އަދުރޭއާއި ޝިޔާމް ވެސް 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ޝިޔާމް (ކ) އަދި އަބްދުއްރަހީމް މިއަދު ފުލުސް އޮފީހާށް ހާޒިރުކުރުމަށް ފަހު ބޭރަށް ނިކުމެވަޑައިގަތް މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ޕީޕީއެމް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގައިޑްލައިނާ ހިލާފްވުމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާއާއި ގުޅިގެން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ފުލުހަށް ހާޒިރުވުމަށް އަންނަނީ އަންގަމުންނެވެ. އެ ފަރާތްތައް ފުލުހަށް ހާޒިރުކުރަމުން ގެންދަނީ އާންމު ސިއްހަތުގެ މިންގަނޑުތަކާއި އެޗްޕީއޭ ގައިޑްލައިންތަކާ ހިލާފަށް މުޒާހަރާގައި އުޅުއްވުމުންނެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް މިއަދު ހެނދުނު ފުލުސް އޮފީހަށް ހާޒިރުކުރި އިރު ޝިޔާމް ހާޒިރުކުރީ މެންދުރުފަހު އެވެ.

ފުލުސް އޮފީހުން ބޭރަށް ނިކުމެވަޑައިގަތް އަބްދުއްރަހީމްގެ ގާނޫނީ ވަކީލު ވިދާޅުވީ، އެންމެ ފުރަތަމަ އޭނާގެ މުވައްކިލު ޖޫރިމަނާ ކުރަން ވިދާޅުވީ، މާސްކު ނާޅައި އުޅުނުކަމަށް ބުނެ ކަމަށެވެ. ނަމަވެސް މަގުމަތީގައި އުޅުނުއިރު އޭނާ ހުންނާނީ މާސްކު އަޅައިގެން ކަމަށާއި މާސްކު ނަގާފައިވަނީ ޕީޕީއެމް އޮފީސް ތެރޭގައި ހުރެގެން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން ދެން ޖޫރިމަނާ ކޮށްފައިވައި ވަނީ ފަސް މީހުނަށް ވުރެން ގިނައިން އެއްކޮށް ހުރުމުން ކަމަށް ވަކީލު ވިދާޅުވި އެވެ. ޝިޔާމްވެސް ޖޫރިމަނާ ކޮށްފައިވަނީ ފަސް މީހުނަށް ވުރެން ގިނައިން އެއްވުމުން ކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މި ގަބޫލު ކުރަނީ އަޅުގަނޑުމެންގެ މުވައްކިލު ޖޫރިމަނާ ކުރި ކުރުމަކީ ވެސް އުސޫލުތަކާއި ހިލާފަށް ކުރި ކަމެއްގެ ގޮތުގައި. އެހެންކަމުން ގާނޫނީ އެހެން ބޭފުޅުންނާ އެކީގައި މަޝްވަރާ ކުރުމަށްފަހުގައި އަޅުގަނޑުމެން އެ މައްސަލަ ޝަރުއީ ކޯޓުތަކާއި ހަމައަށް ގެންދާނަން،" ވަކީލު ވިދާޅުވި އެވެ.

އަދުރޭއާއި ޝިޔާމްގެ އިތުރުން އިއްޔެ ވަނީ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

އިދިކޮޅު ހަރަކާތާއި ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް އިއްޔެ ވަނީ ފުލުހަށް ހާޒިރުކުރައްވާފަ އެވެ.

ފުލުހަށް ހާޒިރުކުރެއްވުމުން ރައީސް ވަހީދު ހަނު ހުންނެވީއެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނީ ވަކީލެއް ހަމަޖެއްސެވުމަށްފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް