ހައިޖާނުގަނޑެއްގެ ތެރޭގައި ވެރިކަންކުރުމަކީ އެންމެ ރަގަޅުގޮތެއް ނޫނެވެ. އެންމެ އަމާންގޮތެއްވެސް ނޫނެވެ. އެންމެ ރައްކާތެރި ގޮތެއްވެސް ނޫނެވެ. ޤައުމަށްވެސް އެވެ. ރައްޔިތުންނަށްވެސްއެވެ. ސަރުކާރަށްވެސްއެވެ. ސަބަބަކީ މިދެންނެވުނުގޮތަށް ވެރިކަންކުރުމަކީ ތޫފާނުއަންނަ ސަރަހައްދެއްގައި ތޫފާނާއި ކުރިމަތިލުން ކަހަލަ ކަމަކަށް ވާނެތީވެއެވެ. އަންނަ ކޮންމެ ތޫފާނަކުން ސަރަހައްދަށް ހަލާކެއް ގެނެއެވެ. ސަރަހައްދަށްލިބޭ ބައެއް ގެއްލުންތަކަކީ އަހަރުތަކެއް ފަހުން ނޫނީ ފޫ ނުބެއްދޭ ފަދަ ގެއްލުންތަކެވެ. އަނެއްބައި ގެއްލުމަކީ ކުދިކުދި ގެއްލުމެވެ. ގަޑިތަކެއް، ނުވަތަ ދުވަސްތަކެއް، ނުވަތަ މަސްތަކަކަށް ފަހު ރަގަޅުކުރެވޭނޭ ގެއްލުމެވެ. އެހެނަސް ގެއްލުމެވެ. ސިޔާސީ ގޮތުން މިހާރު އަޅުގަނޑުމެން ތަޖުރިބާކުރާ ކަންތައްތަކުގައިވެސް ކަންތައް ދިމާވަނީ މިދެންނެވުނުގޮތަށެވެ. ކޮންމެ ސިޔާސީ ހަމަނުޖެހުމެއްގެ ސަބަބުން އިމްރާނީ، ނުވަތަ އިޖްތިމާޢީ، ނުވަތަ، މާއްދީ ގެއްލުންތަކެއް ވެއެވެ. އެފަދަ ގެއްލުންތައް ރަގަޅުކުރުމަށް ވަގުތު ނަގައެވެ. ބޮޑެތި ހޭދަވެސް ކުރަންޖެހެއެވެ. އެފަދަ ގެއްލުންތަކާއި ކުރިމަތިލުމުގެ ޤާބިލުކަން ސަރުކާރަށް ލިބިފައިއޮތަސް އެކަމުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ހިތް ނުތަނަވަސްކަމާއި، އިޖްތިމާޢީ ބިރުވެރިކަމާއި، އަމާންކަމާއި ސުލްޙަމަސްލަޙަަތު ނެތް މާހައުލެއްގައި ދިރިއުޅުމުގެ ކަންބޮޑުވުން ތަހައްމަލުކުރަންޖެހޭނެއެވެ.

ސަރުކާރުން ގޯސްތަކެއް އެބަހައްދަވައެވެ. ސިޔާސީގޮތުން ޕޮއިންޓެއް ހޯއްދެވުމަށެވެ. އެކަމަކު ބޮޑު އަގެއްދީގެންނެވެ. ރައްޔިތުން ޤުރުބާން ކޮށްގެންނެވެ. އަޅުގަނޑުމެންގެ ރާއްޖެ މިހާރު ކުރިމަތިލާ، ސިޔާސީ ބޮޑެތި ކޯޅުމާއި، ހަމަނުޖެހުންތަކުގެ ތެރެއިން ގިނަކަންތައްތަކަކީ ސުލްޙަވެރިކަމާއި އެކު ހައްލެއް ހޯދޭނޭ ކަންތައްތަކެވެ. އެހެންނަމަވެސް އެކަމުގައި ޝާމިލްވާ ދެފަރާތުން ނުވަތަ ހުރިހާ ފަރާތްތަކުންވެސް އެކަށީގެންވާ މިންވަރަކަށް ދޫ ދީގެންނެވެ. ޤައުމަށްޓަކައެވެ.

އިންތިޚާބެއްގެތެރެއިން ބަޔަކު ވެރިކަމަށް އަންނަނީ ރައްޔިތުންގެ ފަރާތުންނެވެ. ރައްޔިތުންނަށް ފައިދާވާގޮތަށް ކަންތައްކުރުމަށެވެ. ވެރިކަމުގައި ތިބެނީ ރައްޔިތުންގެ މަންދޫބުންނެވެ. ވެރިކަމަށް އައުމަށްފަހު ހަމައެކަނި ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުންނަށް ދެރައާއި ގެއްލުންވާގޮތަށް ކަންތައް ކުރެވޭނަމަ، އެފަދަ އަމަލުތައްވާނީ ޑެމޮކްރަސީއާއި ޚިލާފް އަަމަލަށެވެ.

ފަހަކަށް އައިސް ސަރުކާެރުން އަޅުއްވާ ފިޔަވަޅުތަކުން އަބަދުވެސް ކޯޅުމެއްގެތެރެއަށް ކޮންމެވެސް ބަޔަކު ވަންނަންޖެހެއެވެ. ބައެއްފަހަރު މިފަދަ ކޯޅުމަކަށް ދާންޖެހެނީ ސިޔާސީ ޕާޓީއެއްގެ ސަބަބުންކަމަށް ވެދާނެއެވެ. އަނެއްބައި ފަހަރު ވިޔަފާރިވެރިންނާއިހުރެއެވެ. އަނެއްބައި ފަހަރު ދީނީ ޢިލްމުވެރިންް ގެންގުޅުއްވާ ވިސްނުމަކާއިހުރެކަމަށްވެސް ވެދާނެއެވެ. ކޯޅުމަކާއި ހަމައަށް ގޮސްފައިވާ ގިނަކަންތައްތަކަށް ބަލާލާއިރު، އެކަންތައްތަކަކީ ސުލްޙަވެރި ނިންމުމެއް ހޯދިދާނެކަންތައްތަކެވެ. ވާހަކަ ދައްކައިގެންނެވެ. ސަރުކާެރުން ކަންތައް ނިންމަވަންވާނީ އަމިއްލަ ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރު އޭނާގެ އަމިއްލަ ފައިސާއިން އުފައްދަވާފައިވާ ކުންފުންޏަކުން ކަންތައް ކުރާގޮތަކަށެއް ނޫނެވެ. ސަރުކާރުން ނިންމަވާ ގޯސް ނިންމެވުންތަކަށް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެއެވެ. އަދި ސަރުކާރުގެ ޒިއްމާދާރުކަން ކުޑަ ނިންމެވުމެއްގެ ސަބަބުން ގެއްލުން ލިބޭ ބަޔަކަށް އެގެއްލުމުގެ ބަދަލު ހޯދުމަށް ކޮންމެވެސް ދުވަހަކުން ކޮންމެވެސް މަސްއޫލު ފަރާތަކަށް ދިޔުމުގެ ފުރުޞަތުވެސް އެބައޮތެވެ. ބައެއް ކުޑަކުދިން ކުޅެން ގެންގުޅޭ އެއްޗެތި އެހެންކުއްޖަކަށް ނުދޭންވެގެން އެއެއްޗެއް ހަލާކު ކޮށްލާގޮތަށް ސަރުކާރުން ކަންތައް ކުރެއްވުމަކީ ޒިއްމާދާރުކަން ކުޑަގޮތެކެވެ. މިފަހަރު ކުޅޭ އެއްޗަކަށް މިވަނީ ޤައުމެވެ. ސަރުކާރުން ބޭނުންގޮތަކަށް ބައެއްކަންތައް ކުރެއްވޭގޮތް ނުވުމުން ޤައުމުގެ ޞިނާޢަތްތަކަށް ގެއްލުންވާގޮތަށާއި، ޤައުމުގެ ޤަދަރުވެއްޓޭ ގޮތަށް ކަންތައްކުރެއްވުމަކީ އިންތިހާ ދަރަޖައިގެ ޒިއްމާދާރުކަން ކުޑަނިންމެވުމަށްވާނެއެވެ.

ރާއްޖޭގައި ޓެރަރިސްޓުން އުޅޭ ވާހަކައާއި، ސްޕާތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގުމުގެ ވާހަކައާއި، ހައްދު ފަހަނައަޅާފައިވާ މުސްލިމުން އުޅޭވާހަކައާއި، ހަރުކަށި އިސްލާމީ ޤާނޫނު ރާއްޖޭގައި އޮތުމަށް ގޮވާލާ ވާހަކަ ބައިނުލްއަޤްވާމީ މުޖުތަމަޢަށް ނެރުނީ ސަރުކާރުންނެވެ. އެއީ މައްސަލައެއްކަމަށް ރާއްޖޭގެ ރައްޔިތުންނަށްވެސް އެނގުނީ ބައިނުލްއަޤްވާމީ މީޑިއާގެ ތެރެއިންނެވެ. އެވާހަކަތަކުން އެއް މިނިޓުގެ ބައިނުލް އަޤްވާމީ މަޝްހޫރުކަން ސަރުކާރަށް ލިބިދާނެކަންނޭގެއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ޤައުމަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވާނެެކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ރާއްޖެއާއިމެދު ބައިނުލްއަޤްވާމީ މުޖުތަމައުން ދެކޭގޮތް ބަދަލުވެގެންދާނެކަމާއި މެދުވެސް ޝައްކެއްނެތެވެ. އެކަންރަގަޅުކުރުމަށް އެތައް މިލިއަން ޑޮލަރެއް ކޮންމެވެސް ބަޔަކު ހޭދަކުރަންޖެހޭނެއެވެ. އަދި އެތައްދުވަހެއް ނަގާނެއެވެ.

ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. މިސަރުކާރުގެ "އެދުރަކީ" އިނގިރޭސިންކަމަށް ވެދާނެއެވެ. އިނގިރޭސިންގެ ރަން ޒަމާނުގައި އެމީހުން ގެެންގުޅުނު ބައިބައި ކޮށްގެން، ކޯޅުމުގެތެރޭގައި، ވެރިކަންކުރުމުގެ ސިޔާސަތަކީ މިޒަމާނަށް ފެތޭ ސިޔާސަތެއް ނޫނެވެ. މިހާރު އިނގިރޭސި ވިލާތަކީ ސިޔާސީ ދަތުރުކުރުމުގެ މިޞްރާބް ގެއްލިފައިވާ ޤައުމެކެވެ. އަދިވެސް ލަހެއްނުވެއެވެ. ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވަންވީ އެއްބައިވަންތަކަމުގެ ސިޔާސަތަކަށެވެ. ދަތުރުކުރަންވީ އެންމެން ގޮވައިގެންނެވެ. ޤައުމަށް ފައިދާވާގޮތަށެވެ. ޤައުމުގެ އެންމެ އިސްވެރިއަކަށް ހުންނަވާ ބޭފުޅަކުވާންވާނީ އެންމެންގެ އިސްވެރިޔާއަށެވެ. ހަމައެކަނި ނަމަކުންނެއް ނޫނެވެ. އަމަލުންވެސްއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް