ޖިނާއީ ކުށަކާއި ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމެއް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކަށް ބަދަލުގެނެސް ޖުޑިޝަރީ ކޮމިޓީއިން އެ ބިލު ފާސްކޮށްފައި ވަނީ ނިމިދި ހަފްތާގެ ތެރޭގަ އެވެ.
ޕޯސްޓް މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-75 ގެ ގޮތުގައި މާއްދާއެއް އިތުރުކުރަން ވަނީ ކޮމިޓީއިން ފާސްކޮށްފަ އެވެ. އެމާއްދާގައި ބުނެފައިވަނީ ޕޯސްޓް މޯޓަމް ފުލުހުން ހަދަން ވާނީ މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
"މި މާއްދާގައި ބަޔާންކުރާ ފަދަ މަރުގެ މައްސަލަތަކާއި ގުޅިގެން ހަދާ ޕޯސްޓް މޯޓަމް ރިޕޯޓު އެމައްސަލައިގެ ހެއްކެއްގެ ގޮތުގައި ކޯޓުން ގަބޫލު ކުރަން ވާނެ އެވެ." ބިލުގަައި ބުނެފައިވެ އެވެ.
ޕޯސްޓް މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވައިދެއް އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ޖުޑިޝަރީ ކޮމިޓީއިން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ފާސް ކުރުމަށް މަޖިލީހުގެ ދެން އޮންނަ ޖަލްސާއެއްގައި ވޯޓަށް އެހުން އޮންނާނެ އެވެ.