ވިލިނގިލީ ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރަން ގޮވާލައިފި

މެއި 29، 2020: 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 41 ވަނަ ޖަލްސާ (ކުރިއަށް ގެންދެވުން 2) -- ފޮޓޯ/ މަޖިލިސް

ކޮވިޑް19 އަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި ގާއިމުކޮށްފައި ހުރި ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރަން، ހުވަދުއަތޮޅުގެ ބައެއް މަޖިލިސް މެންބަރުން މިއަދު ގޮވައިލައްވައިފި އެވެ.

ބައެއް މެމްބަރުން އެގޮތަށް ގޮވާލައްވާފައި ވަނީ ގދ. ތިނަދުއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިއްޔަށް ނޭރުވި މައްސަލައާ ގުޅިގެންނެވެ.

ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ފެސިލިޓީއަށެވެ. އެހެންވެ ތިނަދުއިން ޕޮޒިޓިވްވި މީހާ މިއަދު ހެނދުނު 11:30 ހާ އިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔަ އެވެ. ނަމަވެސް ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި ބަޔަކު މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވުނެވެ.

އެ މީހާ ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރުވި، ސީއެމްބިއުލާންސް ރަށު ނެރު ބޭރުގައި އޮތުމަށް ފަހު އަނބުރާ ތިނަދޫއަށް ފުރާފައިވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރި ހުރުމަށް ފަހު އަނބުރާ ތިނަދޫއަށް ފުރީ ވިލިނގިއްޔަށް އަރަން ބަލި މީހާ ބޭނުން ނުވުމުންނެވެ.

ތިނަދޫއިން ޕޮޒިޓިވްވި މީހާ އަކީ 68 އަހަރުގެ މީހެކެވެ. އުމުރުން 65 އަހަރުގެ މީހުންނަށް ފަރުވާދޭން ޖެހެނީ ފެސިލިޓީތަކުގައި ބައިތިއްބައިގެންނެވެ.

އެ މައްސަލައިގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވަނީ، އެއީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ފިރުޝާން ތުހުމަތު ކުރެއްވި ގޮތުގައި ބަލިމީހާ އެރަށަށް ނޭރުވީ ޕީޕީއެމް އިން ރާވައިގެން ހިންގި ކަމެކެވެ.

އެހެންކަމުން ވިލިނގިލީގައި ގާއިމުކޮށްފައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރުމަށް މެމްބަރު ފިރުޝާން ވަނީ ގޮވާލައްވައިފައެވެ.

"މުޅި ހުވަދުއަތޮޅުގެ ރައްޔިތުންގެ ނަމުގައި އަޅުގަނޑު މިއަދު ގޮވާލަން އެޗްޕީއޭއަށާއި ހެލްުތު މިނިސްޓްރީއަށާއި އަދި ނެޝަނަލް ޓާސްކްފޯހަށް ވިލިނގިލީގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީ އެެހެން ރަށަކަށް ބަދަލުކުރުމަށް،" ފިރުޝާން ވިދާޅުވި އެވެ

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވެސް ވާހަކަދެއްކެވީ ހަމަ އެމޭރުމުންނެވެ. ސަނީފް ވިދާޅުވީ ސަރުކާރުގެ ބާރު ނުހިނގާ ރަށެއްގައި ދައުލަތުގެ އެއްވެސް ތަނެއް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އެ މައްސަލައިގައި ތަފާތު ގޮތަކަށް ވާހަކަދެއްކެވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. މެމްބަރު ސައުދު ވަނީ ބަލި މީހާ ވިލިނގިއްޔަށް އަރުވަން އެރަށު މީހުން ދެކޮޅު ހެދި ވާހަކަ ދޮގުކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރަށަށް އަރަން ހުއްދަ ނުލިބުނީ ބަލިމީހާގެ އެހީތެރިޔާއަށް ކަމަށާއި، އެހީތެރިޔާއާ ނުލާ ފެސިލިޓީއަށް ދާން ދެކޮޅުހެދީ ބަލިމީހާ ކަމަށެވެ. ނަމަވެސް އެހީތެރިޔާއަށް ބަލިމީހާއާއެކު ދިއުމުގެ ހުއްދަ އެޗްޕީއޭއިން ދީފައި ނުވާކަމަށް ސައުދު ވިދާޅުވވިއެވެ.

އަދި އެކަމުގެ ސަބަބުން ބަނދަރުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހި، އެ ވަގުތުގެ ނާޖާއިޒް ބޭނުން ހިފައި ބަޔަކު ސިޔާސީ ކުލަވަރު ޖެއްސީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުރުން ބޭރުގައި ބާއްވާ ޙާއްޞަ ޖަލްސާ-- ފޮޓޯ / މަޖިލިސް އިދާރާ

މުޒާހަރާގެ ބައިވެރިއަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ރަށުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ ވިލިނގިލީގައި ގާއިމުކުރި ކޮވިޑް-19 ފެސިލިޓީއަކީ ފަރުވާ ދެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށް ބުނެ ކަމަށެވެ. އެގޮތުން އެތަނުގައި ހުންނަނީ އެންމެ ވެންޓިލޭޓަރެއް ކަމަށާއި، ކޮވިޑް ޓެސްޓު ހެދޭނެ ގޮތެއްވެސް ނެތް ކަމަށް ބުންޏެވެ. އަދި ނަރުހުންނާއި ޑޮކްޓަރުންވެސް އެކަށީގެންވާ ވަރަށް ނެތް ކަމަށް ބުންޏެވެ.

ސައުދު ވެސް ވަނީ އެ ފެސިލިޓީގެ ފެންވަރު ދަށް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސައުދު ވިދާޅުވީ އެންމެ އެނދެއް ބަހައްޓާފައި ހުރި ތަނެއްގައި ކްރިޓިކަލް ބަލިމީހަކަށް ފަރުވާ ދޭނެ ގޮތަކާ މެދު ސުވާލު އުފައްދަވައިފައެވެ.

ސައުދު ވަނީ މިއަދު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރުގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފައެވެ.

comment ކޮމެންޓް