ފަރުވާއަށް ދިޔުމުގެ ކުރިން ސަންޖޭ "ސަޅަކް 2"ގެ މަސައްކަތް ނިންމާނެ

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު--

މިދިޔަ އަންގާރަ ދުވަހު ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ފިލްމީ މަސައްކަތުން ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިލާކަން ވަނީ ޓްވިޓާ މެދުވެރިކޮށް އަންގައިފަ އެވެ.

ސަންޖޭ ފިލްމީދާއިރާއާއި ދުރަށް ޖެހިލަނީ ބޭސްފަރުވާ އަށް އެމެރިކާއަށް ދިޔުމަށެވެ. ފުއްޕާމޭ ކެންސަރު ޖެހި ހަތަރު ވަނަ ސްޓޭޖުގައި ސަންޖޭ ހުރިއިރު އޭނާ ވަނީ ދާދިފަހުން ނޭވާ ހިތްލާތީ މުމްބާއީ ހޮސްޕިޓަލް ލީލާވާތީގައި އެޑްމިޓްވެސް ކޮށްފަ އެވެ. ސަންޖޭ ފިލްމީ ދާއިރާއިން ދުރަށް ޖެހިލާން ނިންމިއިރު މި މަހު ރިލީޒްކުރާ ފިލްމެއް އެބައޮތެވެ. އެއީ ސަންޖޭ ލީޑު ރޯލެއް ކުޅޭ ފިލްމު "ސަޅަކް 2"އެވެ.

ބޭސްފަރުވާއަށް އެމެރިކާއަށް ދިޔުމުގެ ކުރިން ސަންޖޭ "ސަޅަކް 2"ގެ ޑަބިން ނިންމާނެކަން ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފަ އެވެ. ފިލްމުގެ ބޮޑުބައި ސަންޖޭ ޑަބްކޮށް ނިންމާފައިވާއިރު ބާކީ ޑަބް ކުރަންޖެހޭނީ ވަރަށް ކުޑަ މަންޒަރުކޮޅެއް ކަމަށް ވެސް ޓީމުން ވަނީ ބުނެފަ އެވެ.

ސަންޖޭގެ ބަލިހާލަތު އެނގުމާ އެކު "ސަޅަކް 2"ގެ ލީޑު ތަރި އާލިއާ ބަޓް ވަނީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު ސަންޖޭގެ ގެއަށް ގޮއްސައެވެ. އާލިއާ އާއި ސަންޖޭ ވަނީ މީގެ ކުރިން "ކަލަންކް"ގައި ވެސް މަސައްކަތްކޮށްފަ އެވެ.

comment ކޮމެންޓް