ވެރިކަމަށް ވާދަ ކުރަން ހެރިސްގެ ޝަރުތު ހަމަ ނުވާ ކަމަށް ބުނާ ވާހަކަތަކަށް ޓްރަމްޕް ހިތްވަރުދެއްވައިފި

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވަނީ އޭނާގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް ހިޔާރު ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮގަސްޓު 16): އެމެރިކާގެ ވެރިކަމަށް ވާދަ ކުރައްވަން ސެނެޓަރު ކަމަލާ ހެރިސްގެ ޝަރުތު ހަމަ ނުވާ ކަމަށް ބުނެ ދެކެވޭ ދޮގު ވާހަކައަކަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްވަރުދެއްވައިފި އެވެ.

ޓްރަމްޕް އެ ވާހަކަތަކަށް އަލިއަޅުއްވާލެއްވީ، ހެރިސްގެ މަންމަ އާއި ބައްޕައަކީ އެމެރިކާއަށް ހިޖުރަ ކުރި މީހުން ކަމުން ހެރިސްއަކީ އެގައުމުގެ ރައްޔިތަކަށް ވުމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ ނިއުސްވީކް މެގަޒިންގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެންނެވެ. އެއީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ލޯ ޕްރޮފެސަރެއް ކަމަށްވާ ޖޯން އީސްޓްމަން އޭނާގެ އަމިއްލަ ހިޔާލު ފާޅު ކުރައްވާ ލިޔުއްވި ލިޔުމެކެވެ.

އެ ލިޔުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އޭގައި ވަނީ ހަގީގަތެއްކަން އެނގި ނުލައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އީސްޓްމަން އަކީ ވަރަށް ހުނަރުވެރި ވަކީލެއް ކަމަށް ވިދާޅުވެ އޭނާއަށް ތައުރީފު ކުރައްވައިފަ އެވެ.

"އަޅުގަނޑު އަޑު އެހިން [ހެރިސްގެ] ޝަރުތު ހަމަ ނުވާ ކަމަށް. އެއީ ވަރަށް މޮޅު އަދި ހުނަރުވެރި ވަކީލަކު ލިޔުއްވި ލިޔުމެއް. އަޅުގަނޑަކަށް ނޭނގެ އެއީ ތެދެއް ކަމެއް. އަޅުގަނޑަށް ހީވަނީ [ހެރިސް] ނައިބު ރައީސް ކަމަށް ވާދަ ކުރަން ހިޔާރު ކުރުމުގެ ކުރިން ޑިމޮކްރެޓިކް ޕާޓީން އެކަން ބަލާނެ ހެން. ނަމަވެސް މިއީ ވަރަށް ސީރިއަސް ކަމެއް، އެމީހުން އެބުނަނީ ހެރިސް މިގައުމަށް އުފަން ނުވާތީ އޭނާގެ ޝަރުތު ހަމަނުވާ ކަމަށް،" ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕަށް ތާއިދު ކުރާ މީހުންގެ މެދުގައި ފުރަތަމަ ފެތުރެމުން އައި އެ ވާހަކަ ގައުމުގެ ރައީސް ޕްރޮމޯޓު ކުރެއްވުމުން އޭނާއަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި ގާނޫނީ މާހިރުން ވަނީ ހެރިސްގެ މަންމަ އާއި ބައްޕައަކީ އެހެން ގައުމުތަކުން އެގައުމަށް ދިޔަ މީހުން ކަމަށްވީ ނަމަވެސް ހެރިސް އުފަންވީ އެމެރިކާއަށްކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން އެގައުމުގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ހެރިސް ވާނީ އެގައުމުގެ ރައްޔިތަކަށް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، ހެރިސްގެ ރަށްވެހިކަމާ މެދު ސުވާލު އުފެއްދުން ގުޅިފައި ވަނީ ނަސްލީ އިމްތިޔާޒުތަކާ ކަމަށާއި އެއީ ދޮން ނަސްލު ނޫން އެހެން ނަސްލުތަކުގެ ކެންޑިޑޭޓުންނާ ބެހޭ ގޮތުން އަބަދު ވެސް ދައްކާ ވާހަކަތަކެއް ކަމަށް އެމެރިކާގެ ލޮޔޯލާ ލޯ ސްކޫލުގެ ޕްރޮފެސަރު ޖެސިކާ ލެވިންސަން ވިދާޅުވި އެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އުފަންވެވަޑައިގެންނެވީ ކެންޔާއަށް ކަމަށް ބުނާ ވާހަކަތަކަށް ތާއިދު ކުރައްވައިފަ އެވެ. އަދި އޮބާމާ އުފަންވެވަޑައިގެންނެވީ ހަވާއީއަށްކަން ސާބިތުކޮށްދޭ އުފަންދުވަހުގެ ސެޓްފިކެޓު އާއްމު ކުރުމުން، އެއީ އޮޅުވާލުމެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި ފަހުން ޓްރަމްޕް ވަނީ އޮބާމާއަކީ އެމެރިކާގެ ރައްޔިތެއްކަން މިހާރު ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް