ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ދެ މީހަކަށް ދައުވާކޮށްފި

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލައިގައި މީހަކަށް ދައުވާކޮށް މައްސަލަ ސ. ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅައިފިއެވެ.

ޖުލައި 31، 2020 ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިންގި އެ އަމަލާ ގުޅިގެން ދައުވާ ކުރީ ކ. މާލެ، ދަފްތަރު ނަންބަރު 963، މަހްތޫމް މޫސާ ދީދީގެ އާއި ސ. ހިތަދޫ، ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރު މަައްޗަށެވެ. މަހްތޫމުގެ މައްޗަށް އެއް ދައުވާ ކުރި އިރު ޝިމާއުގެ މައްޗަށް ކުރީ ދެ ދައުވާ އެކެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އެ ދެ މީހުންނަށްވެސް ޖިންސީ ކުށުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ނުކުޅުދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކުރިއެވެ.

އެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލަށް ލުމެވެ.

ޝިމާއުއަށް ދެން އުފުލީ ގާނޫނުލްއުގޫބާތުގެ 616 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދެއަކާ ހަވާލާދީ، އެމާއްދާގެ (ށ) ދަށުން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ބަނގުރާ ބުއިމުގެ ކުށުގެ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމާއެކު 40 އެތިފަހަރުން ޖަލްދުކުރުމެވެ.

comment ކޮމެންޓް