ދަރަނި މެނޭޖް ކުރުމުގައި މިނިސްޓަރު އަމީރު އިހުމާލުވޭ: މަޖިލިސް ރައީސް

މިނިސްޓަރު އަމީރު: ދައުލަތުގެ ދަރަނި މެނޭޖް ކުރުމުގައި މިނިސްޓަރު އިހުމާލުވެފައިވާ ކަމަށް ނަޝިދު ވަނީ ވިދާޅުވެފައި -- ފައިލް ފޮޓޯ/ މަޖިލިސް

ދައުލަތުގެ ދަރަނި މެނޭޖް ކޮށް ބެލެހެއްޓުމުގައި ނިމިދިޔަ ސަރުކާރުގެ އިތުރުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިހުމާލުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ރައީސް ނަޝީދު، ވަނީ މެންބަރުންގެ ލަފަޔާއި އިރުޝާދަކަށް އެދިފައެވެ، އެއީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ފިލާފައި ނުވާކަމުން އަދި ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކަމާއި ގުޅޭ ގާނޫނާއި އެއްގޮތަށް ހިނގަމުން ނުދާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކާއި ލަފަޔަކަށް އެދި އެވެ.

ދައުލަތުގެ ލޯނުތަކާއި ގެރެންޓީ އާއި ބޮންޑްތައް ނަގާތާ ނުވަތަ ދޫކުރާތާ 30 ދުވަހުގެ ތެރޭގައި އެކަމުގެ ތަފްސީލް މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އެކިއެކި ފިނޭންސް މިނިސްޓަރުން އެ މައުލޫމާތު މަޖިލީހަށް ފޮނުވާފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް މަޖިލީހަށް ފޮނޮވާފައިވާ އެ މައުލޫމާތުތަކާއި ފިނޭންސް މިނިސްޓްރީން އެއްކޮށްފައިވާ ތަފާސް ހިސާބުތަކުގައި ފުށުއެރުންތަކެއް ހުރި ކަން ނަޝިދު ފާހަގަކުރެއްވި އެވެ.

"އެހެން ކަމުން ދައުލަތުގެ ދަރަނީގެ ނިސްބަތަކީ ކޮބައިކަން ސާފެއް ނުވޭ. ދައުލަތުގެ ދަރަންޏެއް އުފެދުމުން ސަރުކާރުން އަމަލު ކުރަން ޖެހޭ ގޮތް ގާނޫނު ނަންބަރު 3/2006 ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގާނޫނު ނަންބަރު 7/2013 ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ވަރަށް ސާފުކޮށް ބަޔާން ކުރޭ އޭގެ ތެރޭގައި ލޯނެއް ނެގުމަށްފަހު ނުވަތަ ގެރެންޓީއެއް ދިނުމަށްފަހު އެ ލޯނާއި ގެރެންޓީގެ ކަންކަން ބަލަހައްޓާ މެނޭޖް ކުރާނެ މެކޭނިޒަމްގެ ބަޔާންކޮށްފައިވޭ. އެހެން ނަމަވެސް އެއާ އެއްގޮތަށް ކުރީ ސަރުކާރުން އަމަލުކޮށްފައިނުވާ ކަމާއި އަދި މިހާރުގެ މިނިސްޓްރީ އޮފް ފިނޭންސް އިން ވެސް އަމަލު ކުރަމުން ނުގެންދަވާކަން އަޅިގަނޑަށް ފާހަގަވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލައަށް ބަހުސް ކުރެއްވި ބައެއް މެންބަރުން ވަނީ ލޯނުތަކުގެ ތަފްސީލް ހޯދުމަށް ހާއްސަ އޮޑިޓެއް ކުރުމަށް ގޮވާލާފަ އެވެ. އަދި އެކަމަށް އިހުމާލުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ބައެއް މެންބަރުން ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ވަކި މުއްދަތެއްގެ ދަރަނީގެ ތަފްސީލް ހޯދުމަށް ހުށަހެޅުމުން އިދިކޮޅު މެންބަރުން ވަނީ ނުރުހުން ފާޅަކޮށްފަ އެވެ.

"އަޅުގަނޑު ހުށަހާޅާފައި މިއޮތް މައްސަލައަކީ ދައުލަތުގެ ދަރަނި ސާފުނުވާ މައްސަލަ. ދައުލަތުގެ ދަރަންޏަކީ ކޮބައިކަން އަޅުގަނޑުމެނަށް ސާފުވާން ޖެހޭނެ ކަން. އެއީ އެއް މައްސަލަ. ދެވަނަ މައްސަލައަކީ ދައުލަތުގެ ދަރަނި މިހާރުގެ ވަޒީރު މެނޭޖް ކުރައްވަމުން ނުގެންދަވާކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް