ފުން އަސަރު ކުރުވައިފިއޭ... 17

ފުން އަސަރު ކުރުވައިފިއޭ ކަވަރު

މަންމަ އާއި އެކުގައި އަހަރެން އެގެއަށް ދިޔައީ، މަންމަ ކުރުނުކޮށް ކިޔަން ފެށުމުންނެވެ. އަޒްމަން އުޅުނީ ކޮޓަރީގަ އެވެ. މަންމަ ގޮސް ދޮރު ހުޅުވައިލުމަށްފަހު އަހަރެން އެތެރެއަށް ވައްދައި ދޮރު ޖަހައިފި އެވެ.

ކޮޓަރި ތެރެއިން ފެނުނު މަންޒަރަކުން އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ.

********

އަޒްމަން އޮތީ ބަންޑުންވާހެން އެނދުގައި އޮށޯވެލައިގެންނެވެ. ކައިރީގައި އިށީނދެލައިގެން އެއިނީ، އަހަންނަށް އައު މޫނެއް ނޫނެވެ. އެއީ ނައިޝާ އެވެ.

އަހަރެން ފެނުމުން، ނައިޝާގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ. އޭނަ ކުރިއަށްވުރެ ބޮޑަށް އަޒްމަން އާއި ކައިރިއަށް ޖެހިލައިފި އެވެ. އަޒްމަންގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލިގޮތުން، އަހަރެންގެ ޚިއްސުތަކުގައި އަލިފާން ރޯވި ހެން ހީވި އެވެ. ނަފުރަތުގެ އަލިފާނުގައި މުޅި ނަފުސު އަނދައި ދިޔަ ކަހަލަ އެވެ. އައި ރުޅީގައި ދެއަތް މުށްކަވައިލެވިއްޖެ އެވެ.

އަޒްމަން އޭނާ އޮތް ތަނުން ގުޑިވެސް ނުލި އެވެ. އަނެއް ފަރާތަށް އެނބުރި ބަލައިލި ނަމަވެސް އަހަރެން އެތަނުގައި ހުރިކަން އެނގުނީހެވެ. ނައިޝާގެ އަތުގެ ހަރަކާތްތައް މާ މައްޗަށް ދާން ފެށުމުން ކަންނޭނގެ އެވެ. އަޒްމަން އެ އަތް ފޮޅުވައިލި ތަން ފެނުނެވެ. އެވަރުން ވެސް ނައިޝާ އޭނާގެ އަމަލުތަކެއް ނުހުއްޓި އެވެ. ކުރިއަށްވުރެ ބޮޑަށް އަޒްމަން އާއި ގާތަށް ޖެހިލައިފި އެވެ.

އަހަންނަށް ކެތްކޮށް ލެވުނީ، ކުޑަ ހިނދުކޮޅަކަށެވެ. އެ މަންޒަރު ބަލާކަށް ކުޅަދާނައެއް ނުވި އެވެ. މުޅި ހަށިގަނޑަށް ހީވީ އާދަޔާ ޚިލާފު ބާރެއް ލިބުނު ހެންނެވެ. އެދިޔަ ބާރުމިނުގައި ގޮސް ނައިޝާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނަގައިފީމެވެ.

"އައްދިއްޔޯތް..." ނައިޝާ ރޮއެގަތެވެ.

ކަންނެތް ގޮތަކަށް ފުރޮޅިލުމަށްފަހު، އަޒްމަން ފަސްއެނބުރި ބަލައިލީ ދެނެވެ. އަހަރެން ފެނުމާއިއެކު، އެ މޫނުމަތިން ފެނުނު ނިދީގެ އަސަރުތައް ވެސް ފިލައި ދިޔަ ހެން ހީވި އެވެ. ސިކުންތުކޮޅެއް ވެސް ނުވަނީސް ފެނުނީ ފުންމައިގެން ކޮޅަށް ތެދުވި ތަނެވެ.

