ސަލްމާނާއި ސަންޖޭ އެނބުރި ސްކްރީނަށް

ސަލްމާން ޚާން އަދި ސަންޖޭ ދަތު ފިލްމު "ޗަލް މެރެ ބާއީ"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި

ފިލްމު "ސާޖަން" އަދި "ޗަލް މެރެ ބާއީ"ގައި އެކީގައި މަސައްކަތް ކުރުމަށް ފަހު ސަލްމާން ޚާނާއި ސަންޖޭ ދަތުގެ ފިލްމެއް މިހާތަނަށް ސްކްރީނަށް އައިސްފައެއް ނުވެއެވެ.

ސަންޖޭއާއި ސަލްމާންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް ދެ ތަރިން އެކީގައި ބައެއް ފިލްމުތަކުން ފެނިފައިވަނީ އެ ފިލްމުތަކުގެ ޚާއްސަ ފެނިލުމެއްގެ ގޮތުގައެވެ. ނަމަވެސް، މި ދެ ތަރިން އެކީގައި ސްކްރީނުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ދާދި ފަހުން މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

ނަމަވެސް، އެއީ ފިލްމަކުން ނޫން ކަމަށާއި ދެ ތަރިން ތައްޔާރުވަނީ އެކީގައި ކުޅޭ މިއުޒިކް ވީޑިއޯއެއްގެ މަސައްކަތް ފެށުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕާންޖާބު މިއުޒީޝަން އޭޕީ ދިލޮން އުފައްދާ މިއުޒިކް ވީޑިއޯއަކަށް ސަލްމާނާއި ސަންޖޭ ދަތު ގެނައުމުގެ މަޝްވަރާތައް ދެ ތަރިންނާ އެކު ކުރެވިފައިވާއިރު މި ޚަބަރު ވަރަށް ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަންޖޭ ދަތު އަދި ސަލްމާން ޚާން ރިއަލިޓީ ޝޯ 'ބިގް ބޮސް' އެޕިސޯޑެއްގައި--ފޮޓޯ/ކޮއިމޮއި

ސަލްމާނާއި ސަންޖޭ އަކީ ފިލްމު "ސާޖަން" ކުޅުނު ދުވަސްވަރުން ފެށިގެން ވެސް ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ.

ސަލްމާން ޚާން މި ދުވަސްވަރު ބުރަކޮށް މަސައްކަތް ކުރަނީ ދާދި ފަހުން އިއުލާނުކުރި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު "ސިކަންދަރު"ގެ ޝޫޓިންގައެވެ.

comment ކޮމެންޓް