ވިސާ ހަމަނުޖެހިގެން ސަންޖޭއަށް ފިލްމެއް ގެއްލިއްޖެ

އެކްޓަރު ސަންޖޭ ދަތު--ފޮޓޯ/ޕިންކްވިލާ

އިނގިރޭސިވިލާތުގައި ޝޫޓިންގް ފެށިފައިވާ ފިލްމު "ސަން އޮފް ސަރުދާރު2"އިން އެކްޓަރު ސަންޖޭ ދަތަށް ލިބުނު ފުރުސަތު ގެއްލި ފިލްމު ސަންޖޭ ދޫކޮށްލައިފިއެވެ.

އަޖޭ ދޭވްގަން ލީޑް ރޯލް ކުޅޭ ފިލްމު "ސަން އޮފް ސަރުދާރު2"އިން ސަންޖޭ ވަކިކޮށްފައި ވަނީ އިނގިރޭސިވިލާތަށް ދިއުމަށް ސަންޖޭއަށް ވިސާ ނުލިބުމާ ގުޅިގެންނެވެ. ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި ހުއްދަނެތި ހަތިޔާރު ގެންގުޅުނު މައްސަލައިގައި 1993ވަނަ އަހަރު ސަންޖޭ ދަތު ޖަލަށް ލުމާ ގުޅިގެން އޭގެ ފަހުން ސަންޖޭއަށް އިނގިރޭސިވިލާތަށް ދިއުމަށް ވިސާ ހޯދުމުގައި އަބަދުވެސް ހުރަސްތަކާ ކުރިމަތިވެއެވެ.

އެކި ބޭނުންތަކުގައި އެމެރިކާއަށް ދިއުމަށް ސަންޖޭއަށް ފަސޭހަކަމާއެކު ވިސާ ހަމަޖެހުނު ނަމަވެސް މިއަދާ ހަމައަށް ވެސް އިނގިރޭސިވިލާތަށް ދިއުމަށް ވިސާ ހަމަޖެހިފައެއް ނުވެއެވެ.

ސަންޖޭ ދަތު އަދި އަޖޭ ދޭވްގަން އެކްޓަރު ސަލްމާން ޚާންއާ އެކު ރިއަލިޓީ ޝޯ 'ބިގް ބޮސް" ޝޯގައި ބައިވެރިވަނީ--ފޮޓޯ/މިސްމާލިނީ

އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑްގައި ކުރިޔަށްދާ "ސަން އޮފް ސަރުދާރު2"ގެ ފުރަތަމަ ފިލްމުގައި ސަންޖޭ ވަރަށް މުހިއްމު ރޯލަކުން ފެނިފައިވެއެވެ. ނަމަވެސް ކަންދިމާވިގޮތުން މިފަހަރުގެ ސީކުއަލް ފުރިހަމަކުރަން ނިންމާފައި ވަނީ ސަންޖޭއާ ނުލައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން ސަންޖޭގެ ބަދަލުގައި ފިލްމުން ދެން ފެންނާނީ އެކްޓަރު ރަވީ ކިޝަންއެވެ.

ސަންޖޭ ސޮއިކޮށްފައިވާ، މި އަހަރުގެ ސެޕްޓެމްބަރު މަހު މަސައްކަތް ފަށާ ފިލްމު "ހައުސްފުލް5"ގެ ވެސް ބޮޑު ބައެއް އިނގިރޭސިވިލާތުގެ ލަންޑަންގައި ޝޫޓުކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ނިންމާފައި ވަނީ ސަންޖޭ ހިމެނޭ މަންޒަރުތައް ލަންޑަންގެ ބަދަލުގައި އިންޑިއާގެ މުމްބާއީގައި ނެގުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަންޖޭގެ ފިލްމެއް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އޮގަސްޓް މަހުގެ 15ގައެވެ. އެއީ ޑަބްލް އައި ސްމާޓްގެ ނަމުގައި އުފައްދާ ތެލުގޫ ސައިންސް ފިކްޝަން ފިލްމެކެވެ.

comment ކޮމެންޓް