ތ. ހިރިލަންދޫ އަދި ތ. އޮމަދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގާއިމު ކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ހިރިލަންދޫގައި ފުޓްސަލް ދަނޑެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ޓްރިޕަލް އެއިޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ފައިސަލްއެވެ. މި މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި ވަނީ 1.4 މިލިއަން ރުފިޔާއަށެވެ.
ތ. އޮމަދޫގައި ފުޓްސަލް ދަނޑެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ޓްރިއޯ ލިންކް އިންވެސްޓްމެންޓްސްއާއެވެ. މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ޓްރިއޯ ލިންކް އިންވެސްޓްމެންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަދުހަމް އަލީއެވެ. މި މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި ވަނީ 1.2 މިލިއަން ރުފިޔާއަށެވެ.
ކޮވިޑްގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑު ޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހްލޫފް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
އަދި އެހެންމެ ކޮވިޑާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ ފަހަރެއްގެ މަތިން 35 މިލިޔަނެއްހާ ރުފިޔާ އުނިކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާތީ ކުޅިވަރާ ބެހޭ ވުޒާރާއިން ޕީއެސްއައިޕީގެ ތެރެއިންވެސް މަޑު ޖެހުމެއް އަންނާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.