ކޮރޯނާވައިރަހާ ހެދި ނިއު ޒީލޭންޑުގެ އާއްމު އިންތިހާބު ފަސްކޮށްފި

ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން -- ފޮޓޯ: އޭއެފްޕީ

ވެލިންޓަން (އޮގަސްޓު 17): ނިއު ޒީލޭންޑުގައި އަނެއްކާވެސް ކޮރޯނާވައިރަސް ފެތުރެމުންދާތީ، އެގައުމުގައި އަންނަ މަހުގެ 19ގައި ބާއްވަން އޮތް އާއްމު އިންތިހާބު ފަސް ކުރަން ބޮޑުވަޒީރު ޖަސިންދާ އާޑާން ނިންމަވައިފި އެވެ.

އާޑާން ވިދާޅުވި ގޮތުގައި އެ އިންތިހާބު ދެން ބާއްވާނީ އޮކްޓޯބަރު 17ގަ އެވެ. އަދި މިހާރު އޮތް ހާލަތުގައި ކެމްޕެއިން ކުރަން އޭރުން ކެންޑިޑޭޓުންނަށް އެކަށީގެންވާ ވަރަށް ވަގުތު ލިބޭނެ އެވެ.

"އެ ނިންމުމުގެ ސަބަބުން ހުރިހާ ޕާޓީއަކަށްވެސް ކުރިއަށް އޮތް ނުވަ ހަފްތާ ތެރޭ ކެމްޕެއިން ކުރުމަށާއި އިންތިހާބު ބޭއްވޭނެކަން ޔަގީން ކުރުމަށް އިލެކްޝަން ކޮމިޝަނަށް ވަގުތު ލިބޭނެ،" އާޑާން ވިދާޅުވި އެވެ.

ނިއު ޒީލޭންޑުގެ އާބާދީ ތެރެއިން ޓްރޭސް ނުކުރެވޭ ގޮތަކަށް ކޮރޯނާވައިރަހުގެ ކޭސްއެއް ނުފެންނަތާ 102 ދުވަސް ފަހުން މިމަހުގެ 11ގައި އެގައުމުން ވަނީ އަނެއްކާވެސް ބޮޑު ކްލަސްޓާއެއް ފެނިފަ އެވެ. އޭގެ ސަބަބުން ވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުގެ އޯކްލޭންޑް ވަނީ ފުރަބަންދުކޮށްފަ އެވެ. އަދި އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 58އަށް އަރައިފަ އެވެ.

އެ ކޭސްތަކާ ގުޅިގެން ކެމްޕެއިން ހަރަކާތްތައް ހުއްޓުމަކަށް ގެންނަން ޖެހިފައިވުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ވަނީ އިންތިހާބު ފަސް ކުރުމަށް މީގެ ކުރިން އެދިފަ އެވެ.

ނިއު ޒީލޭންޑުގެ ގާނޫނުތަކުގައިވާ ގޮތުން އާއްމު އިންތިހާބު ނޮވެމްބަރު 21ގެ ކުރިން ބާއްވަން ޖެހެ އެވެ. އަދި އާޑާން ވަނީ އިންތިހާބު އޮކްޓޯބަރު 17އަށް ވުރެ ފަސް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ނިއު ޒީލޭންޑުން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 1،631 މީހެކެވެ. އަދި އެގައުމުން ބަލީގައި މަރުވެފައި ވަނީ 22 މީހެކެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މީގެ ކުރިން އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އެގައުމުން އެ ފިޔަވަޅުތައް އެޅީ ހަތަރު ސްޓޭޖަކަށް ބަހާލައިގެންނެވެ. އަދި ހަތަރު ވަނަ ސްޓޭޖުގައި މުޅި ގައުމު ފުރަބަންދުކޮށް، އަސާސީ ހިދުމަތްތައް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ހުއްޓުމަކަށް ގެނެސްފައި 25 މާޗްއިން 27 އޭޕްރިލްއާ ޖެހެންދެން އޮތެވެ.

އެގައުމުން އިޖުތިމާއީ ގައިދުރު ކުރުމުގެ ހުރިހާ ފިޔަވަޅެއް އުވާލީ ޖޫން އަށެއްގަ އެވެ. އެއީ އެގައުމުން ވައިރަހުގެ ކޭސްއެއް ނުފެންނަތާ 17 ދުވަސް ފަހުންނެވެ. އަދި އެ ފިޔަވަޅުތައް އުވާލި ނަމަވެސް ނިއު ޒީލޭންޑުން އޮތީ އެގައުމަށް އަދިވެސް ވަދެވޭނީ ބޭރު ގައުމުތަކުން އަންނަ އެގައުމުގެ ރައްޔިތުންނަށް އެކަނި ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް