އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ.

އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 1,560 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބަނދަރުގެ އަޕްގްރޭޑަށް މައިގަނޑު ނުވަ ކަމެއް ކުރުމަށް 330 ދުވަސް ތެރޭ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލު ކުރީ 34.7 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް