ޕެނަމާ ކެނަލް އަތުލަން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް. ފޮޓޯ/ޖެޓީ އިމޭޖަސް

ޕެނަމާ ކެނަލް ހުރަސްކުރާ އެމެރިކާގެ އުޅަނދުތަކުން ފީ ނަގާ ކަމަށް ބުނެ އެ މަގު އަލުން އަތުލަން ޖެހިދާނެ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އެރިޒޯނާގައި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އެ ސަރަހައްދުގައި ޗައިނާގެ ނޫފޫޒު ގަދަވެފައިވާ ކަމަށާއި، އެ މަގު އެހެން ބައެއްގެ އަތަށް ދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންނާއި ވިޔަފާރިތަކާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން. ޕެނަމާއިން ނަގަމުން އަންނަ ފީތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ފީތަކެއް،" ޓްރަމްޕްގެ އަމިއްލަ ސޯޝަލް އެޕް ޓްރޫތުގައި ލިޔުއްވާފައިވެއެވެ.

އެކަމާ ގުޅިގެން ޕެނަމާގެ ރައީސް މުލީނޯ އާންމުކުރި ރެކޯޑް މެސެޖެއްގައި ވިދާޅުވީ ޕެނަމާގެ މިނިވަންކަމަކީ މަޝްވަރާ ނުކުރެވޭނެ ކަމެއް ކަމަށާއި ޕެނަމާކެނަލް ހިންގުމަށް ޗައިނާގެ ނުފޫޒެއް ނެތް ކަމަށެވެ. އަދި ޕެނަމާއިން ނަގާ ޕޭސޭޖް ރޭޓްތައް ވެސް ދިފާއު ކުރައްވައި ވިދާޅުވީ އެއީ އަވަސް އަރުވާލައިގެން ކަނޑައަޅާފައިވާ ރޭޓްތަކެއް ނޫން ކަމަށެވެ.

"ޕެނަމާ ކެނަލް އާއި ވަށައިގެންވާ ސަރަހައްދުގެ ކޮންމެ ސްކުއެއާ މީޓަރަކީ ޕެނަމާއަށް ނިސްބަތްވާ ސަރަހައްދެއް. އަދި އޮންނާނީ ވެސް ޕެނަމާ ސަރަހަދުގެ ގޮތުގައި،" މުލީނޯ ވިދާޅުވިއެވެ.

ޗައިނާއިން އެ މަގު ކޮންޓްރޯލް ނުކުރި ނަމަވެސް، ހޮންކޮންގުގައި ހުންނަ ސީކޭ ހަޗިސަން ހޯލްޑިންގްސްގެ ސަބްސިޑަރީ ކުންފުންޏަކުން ވަނީ އެ މަގުގެ ކެރިބިއަން އަދި ޕެސިފިކް އެންޓްރެންސްގައި ހުންނަ ދެ ބަނދަރެއް ގިނަ ދުވަސްތަކެއް ވަންދެން ބަލަހައްޓާފައެވެ.

އެމެރިކާއިން އެ މަގާއި ވަށައިގެންވާ ސަރަހައްދުތައް އެތައް ދުވަހެއް ވަންދެން ހިންގިއެވެ. ނަމަވެސް އެމެރިކާ އާއި ޕެނަމާއިން 1977 ވަނަ އަހަރު ދެ އެއްބަސްވުމެއްގައި ސޮއިކުރިފަހުން ޕެނަމާގެ ފުރިހަމަ ކޮންޓްރޯލަށް އެ މަގު އަނބުރާ ގެންދިއުމަށް މަގުފަހިވިއެވެ.

ޕެނަމާއަށް އެތަނުގެ ކޮންޓްރޯލް ލިބުނީ 1999 ވަނަ އަހަރުއެވެ.

އަހަރަކު 14،000 ބޯޓު ހުރަސްކުރުމުގެ ފުރުސަތު ލިބޭ ޕެނަމާ ކެނަލް އަކީ ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ %2.5 ހިއްސާކުރާ އަދި އެމެރިކާއަށް ވަރަށް މުހިންމު މަގެކެވެ. އޭޝިއާ އިން ކޮންޓެއިނަރު ބޯޓުތަކުން ވިޔަފާރި މުދާ އެތެރެކުރުމާއި، އެމެރިކާއަށް ލިކުއިފައިޑް ނެޗުރަލް ގޭސް ހިމެނޭ ގޮތަށް އެކި ކަހަލަ މުދާ އެ މަގުން އެކްސްޕޯޓް ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް