އަލިފާން ރޯވީ ކަރަންޓް ޝޯޓަކުން ކަމަށް ބެލެވޭ، ފިހާރައަށް ހަތް ލައްކަ ރުފިޔާގެ ގެއްލުމެއް

ވެސްޓަޔާގައި އަލިފާން ރޯވުން: ރޯވީ ކަރަންޓް ޝޯޯޓަކުން ކަމަށް ވެރިފަރާތުން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލިފާން ރޯވީ ކަރަންޓް ޝޯޓަކުން ކަމަށާއި ފިހާރައަށް ހަތް ލައްކަ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް މިއަދު މެންދުރު މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ފިހާރާގެ ވެރިފަރާތުން ބުނެފިއެވެ.

މިއަދު މެންދުރު 1:30 ހާއިރު މަޖީދީ މަގާއި ޖަނަވަރީ މަގު ގުޅޭ ކަންމަތިގައި ހުންނަ "ވެސްޓަޔާ" ފިހާރައިގައި ރޯވެ އެ ފިހާރައިގެ މުދާތައް ވަނީ އެއްކޮށް އަނދާފައެވެ.

އެ ސަރަހައްދުގައި ހުރެ، ފިހާރައިގެ ވެރިފަރާތް ހަސަން ޒުބައިރު "ސަން"އަށް ބުނީ ބެލެވޭ ގޮތުގައި ފިހާރައިގައި ރޯވީ، ކަރަންޓް ޝޯޓެއް ވެގެން އެތަނުގެ އެއާކޮންޑިޝަނުގައި ކަމަށެވެ.

"މަގުން ދިޔަ ބަކު ބުނޭ، ފިހާރައިގެން ޖިންސްތަކެއްގައި ރޯވެފައި ހުއްޓާ ފެނުނު ކަމަށް. ބޮޑަށް ބެލެވެނީ ފިހާރައިގައި ރޯވީ، ކަރަންޓް ޝޯޓަކުން ކަމަށް،" އުމުރުން 52 އަހަރު ޒުބައިރު ބުންޏެވެ.

އޭނާ ބުނީ ފިހާރާގައި ހުރި މުދާލާއެކު ޖުމްލަ ހަތްލައްކަ ރުފިޔާގެ ގެއްލުމެއް ފިހާރައަށް ލިބިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ އަލިފާން ރޯވީ ނަމާދު ވަގުތައް ފިހާރަ ބަންދުކޮށްފައި ވަނިކޮށް ކަމަށެވެ. އަދި އެވަގުތު ފިހާރައިގައި އެއްވެސް މީހަކު ނެތްކަމަށް އޭނާ ބުންޏެވެ.

"އެންމެ ފުރަތަމަ ރޯވީ އޭސީގައި ކަމަށް ބެލެވެނީ. ކޮންމެ ދުވަހަކުވެސް ބަންދު ކުރާ އިރު އޭސީ ނުނިއްވާ. މިއަދުވެސް އެސީ ނުނިއްވާ ހުރީ،" އޭނާ ބުންޏެވެ.

ވެސްޓަޔާގައި އަލިފާން ރޯވުން: ހަތް ލައްކަ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ވެރިފަރާތުން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލިފާން ނިއްވާލި އިރު، ޖެހިގެން ހުރި އިމާރާތްތަކަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވެއެވެ. އެހެން ނަމަވެސް ފިހާރަ ހުރި އިމާރާތައް ކޮންމެވެސް ވަރަކަށް އަސަރުކޮށްފައިވެއެވެ.

އަލިފާން ނިއްވާލަން މަސައްކަތްކުރި އިރު، ޖަނަވަރީމަގު އޮތީ ވަރަށް ދުމުން ފުރިފައެވެ. އޭރު އެ ސަރައްދަށް ކުޅިބަލަން ވަރަށް ގިނަ އާންމުންވެސް އެއްވި އިރު، ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ އިރު ތަންތަނަށް އެއްނުވުމަށް އެޗްޕީއޭއިން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުންނަ ފިހާރައެއްގައި ރޯވި އަލިފާނުގެ ދުމުން މުޅި މަގު ފުރާލާފައި -- ސަން ފޮޓޯ

މިދިޔަ ހުކުރު ދުވަހުގެ ރޭވެސް މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯއާއި އެ ކެފޭއާ ޖެހިގެން ހުންނަ ހ. ސަންލީޓު (ގަދަގޭ މުހައްމަދުފުޅު ބިލްޑިންގް)ގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ބޮޑެތި ގެއްލުންތަކެއްވި އެވެ.

https://sun.mv/142344

މީގެ އިތުރުން ކެފޭ ޓިއޯލޯއާ ޖެހިގެން ހުރި މަނީ އެކްސްޖޭންވެސް ވަނީ އަލިފާނުގެ އަސަރުކޮށް، އެތަނުގައި ހުރި ފަސް ލައްކަ ރުފިޔާވެސް އަނދާފައެވެ. ކެފޭ ޓިއޯލޯއާއި މަނީ އެކްސްޖޭންޖަށް ލިބުނު ގެއްލުން ހަތަރު މިލިއަނަށް އަރައެވެ. އަދި އެސްބީއައި މިލިއަނުން ގެއްލުން ލިބިފައިވާ ކަމަށް އެތަނުން ބުންޏެވެ.

ކެފޭ ޓިއޯލޯގެ ވެރިފާތުން ބުނާގޮތުގައި އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވާންޖެހޭ ސަބަބެއް ނެތެވެ. މިހާތަނަށް އެތަނުގައި ރޯވި ސަބަބެއް ކަމާ ބެހޭ އިދާރާތަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް