މަޖިލީސް ރައީސްގެ ވާހަކަ ނާޝިޒު ދޮގުކުރައްވައިފި

މާލިއްޔަތު ކޮމެޓީގެ މުގައްރިއު ނާޝިޒު: އެ މަގާމުން އިސްތިއުފާ ދިނުމަށް ބޮންޑޭ ވަނީ ގޮވާލާފައި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކާއި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެކަން ދޮގުކުރައްވައިފި އެވެ.

މެންބަރުންގެ ލަފަޔާއި އިރުޝާދަކަށް އެދި ރިިޔާސަތުން ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ފިލާފައި ނުވާ ކަމަށެވެ.

ނަމަވެސް ނާޝިޒު ވަނީ ތަފުސީލުކޮށް ކޮންމެ ލޯނަކާ ގުޅޭ މައުލޫމާތު މަޖިލިހަށް ލިބުނު ދުވަހާއި ލިބުނު ސިޓީގެ ނަންބަރާ އެކު ވިދާޅުވެދެއްވައިފަ އެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެ ތަފްސީލްތައް މަޖިލީހަށް ލިބިފައި އޮތް ކަމަށް ނާޝިޒު ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ، އެ ތަފްސީލް ލިބިފައިވާ ނަމަ ވަރަށް ރަނގަޅު ކަމަށެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން ނާޝިޒް ވިދާޅުވީ މުއައްސަސާތަކުން މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ނަމަ އެކަން ރިޔާސަތާއި ކަމާ ގުޅުން ހުރި ކޮމެޓީތަކުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ލޯނެއްގެ މައުލޫމާތު މަޖިލީހަށް ނުލިބިގެން އެކަން މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅައިފައި ނުވާ ކަމަށެވެ.

ނަޝީދު މަޖިލީހަށް ނުލިބޭ ކަމަށް ވިދާޅުވާ ސިނަމާލެ ބްރިޖާ ގުޅޭ ލޯންގެ މައުލޫމާތު ޑިސެމްބަރު 25، 2018ގައި މަޖިލީހަށް ލިބިފައިވާ ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ. އަދި ސަނީ ސައިޑް ބޮންޑްގެ މައުލޫމާތު ޖުލައި 16، 2018ގައި މަޖިލީހަށް ލިބިފައިވާ ކަމަށާއި އަބޫދާބީ ބޮންޑުގެ މައުލޫމާތު ވެސް 2018ގައި މަޖިލީހަށް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވި އެވެ. އަދި ސޭލާން ޕަބްލިކް ބެންކަށް ދައުލަތުން ދީފައިވާ ގެރެންޓީގެ މައުލޫމާތު ޑިސެމްބަރު 25، 2018ގައި ލިބިފައިވާ ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ. އޭނާ ވަނީ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީތަކުގެ ނަންބަރު ވެސް ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިފަދަ މައުލޫމާތުތައް މިކަހަލަ ބައެއް ފެކްޓްސް ނުހިމެނޭ ގޮތަށް ނޫނިއްޔާ ހަގީގަތާ ހިލާފު ވާގޮތަށް ގެނެސް އިއްޒަތްތެރި ރައީސްގެ ސަމާލު ކަމަށް ގެނެވި މިކަންކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިގޮތަށް މަޝްވަރާ ކުރެވޭ ހިސާބަށް ދާއިރު މީގައި ބަލަން ޖެހޭ ވަރަށް ނުބެލި އޮތްއޮތުން މިއީ އަޅުގަނޑު ކުށްވެރި ކުރާ ކަމެއް،" ނާޝިޒް ވިދާޅުވި އެވެ.

comment ކޮމެންޓް