"ނީހާ!..." އަޒްމަން ގޮވައިލީ ޤަބޫލު ނުކުރެވިފައިވާ ކަހަލަ ރާގެއްގަ އެވެ. އެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ވެސް އެކުލެވިގެން ވިއެވެ.

ނުރޯން ދެ ތުންފަތް ފިއްތާލައިގެން ހުރި ނަމަވެސް، ގިސްލުމުގެ އަޑު ބޭރުވެއްޖެ އެވެ. ދެލޯ ފުރުނު ކަރުނަތައް ބަންޑުންވާކަށް ގިނަ އިރެއް ނުނެގި އެވެ. ހިތުގައި ފުނިޖެހިފައިވި ޝަކުވާތައް އެ ކަރުނަތަކާއި އެކުވެގެން ބޭރުވާން ފެށި އެވެ. އަހަންނާއި ވަކިވެގެން ގޮސް އަޒްމަން އެ އުޅުނީ، އެހެން އަންހެނަކާއި އެކު ހެއްޔެވެ؟ އެ ދެމީހުން ކައިވެނި ކުރީ ހެއްޔެވެ؟ އެވަރުގެ ކަމެއް ވީއިރު އަޒްމަންގެ މަންމައަށް އެކަން ސިއްރުވެފައި އޮވެދާނެ ހެއްޔެވެ؟

ނައިޝާގެ ގައިން އަތް ދޫކޮށްލި އިރުވެސް އަހަރެންގެ ނަޒަރު އަމާޒުވެފައި ވަނީ އަޒްމަން އަށެވެ. ޝަކުވާގެ ބެލުމަކުން އެ މޫނަށް ބަލަން އަހަރެން ހުރީ، އޭނަ އާއިމެދު ކުޑަކޮށް ވެސް އެފަދަ ކަމަކަށް އުއްމީދެއް ނުކުރަމޭ ބުނާފަދަ ނަޒަރަކުންނެވެ.

"ގޮތްކުޑަ އަންހެނާ!..." ނައިޝާ އުޅުނީ އަހަރެންގެ މޫނުމަތީގައި ޖަހާށެވެ.

އަޒްމަން އައިސް އެ އަތުގައި ހިފައި ހުއްޓުވައިފި އެވެ. އަހަރެން މަޑެއް ނުކުރަމެވެ. ކެހިވެރިކަމުގެ ދަލެއްގައި ޖެހުނުކަމުގެ އިހުސާސާއިއެކު މުޅި ދުނިޔެ މަލާމާތް ކުރާހެން ހީވި އެވެ. ނޭވާއަށް އުނދަގޫވާހެން ހީވާން ފެށުމުން ފުންކޮށް ދެތިން ނޭވާއެއް ދޫކޮށްލެވިއްޖެ އެވެ.

"ނީހާ!... މަޑުކޮށްބަލަ.." އަޒްމަން އަނެއްކާ ވެސް ގޮވައިލި އެވެ.

އަހަރެން މަޑެއް ނުކުރަމެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ތަޅުގައި ހިފާލައިފީމެވެ. އަޒްމަން އައިސް އަހަރެންގެ އަތުގައި ހިފައި ހުއްޓުވައިފި އެވެ. ވަގުތުން އެ އަތް ފޮޅުވައިލީމެވެ. އެތަނުގައި އަހަރެންގެ ލޭ ކެކެނީ އެވެ. ދުވަހަކު ނާންނަހައި ރުޅި އަތުވެއްޖެ އެވެ. ނައިޝާ ފެނުމުން، އަހަރެންގެ ކެތްތެރިކަން ކޮޅުންލީ، އަޒްމަން ދެކެ ވާ ސާފު ތެދުވެރި ލޯތްބެއްގެ ސަބަބުންނެވެ.

"ނީހާ ޕްލީޒް... އަހަރެން ދައްކާ ވާހަކަ...." ވާހަކަ ދައްކަން އަޒްމަން މަސައްކަތް ކުރި އެވެ.

އަހަރެން ދޮރު ހުޅުވާލާފައި ބޭރަށް ނުކުތީ އެވެ. ދޮރުމަތީގައި މަންމަ ހުއްޓެވެ. އަހަރެން ހުރިގޮތް ފެނުމުން، އަހަންނާއި ދިމާއަށް އަންނަން އުޅުނެވެ. މޫނުގައި ދެއަތް އަޅަމުން، ދުއްވައިގަނެވުނީ، އަހަރެންގެ އިހުސާސްތައް އެ މަންމައަށް ހާމަކުރަން ބޭނުން ނުވާތީ އެވެ.

އަހަރެންގެ ފަހަތުން އަޒްމަން ވެސް ނުކުތެވެ. ގެއާއި ހަމައަށް އޭނާ އައެވެ. އަހަރެން އައިސް ގެއަށް ވަދެވަދެ ހުއްޓައި އޭނާގެ ބާރުގަދަ ދެއަތުގެ ތެރޭގައި އަހަރެން ހައްޔަރުކޮށްލައިފި އެވެ.

"ނީހާ!... ތި ވިސްނަނީ ގޯސްކޮށޭ..." އަޒްމަން ބުންޏެވެ.

އެ ދެލޮލުގައި ނޭނގޭ ރިހުމެއްގެ އަސަރު ވިކަން ފާހަގަ ވިއެވެ. އެ ނަޒަރުގެ ތެރޭގައި ޤައިދުވެގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި އެހެން ދިމާއަކަށް ނަޒަރު ހުއްޓާލައިފީމެވެ.

"އަހަންނަށް ތިހެން ތިހަދަނީ އަހަރެން ނިކަމެތި ވީމަތަ؟... އަހަރެންގެ އަތުގައި އަޒްމަންއަށް ދޭނެ އެއްޗެއް ނެތީމަތަ؟..." އަރު ބެދި ވާހަކަ ދައްކަން އުނދަގޫވި ނަމަވެސް، އެ ޝަކުވާތަކުގެ އަޑު ބޭރުވެއްޖެ އެވެ.

"ނީހާ!..." މިފަހަރު އަޒްމަން ގޮވައިލީ ތަންކޮޅެއް ބާރަށެވެ.

އަަހަރެން ދެއްކި ވާހަކައިން އޭނާ ހިތްހަމަނުޖެހުނު ކަން އެނގުމުން ވަކީން ދެރަ ވިއެވެ. މިއަދު ހިތްހަމަނުޖެހެންވީ އަޒްމަން ހެއްޔެވެ؟ ނޫނީ އަހަރެން ހެއްޔެވެ؟ އެތައް ދުވަހަކު އަޒްމަންއަށްޓަކައި އަހަރެން މިކުރި އިންތިޒާރުގެ ނިމުން ހިތިވީ ކާކުގެ ކުށަކުން ހެއްޔެވެ؟ އަހަރެން ހުރީ އަހަރެންގެ ގޮތުގަ އެވެ. ބަދަލެއް ނުވަމެވެ. އެކަމުގައި ވެސް ކުށްވެރި މިވީ އަހަރެން ހެއްޔެވެ؟

"އަހަރެންގެ ހަޤީޤަތް އެނގިއްޖެއްޔާ، ނީހާ ތިހާ ވަރުން އަހަންނާ ހެދިއެއް ނޫޅޭނެ..." އަޒްމަންގެ އަޑު ކުރެހުނެވެ. އަހަރެންގެ ގައިން ދޫކޮށްލަމުން އޭނަ ކުޑަކޮށް ދުރަށް ޖެހިލައިފި އެވެ.

"އަޒްމަން!..." ބޭ އިޚްތިޔާރުގައި އަޒްމަންގެ އަތުގައި ހިފައިލަމުން އަހަންނަށް ބުނެވުނެވެ. ހިތް ބުނީ އޭނަ އެހެން އެ ބުނީ، އަހަންނާއި ދުރަށް ދާން ބޭނުންވެގެން ހެންނެވެ.

އަހަންނަށް ބަލަހައްޓައިގެން އަޒްމަން އިރުކޮޅަކު ހުއްޓެވެ. ދެން ކުއްލިއަކަށް އަހަރެންގެ އަތުގެ ތެރެއިން އަތް ދަމައިގަނެފައި އެތަނުން ދާން އުޅުނެވެ. އަހަރެން އެއްލި އަތުން ހިފުނީ އަޒްމަން ލައިގެން ހުރި ގަމީހުގަ އެވެ.

"ކީއްވެ؟... އަހަރެންގެ ހިތަށް ތަދުކޮށްގެން އަޒްމަންއަށް ލިބެނީ ކޮން އުފަލެއްތަ؟..." އަހަންނަށް ގިސްލެވެން ފެށުނެވެ. އަޒްމަންގެ އެ ދުރުކަން ބަރުދާސްތެއް ނުކުރެވުނެވެ.

"ނީހާ.!.. ޕްލީޒް... މީހަކަށް ފެނިދާނެ... މީ މަގުމައްޗޭ..." އަޒްމަން ކަންބޮޑުވެފައި ދެފަރާތް ބަލައިލަމުން ބުންޏެވެ.

"މީހަކަށް ފެނިދާނެތީތަ ކަންބޮޑުވީ؟... އަހަންނަށް މިވަރު ވާއިރު، ތި ހިތަށް ހަމަ އެކައްޗެއްވެސް ނާރަނީތަ؟..." މޭގައި ހިފަހައްޓައިލަމުން އަހަރެން ބުނީމެވެ.

ދެންވެސް އަހަންނަށް ބަލަހައްޓައިގެން އަޒްމަން ހުރީ އެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި ކަހަލަ ގޮތަކަށެވެ. އެ ދެލޮލުގައި ވިދަމުން ދިޔައީ ކަރުނަ ކަމުގައި ޤަބޫލު ކުރަން ހިތް ދެކޮޅު ހެދި އެވެ. އެތައް އިރެއް ވީއިރުވެސް އަޒްމަން އެއްޗެއް ނުބުނުމުން، އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ.

"އަހަރެން ރަށަށް ގެންގޮސްދީ..."

އަހަރެން އެހެން ބުނީ، އެގޮތް ބޭނުންވެގެނެއް ނޫނެވެ. އަޒްމަންގެ އަމަލުތައް ހުރިގޮތުން ހިތަށް ތަދުވީ ވަރުންނެވެ.

"ތީ ނީހާ ބޭނުންވާ ގޮތް ކަމަށް ވަންޏާ، އަހަރެން ތިކަން ކޮށްދޭނަން..." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި އަޒްމަން ބުންޏެވެ.

އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާ އެވެ. ހިތިގޮތަކަށް ހިންދިރުވައިލެވުނެވެ. ކުރިމަތީގައި އެހުރީ ހަމަ އަޒްމަން ހެއްޔެވެ؟ އަހަރެންގެ ހިތާމަތަކުގައި ބައިވެރިވެ، އަޅާލުމާއި އޯގާތެރިކަމުން އުނގު ފުރާލަދިން ބައިވެރިޔާ ހެއްޔެވެ؟ ނޫނެކެވެ. އެއީ އަހަރެން ދަންނަ އަޒްމަން އެއް ނޫނެވެ. އަހަރެން ދަންނަ އަޒްމަން އަކީ، އަޅާލުމާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ. އެފަދަ ގޮތަކަށް އަހަރެންގެ ހިތަށް ތަދު ކުރާކަށް އޭނަގެ ހިތަކަށް ކުޅަދާނަ އެއް ނުވާނެ އެވެ.

އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އަނގަމަތީގައި އަތް އަޅައިލެވުނީ، އަޑުން އަޑު ނަގައި ރޮއެގަނެވިދާނެތީ އެވެ. ދުވެފައި ގޭތެރެއަށް ވަނީމެވެ. ކިތަންމެ އުނދަގޫވި ނަމަވެސް، އަޒްމަންގެ ނަން އަހަރެންގެ ހިތުން ފޮހެލުމަށް ނިންމައިގެންނެވެ.

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު އަހަރެން މުޅިން މާޔޫސް ކުރުވައިފި އެވެ. ރަށަށް ދާން ހުރިހާ ކަމެއް ހަމަޖައްސައިދިނުމަށް އަހަރެން އެދުނީ، އަޒްމަންގެ މަންމަގެ ކައިރިންނެވެ. މަންމަ ފާޅުގައި އެކަމަށް ދެކޮޅު ހެދި އެވެ. އެވަރުންވެސް ދުލެއް ނުކުރަމެވެ. ކުރުނުކޮށް ކިޔަން ފެށުމުން ވެސް، އެ ވާހަކަތަކަށް ދިނީ ބީރު ކަންފަތެކެވެ.

"މަންމައަށް އެނގޭ ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަން... އަޒްމަން އެއުޅެނީ މަންމައަށް ވެސް އެކަމެއް ސިއްރު ކޮށްގެން... ބައްޕަ ވެސް ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރޭ... އަޒްމަން، ބައްޕަ ގޮވައިގެން ބޭރަށް ދިޔަ ކަން އެނގުނީ ވެސް އެމީހުން ފުރި ފަހުން... ދަރިފުޅު ދެރަވެދާނެތީ، މަންމަ އެ ވާހަކަ ނުބުނީ... ދަރިފުޅާ!... އަޒްމަން ދޫކޮށްލާފަ ނުދޭ... މި މަންމައަށް ޔަޤީން އޭނަ ދަރިފުޅަށް ދެރަގޮތެއް ނަހަދާނެ ކަން..." މަންމައަށް ވެސް އެންމެފަހުން ރޮވުނީ އެވެ.

ރޮއެރޮއެ އަހަރެންގެ ދެލޯ ވަނީ ދުޅަވެފަ އެވެ. މުޅި ދިރިއުޅުން މަތީން ފޫހިވެއްޖެ އެވެ. މިއީ ތެދުވެރި ވަފާތެރިއަކު ނެތް ކެހިވެރި ދުނިޔެ އެކެވެ. އެކި އިރަށް އެކި ކުލަ ދައްކާ، ކުލަ މަޖާގަނޑެކެވެ. އެއްދުވަހު ހެއްވިއްޔާ، އަނެއް ދުވަހު ރޮއްވާލަ އެވެ. މި ހާލުގައި ދުނިޔޭގެ މި އިމްތިހާނުން އަަހަރެން ފާސްވާނީ ކިހިނަކުން ހެއްޔެވެ؟

ޝިމްނާ އަހަންނާއި ބައްދަލުކުރުމަށް އައީ، ރަށަށް ދާން ހުރިހާ ކަމެއް ތައްޔާރުކޮށްފައި ވަނިކޮށެވެ. ޝިމްނާގެ މުޅި މޫނު ވަނީ މިލާފަ އެވެ. ދެލޯ ކައިރި ވަޅުވަދެ، ކަޅުވެފަ އެވެ. ހީވަނީ ފުން ހިތާމައެއްގެ ތެރޭގައި އެތައް ދުވަހެއް ހޭދަކޮށްފައި ވާ ހެންނެވެ. އަހަންނަށްވުރެ އޭނާގެ ޙާލު ބޮޑުހެން ހީވި އެވެ.

