ފޭކް ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވާން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ގިނަ ދުވަސްތަކެއް ވަންދެން ގޭބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލައިފި އެވެ.
ޕެރަގުއޭގެ ކޯޓުން ރޮނާލްޑީނިއޯ، އޭނާގެ ބަންދުގެ މުއްދަތު ޕެރަގުއޭގެ އަސުންސިއޯންގެ ހޮޓެލްއެއްގައި ހޭދަކުރުުމަށް އަމުރުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު އެވެ.
ފޭކް ޕާސްޕޯޓް މައްސަލާގައި ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ޕެރަގުއޭ އިން ހައްޔަރުކުރީ މިދިޔަ މަހުގެ ހަތް ވަން ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލައިފަ އެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާއަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީ އެވެ.
އެ ދެމީހުން ވެސް ޖަލުގައި ތިބީ ކޯޓުން ވަކި ގޮތެއް ނިންމަން ދެނެވެ. އެ ދެމީހުންގެ ވަކީލުން ވަނީ އެމީހުން ކަފާލާތުން ދޫކޮށްލުމަށް 1.6 މިލިއަން ޑޮލަރު ޕޯސްޓުކޮށްފަ އެވެ.
ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ދޫކޮށްލުމަށް އެދި ހުށަހެޅުމުން މިދިޔަ މަހުގައި ޕެރަގުއޭގެ އެޕީލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
ކުރިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެއަށް ދަތުރުފަތުރު ކުރުމުގެ ހުއްދަ ކޯޓުން މިހާރު ދީފައިވާ އިރު ޖޫރިމަނާއެއްގެ ގޮތުގައި ދެބެން ވެސް ވަނީ ފައިސާތަކެއް ދޭންޖެހިފަ އެވެ. އެގޮތުން ޕެރަގުއޭގެ ކޯޓުން ވަނީ ރޮނާލްޑީނިއޯގެ މައްޗަށް 90،000 ޑޮލަރު އަދި އޭނާގެ ބޭބެގެ މައްޗަށް 110،000 ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަން އަމުުރު ކޮށްފަ އެވެ.
އެ ދެބެން ޖަލުގައި ތިބިއިރު ތަފާތު ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. ވާހަކަ ދެކެވޭ ގޮތުގައި ދެބެންނަށް ޖަލުން ވަނީ ހާއްސަ ހިދުމަތްތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ދެމީހުންނަށް ވެސް ޖަލުގައި ހާއްސަ ކުރެވިފައިވާ ކޮޓަރި ވަނީ ދީފަ އެވެ. ދެމީހުންގެ ކޮޓަރިވެސް ހުންނަނީ ޓީވީ ހަރުކޮށް އޭސީ ލާފައި ކަމަށް މައުލޫމާތު ލިބެ އެވެ.