އާޒިމް އާއި ދެތިން މެމްބަރަކު އުޅެނީ ސަރުކާރު ހަލާކުކޮށްލަން: މަހްލޫފް

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ދެތިން މެމްބަރަކު މަސައްކަތް ކުރައްވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަލާކުކޮށްލަން ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ތުހުމަތު ކުރައްވައިފި އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އާޒިމް ވާހަކަދައްކަވަނީ، ކަމެއް ގޯސްކޮށް ކޮށްފައި އޮވެގެން ނޫން ކަމަށާއި، ހަމައެކަނި ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

އާޒިމްގެ ބޭނުމަކީ މަހްލޫފްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރުން ކަމަށް މަހުލޫފް ވިދާޅުވި އެވެ. ނަމަވެސް އޭނާ އަކީ މަގާމު ގެއްލިދާނެތީ ބިރުން، ބުނިހާ ގޮތެއް ހަދައިގެން ހުންނާނެ ކަހަލަ މީހެއް ނޫން ކަމަށާއި، އެކަން އާޒިމް އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ވަޒީރެއް ވީމައި ދީފަ އޮންނަ ކާރު ދުއްވާ ހިތުން އެތާ އިންނަ މީހެއް ނޫން. އަޅުގަނޑަކީ އަޅުގަނޑު ކައިރިއަށް ސެކިއުރިޓީ ލައިގެން އުޅޭ މީހެއް ނޫން. އަޅުގަނޑަކީ ވަރަށް އާދައިގެ ކޮށް އަބަދުވެސް ރައްޔިތުންނާ އެކު ބޭރަށް ބޭނުން އިރަކު ގޮސް، ކުޅެލާ، މީހުންނާ އެކީ ކޮފީ ބޯލާ މިހެން އުޅޭ މީހެއް. އެހެންވީމަ މި މަގާމު ގެއްލިދާނެކަމުގެ ބިރަށް، އަލީ އާޒިމު ދައްކާ ބިރުގައި ޖެހިގެން ކަމެއް ކޮށްފާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެއް،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު ކަމުގެ މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސް ސޯލިހު ކަމަށާއި، އެހެންކަމުން އޭނާ ކުރައްވާނީ ރައީސް ވިދާޅުވާ ކަމެއް އެކަނި ކަމަށެވެ.

މަހްލޫފް ވިދާޅުވީ އާޒިމް އެންމެ ބޮޑަށް ބޭނުންވަނީ އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް ވަކިކުރަން ކަމަށާއި، އަދި އެކަން ކުރުމަށް އާޒިމް އާއެކު މަސައްކަތް ވެސް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސްޕޯޓްސް މިނިސްޓަރަކަށް އަބަދު އެފްއޭއެމް އާއި އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ ތަޅާފޮޅަން ނުހުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް، ސިޔާސަތުތައް އެކުލަވާލި އިރު ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް ހަރު އަޑުން ވާހަކަދައްކާފައި ވާއިރު، މިއަދު އެކަން ކުރުމުގެ ފުރުސަތެއް ކަމަށެވެ.

"އަލީ އާޒިމް ބުނެގެންނާ ކިޔާފައި ކުޅިވަރު ހަލާކުކޮށްލާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ މަދު މެމްބަރުންތަކެއް ހިމެނޭގޮތުން، ވަޒީރުންނަށް ބިރުދައްކައި އެމްޑީޕީގެ ސަރުކާރު ހަލާކުކޮށްލަން މަސައްކަތް ކުރާ ކަމަށާއި، އެހެން ނަމަވެސް އެކަން ކާމިޔާބު ވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ ގިނަ މެމްބަރުންނާއި ވަޒީރުން ވަރަށް ގުޅިގެން މަސައްކަތް ކުރަމުން އައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރު ހަލާކުކޮށްލަން މަސައްކަތް ކުރާ މެމްބަރުންގެ ތެރޭގައި އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ސީދާ ތުހުމަތު ކުރެއްވި އެވެ.

"އަލީ އާޒިމް އަކަށް އަޅުގަނޑަށް ޔަގީން ޕީޖީ ގްރޫޕުގެ ތާއީދުވެސް ނޯންނާނެ، އަޅުގަނޑު ގާތު ޕީޖީ މެމްބަރުން އެބަ ވިދާޅުވޭ އަލީ އާޒިމް އަކީ ގަދަބާރުން މުއްދަތު ހަމަވީމަވެސް އެތާ ހުރި މީހެއް ކަމަށް. ދެން އެތަނުގައި އަލީ އާޒިމް ހުންނަވައިގެން މުޅި މި އެމްޑީޕީ ހަލާކުވާގޮތަށް، ވަރުގަދަކޮށް އޮތް ސަރުކާރެއް ހަލާކުވާ ގޮތަށް މަސައްކަތް ކުރުމަކީ އަޅުގަނޑަށް ހިއެއް ނުވޭ ރަނގަޅު ކަމެއް ހެނެއް. އެހެންވީމަ ވަރަށް އެދެން އެހެން ކަންތައް ނުކުރައްވާ އެ މަސައްކަތް ހުއްޓާލަން،" މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް