މިނިސްޓަރު ކަމަށް މައުސޫމަށް ރުހުން ދޭން ކޮމިޓީއިން ފާސްކޮށްފި

ޖޫން 13، 2019: ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން މަގާމުގެ ހުވާ ކުރެއްވުމުން އޭނާއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

ޑރ. މައުސޫމު ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމުން އޭނާގެ ހުވާގެ ސައްހަ ކަމާ މެދު ސުވާލު އުފެދުނެވެ. އެހެންވެ، މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައި އަލުން އެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ރައީސް މަޖިލީހަށް އަލުން ފޮނުއްވުމުން ހޯމަ ދުވަހު އެ މައްސަލަ ރިޔާސަތުން ތަޅުމުގައި އިއުލާންކުރައްވައި މައްސަލަ ވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވާފަ އެވެ.

އިއްޔެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ މައުސޫމަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.

މައުސޫމް އަކީ މީގެ ކުރިން ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސެއްވެސްމެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި އޭނާ މަގާމުން ވަކި ކުރުމުންނެވެ.

comment ކޮމެންޓް