ސަފާރީތަކުން ފުރާ ފަތުރުވެރިންގެ ސާމްޕަލް ނެގުން ހުޅުމާލޭގައި

ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ނެޝަނަލް ބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުގައި، ސިނާއަތުގެ އެންމެހައި މަސްލަހަތުވެރިން ދަނީ ސަލާމަތީ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.

ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ފަހުން، ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލީ "ނިއު ނޯމަލް" އަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވުމަށްފަހުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް، ރާއްޖެއިން ފުރާ ފަތުރުވެރިން ޓެސްޓު ނުކުރެވި، މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އެންބީއޭއެމް އިން ބުނީ ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރް ޓެސްޓުހެދުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޝާއިއުކޮށްފައިވާ ސާކިއުލާއާ ގުޅިގެން، ޓޫރިޒަމް މިނިސްޓްރީ، އެޗްޑީސީ، އެޗްޕީއޭ އަދި ފުލުހުންނާ ގުޅިގެން ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށެވެ.

އެހެންކަމުން ސާމްޕަލް ނެގުން އިންތިޒާމް ކުރުމަށް ފަތުރުވެރިންގެ ތަފްސީލުތައް އެންބީއޭއެމް އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު (7970033) މެދުވެރިކޮށް ކުރިއާލާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

އަދި ފަތުރުވެރިން ފުރަން ދާއިރު ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު ކުރިން ސާމްޕަލް ނެގުމަށް ސަމާލުކަން ދޭން ވާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ޓޫރިސްޓު ޓެސްޓް ކުރުމުގައި ދަތިވާތީ، ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯސީ) އިން އެކަން ކޮށްދިނުމަށް ވަނީ ނިންމައިފައެވެ.

ސަރުކާރުން ވަނީ އެއާޕޯޓުގައިވެސް ޓެސްޓިން ފެސިލިޓީއެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ނަމަވެސް އެ ފެސިލިޓީ ގާއިމް ކުރެވޭނީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ.

ބައެއް ރިސޯޓްތަކުގެ ހަރަދުގައި އަމިއްލައަށް ވެސް ކޮވިޑް ޓެސްޓިން ފެސިލިޓީ ގާއިމްކޮށްފައިވެ އެވެ. އެގޮތުން، ސޮނޭވާ ރިސޯޓްސް އިން ހަރަދުކޮށްގެން ނ. މާފަރު އެއާޕޯޓްގައި ވަނީ ކޮވިޑް ޓެސްޓް ލެބެއް ގާއިމްކޮށްފަ އެވެ.

އިމިގްރޭޝަން އިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު 15 އިން ފެށިގެން އެ މަހުގެ ނިޔަލަށް 1،769 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

comment ކޮމެންޓް