ފަސް ލައްކަ ރުފިޔާ އަނދައި، ކެފޭއާއި މަނީ އެކްޗޭންޖުގެ ގެއްލުން ހަތަރު މިލިއަނަށް

އޮގަސްޓް، 28، 2020: ކުރީގެ ޖަލަޕީނޯ ހިންގި ކެފޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ: ހަތަރު މިލިއަނަށްވުރެ ބޮޑު ގެއްލުމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ރޯވި، ކޭފޭ އާއި އެ ކެފޭ އިންވެގެން އިންގަމުން އައި މަނީ އެކްސްޗޭޖްގެ ގެއްލުމުގެ އަދަދު ހަތަރު މިލިއަނަށްވުރެ ގިނަ ވާނެ ކަމަށް އެ ދެތަނުގެ ވެރިން ބުނެފި އެވެ. އޭގެ ތެރޭގައި އަނދާ ހުލިވި މަނީ އެކްސްޖޭންޖްގައި ހުރި ފަސް ލައްކަ ރުފިޔާ ހިމެނެއެވެ.

ރޭ 9:45 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައި ވަނީ ކުރީ ޖަލަޕީނޯ ރެސްޓޯރެންޓް ހިންގަމުން އައި އިމާރާތުގައެވެ. މިހާރު ކެފޭ ޓޫލިއޯ ހިންގަމުން އަންނަ އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދާފައެވެ.

ކޭފޭ ޓޫލިއޯގެ ވެރިފާތް ހަސަން ދީދީ މިރޭ "ސަން" އަށް ވިދާޅުވީ، މިހާތަނަށް އައި އިރު ލަފާ ކުރެވޭ ގޮތުގައި އެ ކެފޭއަށް ލިބުނު ގެއްލުން 1.5 މިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އަދިވެސް އަލިފާނު ހިނގަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށެވެ.

"އެތަނުގައި ފައިސާއެއް ނުހުންނާނެ. އެހެން ނަމަވެސް ތަކެއްޗާއި އިމާރާތައް ލިބުނު ގެއްލުން ދޮޅު މިލިއަނާ ގާތް ކުރާނެ،" ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލިފާނު ހިނގި ވަގުތު ކެފޭވެސް ހުރީ ބަންދުކޮށްފައި ކަމަށާއި އޭރު ކެފޭ ތެރޭގައި ހުރީ ނައިޓް ޑިއުޓީގައި ހުންނަ އެންމެ މީހެއް ކަމަށެވެ. އެވަގުތު އެމީހާ ހުރީ ދެ ފަންގިފިލާއަށް ނަގާފައިވާ އެ ކެފޭގެ އެންމެ ތިރީ ފަންގިފިލާގެ ބަދިގޭގައި ކަަމަށް ހަސަން ވިދާޅުވިއެވެ. އަދި އެމީހާއަށް އަލިފާން ރޯވިކަން އެނގުނު އިރު ފުރަތަމަ ފަންގިފިލާގައި ހުރީ ރޯވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ނުވިސްނޭ އަލިފާން ރޯވާން ޖެހޭ ސަބަބެއް. ބަދިގެއަކުން ނޫން އަލިފާން ރޯވީ. މަތީ ފްލޯގައި ހުންނާނީ ކަރަންޓުވެސް ކަނޑާލާފައި. ކަރަންޓް ޝޯޓެއްވެސް ގޭސް ލީކެއްވެސް ނުވާނެ،" ހަސަން ވިދާޅުވިއެވެ.

މަނީ އެކްސްޖޭޖްގެ ގެއްލުން 2.5 މިލިއަނަށް!

ކޭފޭއާ އިންވެގެން ހުންނަނީ ލިލިމާސް ކުންފުނިން ހިންގަމުން އަންނަ މަނީ އެކްސްޗޭންޖް ކުރާ ތަނެކެވެ. ކޭފޭގައި ރޯވެގެން އެތަންވެސް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

މަނީ އެކްސްޗޭންޖާގެ ވެރިފަރާތެއް "ސަން" އަށް ވިދާޅުވީ، އެތަނުގެ ހުރި މުދަލާއި ފައިސާއާއެކު ޖުމްލަ 2.5 މިލިއަނަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"އެތަނުގައި އޭރު ނުނެރެވި ހުރި ނަގުދު ފައިސާގެ ފަސް ލައްކަ ރުފިޔާ ވަނީ އެއްކޮށް އަނދާފައި.އެއީ ބޭރުގެ ފައިސާއާއެކު. ދެން ތަކެއްޗާއި މުދަލާއި މުޅި އިމާރާތައް ލިބުނު ގެއްލުމުގެ އަދަދު 2.5 މިލިއަނަށް އަރާނެ،" ވެރިފަރާތުން ބުންޏެވެ.

އޭނާ ވިދާޅުވީ، އަލިފާނު ރޯވާން ފެށި އިރު، ބައެއް ފައިސާ ނެރެގެން ސަލާމަތް ކުރެވުނު ކަމަށާއި ފަސް ލައްކަ ރުފިޔާއަކީ އޭރު ފަހުން ނުނެރެވި ހުރި ފައިސާ ކަމަށެވެ.

އެތަނުގައި ހުރި މުދަލަށް ބަލާއިރު، 12،000-25،000 ރުފިޔާގެ ފައިސާ ގުނާ ތިން މެޝިނާ އެހެނިގެން ބައެއް މުދާތައްވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. ކެފޭ އާއި މަނީ އެކްސްޗޭންޖްގެ އިތުރުން، ކެފޭގެ ހުޅަނގުފަރާތުގައި ހުންނަ ހ. ސަންލީޓް ބިލްޑިން (ގަދަގޭ މުހައްމަދުފުޅު ބިލްޑިން) ވަނީ ބޮޑެތި ގެންލުންތަކެއްވެފަ އެވެ. ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) ހިންގަމުން އަން އެ އިމާރާތައްވެސް މިލިއަނުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެތަނުން ބުނެއެވެ.

comment ކޮމެންޓް