ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު ބޮޑު ކުށުގެ ގޮތުގައި 11 ކުށެއް ހިމާނާފައިވާއިރު އޭގެ ތެރޭގައި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހިމަނާފައެއް ނުވެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިމިދިޔަ ހަފްތާގައި ފާސްކުރިއިރު ބޮޑެތި ކުށްތައް ހިމެނޭ މާއްދާއަށް ވަނީ ބޮޑެތި އިސްލާހު ތަކެއް ގެނެސްފަ އެވެ.
އިޖުރާއަތު ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހާއެކު ބޮޑު ކުށުގެ ތެރޭގައި ދެން ހިމެނޭނީ 12 ކުށެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ހިމެނޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް އަދި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކާއި އިތުރު ކުށްތައްވެސް ހިމެނެ އެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ޒާތީ މުއާމަލާތު ކޯޓު އަމުރެއްގެ ދަށުން އަޑުއެހުމުގެ އިހުތިޔާރު ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދޭންވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީއިން ނިންމާފައިވާ އެ ރިޕޯޓުގެ ބަހުސް މަރުހަލާ މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނަ މަޖިލީހުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އަހާނެ އެވެ.