ސީއެސްސީއަށް މީހުން އައްޔަންކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ ހަތަރު މަގާމަށް މެމްބަރުން އައްޔަންކުރުމުގައި އެމްޑީޕީން ތުރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާސިހާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފުގެ އިތުރުން އިބްރާހިމް ރަޝީދަށެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޕާލިއަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ތުރީލައިން ވިޕެއް ނެރެފައިވާކަން، ޕީޖީ ގްރޫޕުގެ މެމްބަރަކު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލީ 41 ބޭފުޅުންގެ ތެރެއިން 13 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވާފައި ވަނިކޮށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެ ލިސްޓް ހޮވުމުގައި ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ތުހުމަތުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ބެލުމަށް، އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ނަޝީދު މައްސަލަ ފޮނުއްވި އެވެ.

ނަޝީދު މައްސަލައިގެ ތަފްސީލް ނުދެއްވި ނަމަވެސް ހާމަވެފައިވާ ގޮތުގައި ނަޝީދު ފޮނުއްވި މައްސަލައަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވޯޓް ދެއްވައިގެން، އޭނާގެ ކުރީގެ އަނބިކަނބަލުން ސީއެސްސީއަށް ރުހުން ދޭން ފޮނުވި ލިސްޓްގައި ހިމެނުނު މައްސަލަ އެވެ.

އެ މައްސަލަ ދިރާސާކުރުމަށް އިމްތިޔާޒު ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވިދާޅުވީ، މެންބަރެއްގެ ކުރީގެ އަނބިމީހާ ނުވަތަ ފިރިމީހާ މީހައަކީ މެންބަރެއްގެ މަސްލަހަތު އޮންނަ ފަރާތަކަށް ވާނެ ކަމަށް ނުބެލެވޭނެ ކަމަށެވެ. ކޮމިޓީގެ މެންބަރުން އެގޮތަށް ވިދާޅުވީ، މާލިއްޔަތު ގަވައިދުގައި އާއިލީ މަސްލަހަތު އޮންނަ ފަރާތްތައް މާނަކުރާއިރު ކުރީގެ ފިރިމީހާ ނުވަތަ އަނބިމީހާ ނުހިމެނޭތީ އެވެ.

އަދި އިމްތިޔާޒް ކޮމެޓީން ނިންމާފައި ވަނީ ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރަން ރުހުން ދޭނޭ ބޭފުޅުން ހޮވުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް