ލަންދޫ ބަނދަރު ހަދަން ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސްފި

ލަންދޫ ބަނދަރު ހަދަން ގެންދިޔަ ސާމާނު އެރަށަށް ބާލަނީ --- ފޮޓޯ/ އެމްޓީސީސީ

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ބަނދަރު ޑިޒައިންކޮށް ތަރައްގީކުރުމަށް ބޭނުންވާ ބައެއް އިކުއުޕްމަންޓާއި މެޝިނަރީ އެރަށަށް ގެންގޮސްފި އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގައެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 401 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ޕްރޮޖެކްޓްގައި ހިމެނޭ އިތުރު މަސައްކަތުގެ ތެރޭގައި 1280 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަށް 35.60 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް