ވެންޓިލޭޓަރު ގަތުމުގެ މުއާމަލާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ: ސްޓޭޓް މިނިސްޓަރު ޝާހު

ޑރ. ޝާހު އަބްދުﷲ މާހިރު-- ސަން ފޮޓޯ

ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގަތުމަށް ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ހިންގި މުއާމަލާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވެއްޖެ އެވެ.

މި މުއާމަލާތުގައި މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ކުރިއަށްދާ ތަހުގީގު ނިމެންދެން ހެލްތު މިނިސްޓްރީގެ ބައެއް އިސްވެރިންނާއެކު ޝާހު ވެސް ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފަ އެވެ.

މިކަމާ ގުޅިގެން ޝާހު ނެރުއްވި ބަޔާނެއްގައި އެ މުއާމަލާތުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީން ނިންމާފައިވާ ނިމުމުގައި އެއްވެސް މަރުހަލާއެއްގައި އެއްވެސް މިންވަރަކަށް އަޅުގަނޑުގެ ބައިވެރިވުން، ބިޑް ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި އެނޫންވެސް ގޮތަކުން ހިމެނިފައި ނުވާނެ." ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ބިޑު ކޮމެޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއިންނާއި ލިޔެކިޔުންތަކުން ވެސް އެނގެން ހުންނާނެ ކަމަށެވެ.

ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރިކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން އެ ނިންމުން ނިންމި ގޮތާ މެދު ސުވާލު އުފައްދައި، އެކަމާ މެދު ކަމާ ގުޅުންހުރި އިސްފަރާތްތަކާ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޑު އަދި މެޑްޓެކް ކުންފުންޏަށް ވެންޓިލޭޓަރު ގެންނަން ބިޑް ކޮމެޓީން ނިންމި ނިންމުންތަކުގައި ބިޑް ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާނެ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ކޮމެޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް، އެ ކުންފުނިތަކަށް ވެންޓިލޭޓަރު ގެންނަން ހަވާލުކުރަން ބިޑް ކޮމެޓީން ނިންމި ނިންމުމަށް ލަފާދެއްވި ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް19ގެ ހާލަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިފަދަ ދުވަސްވަރެއްގައި، ސްޓޭޓް މިނިސްޓަރެއް އަދި މެޑިކަލް ޑޮކްޓެއްގެ ހައިސިއްޔަތުން ގައުމަށް ހިދުމަތް ކޮށްދެއްވަމުން ގެންދަވަނިކޮށް ގޭގައި މަޑުކުރަން އެންގެވުމުން އެކަމާމެދު ހިތާމަކުރައްވާ ކަމަށް ޝާހު ވިދާޅުވި އެވެ.

"ހިނގަމުންދާ ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަން."

comment ކޮމެންޓް