ސަންޖޭ ކީމޯތެރަޕީ ހަދަން ފަށައިފި

އެކްޓަރު ސަންޖޭ ދަތު--

ފުއްޕާމޭ ކެންސަރުޖެހުނުކަން ދާދިފަހުން ކަށަވަރުވި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތު،61، ކީމޯތެރަޕީ ފަރުވާ ހޯދަން ފަށައިފި އެވެ.

ފުއްޕާމޭ ކެންސަރުޖެހި ހަތަރު ސްޓޭޖުގައި ސަންޖޭ ހުރިއިރު ސަންޖޭ ކީމޯތެރަޕީ ފެށީ މުމްބާއީގައި ހުންނަ ކޮކިލާބިން ހޮސްޕިޓަލްގަ އެވެ. އެކްޓަރު ސަންޖޭ ނޭވާލުމަށް ދަތިތަކެއް ވާތީ މިމަހު ލީލާވާތީ ހޮސްޕިޓަލަށް ދެއްކުމުން އެޑްމިޓްކުރި އިރު އެ ހޮސްޕިޓަލުން ހެދި ޓެސްޓުތަކުގެ ނަތީޖާ ދެއްކީ ސަންޖޭއަށް ކެންސަރުޖެހިފައިވާ ކަމަށެވެ.

އިތުރު ފަރުވާ ހޯދުމަށް އޭނާ އެމެރިކާއަށް ވަރަށް އަވަހަށް ދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ހަފްތާގައި ސަންޖޭ ކުރި ޓްވީޓެއްގައި ބުނީ ސިއްހީ ފަރުވާއަކަށް ބޭރަށް ދިޔުމަށް ފިލްމީ މަސައްކަތުން މިދުވަސްކޮޅު ދުރަށް ޖެހިލާ ކަމަށެވެ.

ސަންޖޭ އަށް ކެންސަރު ޖެހުނުއިރު އޭނާ ވަނީ ގިނަ ފިލްމުތަކެއް ކުޅެން ސޮއިވެސްކޮށްފަ އެވެ. އެންމެ އަވަހަށް ސަންޖޭ ދެން ފެނިގެންދާނީ މި މަހު 28 ވަނަ ދުވަހު ހޮޓްސްޓާގައި ރިލީޒްކުރާ "ސަޅަކް 2" އިންނެވެ. އެ ފިލްމަކީ ސަންޖޭ އާއި އާލިއާ ބަޓްގެ އިތުރުން އަދިތްޔާ ރޯއީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ.

comment ކޮމެންޓް