ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވި މައްސަލައިގައި ޗެނަލް13 އިން މައާފަށް އެދިއްޖެ

ޗެނަލް 13: ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކަތަކަކާއި ގުޅިގެން އެ ސްޓޭޝަނުން ވަނީ މައާފަށް އެދިފައި --- ސަން ފޮޓޯ އަލީ ނަސީރު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ޗެނަލް13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކަތަކަކާ ގުޅިގެން އެ ސްޓޭޝަނުން މައާފަށް އެދިއްޖެ އެވެ.

ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމަކަށް ގުޅި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ޗެނަލް13 އަށް ފިޔަވަޅު އެޅުމަށް ގިނަ ފާރަތްތަކަކުން ގޮވާލަމުން ދަނިކޮށް އެ ސްޓޭޝަނުން މިރޭ ވަނީ މައާފަށް އެދިފަ އެވެ.

ޗެނަލް13 އިން ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ލިއުމެއްގައި ބުނެފައިވަނީ، އެ މީހާ ދެއްކި ވާހަކަ އަކީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށާއި އެ މީހާ އެހެން ބުނި ހިސާބުން ފެށިގެން ވަގުތުން ފޯނު ކޯލު މެދުކަނޑާލާފައިވާނެ ކަމަށެވެ.

"އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދެމެވެ،" ޗެނަލް13 އިން ބުނެފައިވެ އެވެ.

އެ ޗެނަލަކީ، އަނިޔާވެރިކަމާއި އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަން ފާހަގަކޮށް ބުނެފައިވަނީ، މުސްތަގްބަލްގައި އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ހިލާފް ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބެލުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް