ރަށަކަށް އޮވެދާނެ 4 ނުވަތަ 5 ނަންބަރު. ދެން އަތޮޅު ތެރޭގެ ފަރާތްތަކަށް މިހާރު އޮންނާނެ ޔަގީންކަން ނަންބަރުތައް ރިޒާވްކޮށްގެން ޑޮކްޓަރަށް ދެއްކޭނެކަމުގެ." ވިލިނގިލި ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވިގޮތުގައި ހޮސްޕިޓަލުން ދަނީ އެމްޓީސީސީއާއި ފެރީގެ މައްސަލައިގައިވެސް ވާހަކަދައްކައި ފަސޭހަ ގޮތެއް ހޯދޭތޯ ބަލަމުންނެވެ. އަދި ފެރީ އޮންނަ އެއް ދުވަސް އަތޮޅު ތެރޭ އެހެން ރަށްތަކުގެ ރައްޔިތުންނަށް ހޮސްޕިޓަލުގެ ނަންބަރުތައް ހާއްސަކުރުމަށްވެސް މަސަައްކަތްކުރަމުންނެވެ.
ހުވަދޫ އަތޮޅުގެ އެންމެ ބޮޑު ހޮސްޕިޓަލް ތިނަދޫ އަބްދުއްސަމަދު ހޮސްޕިޓަލުގައިވެސް ނަންބަރު ހޯދަން އޮންނަ އުސޫލުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ.
"ތިނަދޫ ހޮސްޕިޓަލަށް ފުރަތަމަ ގުޅީމަ ބުނީ އެ ހޮސްޕިޓަލުގައި އެޕޮއިންޓްމެންޓް ހެއްދޭނީ އެތަނަށް ކުރިން ދައްކާފަ އޮތިއްޔާއޭ. އެހެންނޫނީ ޖެހޭނީ އައިޑީ ކާޑު ހިފައިގެން އަމިއްލައަށް އަންނާށޭ. އެކަމަކު އެޕޮއިންޓްމެންޓް ޔަގީން ނުވަނީސް އެއްވެސް މީހަކު އެވަރުގެ ބޮޑު ދަތުރެއް ނުކުރާނެދޯ." ގއ. އަތޮޅުގެ ރަށަކުން ގދ. ތިނަދޫ އަބްދުއްސަމަދު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން މަސައްކަތްކުރި ފަރާތެއް "ސަން" އަށް ކިޔައިދިނެވެ.
އަބްދުއްސަމަދު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވިގޮތުގައ ހޮސްޕިޓަލާއި ގުޅިގެން ލިބޭ ޝަކުވާ ވަރަށް މަދުވީނަމަވެސް ކޮންމެ ކަމެއްގައިވެސް އިތުރަށް ރަނގަޅުކުރެވޭނެ ކަންކަން ހުންނާނެކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ އަތޮޅު ތެރެއިން އަންނަ ފަރާތްތަކަށްވެސް ފަރުވާ ހޯދުމަށް އިތުރު ގޮތްތައް ހޯދައިދޭ ހޮސްޕިޓަލެއްކަމަށް ސައީދު ފާހަގަކުރެއްވި އެވެ.
"އެގޮތުން މާބަނޑު މީހުންނަށް ވަކިން ހާއްސަ އުސޫލެއް އޮންނާނެ އެޕޮއިންޓްމެންޓް ހައްދަން. ދެން އުމުރުން ދުވަސްވީ މީހުންވެސް ޕްރައޯރިޓައިޒްކުރާނެ. ދެން ފާހަގަކޮށްލަން ބޭނުން، ތިނަދޫ ރައްޔިތުންވެސް ފެރީ އޮންނަ ދުވަސްދުވަހު ވަރަށް ނާންނާނެ ހޮސްޕިޓަލަށް. އެއީ އަޅުގަނޑުމެންވެސް ހިތްވަރުދޭ ކަމެއް ނޫން. ވަރަށް ނާދޭ ނަންބަރު ނުލިބިގެން އެކަހަލަ ކަމެއްގެ ޝަކުވާއެއް" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އަބްދުއްސަމަދު ހޮސްޕިޓަލުން ފެރީ ނޯންނަ ދުވަސް ދުވަހު ތިނަދޫގެ ރައްޔިތުންނަށް ފަރުވާ ދިން ނަމަވެސް ފެރީ އޮންނަ ދުވަސް ދުވަހުވެސް ފެރީ އަންނަން ވާއިރަށް "ޓްރެފިކް" ދަށްކޮށް ފެރީއިން އަންނަ ފަރާތްތަކަށް ޖާގަދޭން މަސައްކަތްކުރެ އެވެ.
ނަންބަރު ހޯދުމާއި ދަތުރުފަތުރުގައި ދަތިތަކެއް ހުއްޓަސް އެހެން މާ ބޮޑެތި އުނދަގޫ ތަކެއް ހޮސްޕިޓަލުތަކުން ނެތްކަމަށް އަތޮޅު ތެރޭ ރަށަކުން ވާހަކަދެއްކި މީހަކު ބުންޏެވެ. މިއީ ދެކުނު އެންމެ ދެ ހޮސްޕިޓަލަކާއި ދޭތެރޭ ފެންމަތިވި ބައެއް ޝަކުވާތަކެވެ.
އެހެންނަމަވެސް މިފަދަ ޝަކުވާތަކަކީ ހޮސްޕިޓަލަކަށްވިއްޔާ އުތުރާއި ދެކުނަށް ނުވަތަ މެދު ރާއްޖެތެރެއަށް ބެލުމެއް ނެތި އޮހޭނެ ޝަކުވާތަކެކެވެ.
އެތައް ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަތޮޅުތަކުގެ ރައްޔިތުން އަދިވެސް ދަނީ ގޮވާލަމުންނެވެ.
މާލެއަށް ބަރޯސާ ނުވެ ރާއްޖެ ހަގީގީ ލާމަރުކަޒީ ގައުމަކަށް ހެދުމަށް ސިއްހީ ފަރުވާ އަތޮޅުތަކުން ހޯދަން ފަސޭހަ ނިޒާމެއް ގާއިމްވެފައި އޮތުން ވަރަށްވެސް މުހިންމެވެ. އެފަދަ ނިޒާމެއް ނެތުމުން ނުވަތަ އޮއްޓަރެއް ނެތް މިފަދަ ފެރީ ނިޒާމަކުން ރައްޔިތުންނަށް ލިބޭ ފަސޭހައަށްވުރެ ދިމާވާ އުނދަގޫ މާ ބޮޑެވެ.
ވަކިން ހާއްސަކޮށް ބޮޑު ބަލިމަޑުކަމެއްގައި މާލެ ނާދެވި އަތޮޅުތަކުން ސިއްހީ ފަރުވާ ހޯދަން ޖެހުމުން، ބަލިކަށި ފެރީ ނިޒާމެއްގައި އަސަރު ރައްޔިތުންނަށް ދަނީ ވަރަށް ބޮޑަށް އިހުސާސް ކުރެވެމުންނެވެ.