ކުޑަރިކިލު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ބ. ކުޑަރިކިލުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު --- ޔޫތް މިނިސްޓްރީ

ބ. ކުޑަރިކިލުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ހަދަމުން ދިޔަ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައި ބޭނުން ކުރަން ފަށައިފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ކުޑަރިކިލު ކައުންސިލާ ހަވާލުކޮށްފައިވާ މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ހެއިޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއިރު، މި ދަނޑުގެ މަސައްކަތަށް ގާތްގަނޑަކަށް 1.23 މިލިޔަން ރުފިޔާ ޚަރަދުވި ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ފެންވަރު ރަނގަޅު ޓާފްއަކާ އެކު ކުޑަރިކިލުގައި އެޅި ފުޓްސަލް ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓުވެސް ހަރުކޮށްފައިވާ އިރު މި ދަނޑު އަންހެން އަދި ފިރިހެން ބޭފުޅުންނަަށް ފުޓްސަލް ކުޅުމަށާއި، ދުޅަހެޔޮ ހަށިހެޔޮ ޕްރޮގުރާމުތައް ޖެއްސުމަށް ވެސް ބޭނުން ކުރެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ ކުޑަރިކިލު ޒުވާނުން އެދުނު ގޮތަށް ކަމަށެވެ.

"މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުންމީދު ކުރަން. އަދި އެހެންމެ ދަނޑުގެ މަސައްކަތް ނިންމާލުމަށް ކުޑަރިކިލު ކައުންސިލާއި ޒުވާނުން ދެއްވި އެހީތެރިކަމަށް ވެސް ޝުކުރު އަދާ ކުރަން." މަހްލޫފް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑު ޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހްލޫފް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރަށްރަށުގައި އަޅާ ބޮޑު ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތުގެ ތެރެއިން މިއަހަރު އެކަނި ވެސް 13 ރަށެއްގެ ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، އިތުރު 22 ރަށެއްގެ ދަނޑުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް ފިނޭންސް މިނިސްޓްރީގެ ލަފާ ހޯއްދަވާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް