ތެޔޮ ޓޭންކަރުގެ ނުރައްކަލެއް ރާއްޖެއަށް އަދި ނެތް: ސަރުކާރު

ު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުހައްމަދު ސަލީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާގެ އިރުމަތީ އައްސޭރިފަށް ކައިރިން އިއްޔެ ދަތުރު ކުރަމުން ދަނިކޮށް ރޯވި ބިޔަ ތެޔޮ ޓޭންކަރުން ތެޔޮ ލީކުވުމުގެ ނުރައްކަލެއް ރާއްޖެއަށް އަދި ނެތް ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.

ދެ މިލިއަން ފީފާގެ ތެލާއެކު އެމްޓީ ނިއު ޑައިމޮންޑު ދަތުރުކުރަމުން ދިޔައީ ކުވޭތުން އިންޑިއާގެ އިރުމަތީ ފަރާތުގައި އޮންނަ ޕަރަދިޕް ބަނދަރަށެވެ. އެ ބޯޓުގައި އަލިފާން ރޯވެ އެކަކު މަރުވެފައިވާއިރު، ބޯޓުގައި ހުރި ތެޔޮ ކަނޑަށް ލީކުވެ އަވަށްޓެރި ގައުމުތަކަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އުފެދުނެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައް ގުޅިގެން އެ ތެޔޮ ޓޭންކަރާ ގުޅޭ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އެކަމާ ގުޅޭ ފަހުގެ މައުލޫމާތުތައް ދެމުންދާ ކަމަށް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މިހާތަނަށް އެއްވެސް ތެލެއް ލީކުވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ޓޭންކަރު އޮތީ ފުން ކަނޑެއްގައި ކަމުން ފަރަށް އަރައިގެން ފަދަ ގޮތަކަށް ގެއްލުމެއް ލިބިގެން ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާގެ ކަމާ ބެހޭ ފަަރާތްތަކާ ހަވާލާދީ އޭނާ ވިދާޅުވީ، ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި ރާއްޖެއަށް އެކަމުގެ ނުރައްކަލެއް އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު އަދި ރާއްޖެއަކަށް ނުރައްކަލެއް އޮތް ކަމެއް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ،" ސަލީމް ވިދާޅުވިއެވެ.

އޮޔާއި ވައި ހުރީ ރާއްޖެއަށް ގެއްލުން ނުވާ ގޮތަށް

މި ދުވަސްވަރުގެ އޮއިވަރާއި ވަޔަށް ބަލާއިރު، ތެޔޮ ލީކުވިޔަސް ރާއްޖެއަށް ތެޔޮ ފޯރާނެ ކަމަށް ނުބެލެވޭ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.

"މިހާރު އޮއިވަރު ހުރި ގޮތުން ވޯސްޓް ކޭސް ސިނާރިއޯއެއްގައި އޮއިލް ސްޕިލްއެއް އަޔަސް ރާއްޖެއާ ގާތަށް ގޮތަކަށް ނޫން އޮއިވަރު މި ސަރަހައްދުގައި ހުރީ. ރާއްޖޭއާ ގާތަށް އޮއިލް ސްޕިލްއެއްގެ ޑައިރެކްޓް އިމްޕެކްޓު ކުރުމުގެ ފުރުސަތު ވަރަށް ކުޑަ. މިހާރު މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން،" އޮފިޝަލު ވިދާޅުވިއެވެ.

އެމްޓީ ނިއު ޑައިމަންޓް ތެޔޮ ޓޭންކަރުގެ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތެޔޮ ލީކުވުމުގެ ހާދިސާއަށް ބޭނުންވާ ބައެއް ސާމާނު އެބަ ހުރި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ލެވެލްގައި ތެޔޮ ލީކުވުމުގެ ހާދިސާއެއް ކޮންޓްރޯލު ކުރުމަށް ބޭނުންވާ ބައެއް ސާމާނު ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެއީ ތެޔޮ ލީކުވެއްޖެއްޔާ ތެޔޮ ކަނޑުން ނަގާނެ ވަސީލަތްތަކާއި، ޓޭންކުތަކަށް އަަޅައިގެން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ބޭނުންވާ ވަސީލަތްތަކާއި، ތެޔޮ ވަކި ސަރަހައްދަކަށް ދިޔަ ނުދީ ހިފަހައްޓަން ބޭނުންވާ ސާމާނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ އަދި އެމްޕީއެލް ފަދަ ކުންފުނިތަކުންވެސް އެކަހަލަ ހާލަތަކަށް ބޭނުންވާ ސާމާނު ގެންގުޅޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ނަމަވެސް، އޭނާ ވިދާޅުވި ގޮތުން ނަމަ ތެޔޮ ލީކުވުމުގެ ބޮޑު ހާދިސާއަކަށް ބޭނުންވާ ވަރަށް ރާއްޖޭގައި ސާމާނު ނެތެވެ.

އިންޑިއާ ފަދަ އަވަށްޓެރި ގައުމުތަކާ ގުޅިގެން އެފަދަ ހާދިސާތަކަށް ތައްޔާރުވުމަށް މީގެ ކުރިންވެސް އެކި އެކްސަސައިޒްތައް ބާއްވާފައިވާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް