ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ މަގުބޫލު ފްރެންޗައިސް "ބާގީ"ގެ ހަތަރުވަނަ ބައިގެ އާ ޕޯސްޓަރެއް ރިލީޒްކުރިތާ ގިނަ ދުވަސްތަކެއްނުވެ, ފިލްމުގެ ވިލެންގެ ރޯލަށް ކުޅަދާނަ އެކްޓަރު ސަންޖޭ ދަތު ސޮއިކުރިކަން އިއުލާނުކޮށްފިއެވެ.
މިދިޔަ މަހު ފިލްމުގެ ޝޫޓިން ފަށާފައިވާއިރު ސަންޖޭ ފިލްމަށް ސޮއިކުރިކަން އިއުލާނުކުރީ އެކްޓަރު ވަރަށް ވަރުގަދަ ލުކެއްގައި ފެންނަ ޕޯސްޓަރަކާ އެކުއެވެ. ސަންޖޭ ދައްކާލި ޕޯސްޓަރުގައި ބޭނުންކޮށްފައިވާ އިބާރާތުން މިއީ ވަރަށް ވަރުގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއްކަން ދޭހަވެއެވެ.
ޕޯސްޓަރުގައި ސަންޖޭ ފެންނަނީ ލެއިން ތަތްތެޅި، ބޮޑެތި ޒަޚަމުތަކަކާ އެކު އޮތް އަންހެނަކު އަޗްމައްޗަށް ލައިގެން އިންދައެވެ. ނަމަވެސް، އެއީ ކޮން ބަތަލާއެއްކަން މި ޕޯސްޓަރުން އެނގޭކަށް ނެތެވެ.

ޓައިގާ ޝްރޮފް ފިލްމު "ބާގީ 4"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ރިޕޯޓުތައް ބުނާގޮތުން ސާޖިދު ނަދިއަދުވާލާ ސަންޖޭއަށް ހުށަހަޅާފައިވާ ރޯލަކީ ބެލުންތެރިންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބޭނެ ކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ ރޯލެކެވެ. މި ފްރެންޗައިސްގެ ކުރީގެ ތިން ބަޔަށް ލިބުނު ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ސާޖިދުގެ މި ނިންމުމާ އެކު ހަތަރުވަނަ ބަޔަށް ލިބޭނެކަމުގެ ޔަގީންކަން ފިލްމުގެ ކްރޫއިންނަށް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ލީޑް ރޯލް ކުޅޭ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
ސާޖިދު ނަދިއަދުވާލާގެ އަމިއްލަ ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްގެ މި ފިލްމުގެ ޑައިރެކްޓަރަކީ ދާދިފަހުން ރިލީޒްކުރި ފިލްމު "ވޭދާ"ގެ ޑައިރެކްޓަރު އޭ ހަރުޝާއެވެ.