އަހަރެން ފެނުމާއިއެކު އައިސް ބައްދާލައިފި އެވެ. އެ ދެއަތުގެ ބާރުގައި އަހަރެންގެ ހަށިގަނޑު ފިއްތައިލި އެވެ. ދެން އިވިގެން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ. އަހަރެން ހީކުރީ އަހަރެންގެ ޙާލު ފެނުމުން އެހިތަށް ކެތް ނުވީ ކަމަށެވެ. ހިތުގައި ޖެހި ރޮވެން ފެށުނީ، އެ ގާތްކަން އިހުސާސް ކުރެވުމުން، ހިތަށް ކުރި ފުން އަސަރަކުންނެވެ.

"އަހަރެން މުޅިން އެކަނިވެއްޖެ... އެކަކު ވެސް ނެތް... ޝިމޫ ވެސް ދިޔައީ..." ގިސްލަގިސްލާފައި ވިޔަސް، ވާހަކަ ދެއްކޭތޯ އަހަރެން މަސައްކަތް ކުރީމެވެ.

"ނީހާ!... އަހަންނަށް މަޢާފުކުރޭ..." ޝިމްނާގެ ޙާލަކީ ވެސް އެއީ އެވެ. އޭނައަށް ވެސް ރޮވެނީ އެވެ.

"އަހަންނަށް ހުރިހާ ކަމެއް ވެސް ފަޅާ އަރައިފި... ޝަރުވާން އަކީ އަހަރެން ހީކުރި ކަހަލަ އިންސާނަކަށް ނުވި..." ޝިމްނާގެ އަޑު ތުރުތުރު އަޅަ އެވެ. "ނީހާގެ ކޮޓަރިއަށް އެރޭ ވަނީ ދާރިޝް އެއް ނޫން... އެއީ ޝަރުވާން..."

އަހަންނަށް ވަރުގަދަ ސިހުމެއް ލިބުނެވެ. ޝިމްނާ އާއި ދުރަށް ޖެހިލެވުނީ ވެސް އެ ސިހުމުގަ އެވެ. އެތައް އިރަކު ރޮއެފައި ޝިމްނާ ހަޤީޤަތް ކިޔައިދޭން ފެށި އެވެ.

"އަހަންނަށް ކުރިން އެއްވެސް ކަމެއް ނޭނގޭ... އަހަރެން ހީކުރީ ޝަރުވާން އަކީ ވަރަށް ރަނގަޅު މީހެއް ކަމަށް... ހުރިހާ ހަޤީޤަތެއް އެނގުނީ، އަޒްމަން އެ ވާހަކަ އަހަންނަށް ކިޔައިދިނީމަ... ދާރިޝް ކަމަށް އަޒްމަން ހީކުރީ، އެރޭ ޝަރުވާން ލައިގެން ހުރި ޓީޝާޓު ފެނުނީމަ... އެއީ އަޒްމަން ބޭރަށް ގޮއްސަ އައިއިރު ދާރިޝްއަށް ގެނެސްދިން ޓީޝާޓެއް... އޭނައަށް ކަމު ނުގޮސްގެން ޝަރުވާންއަށް ދިނީ... އަޒްމަން އެވާހަކަ ބުނާއިރަށް އަހަންނަށް އެނގިއްޖެ އެރޭ ނީހާގެ ކޮޓަރިއަށް ވަނީ ޝަރުވާން ކަން... އަހަރެން ރަނގަޅަށް ވިސްނައިލީމަ، ޝައްކު ކުރެވޭ ކަންތައް ތަކެއްވެސް ފެނުނު... ކިހިނެއް އެނގޭނީ ދޯ، އެހާ ލޯބިން އުޅެފަ އެވަރުގެ ކެއްސެއް ދޭނެ ކަމެއް..." ޝިމްނާ ހިންދިރުވައިލި އެވެ. ދެފަހަރަކު ކަރު ޖެހިލާފައި އަނެއްކާވެސް ވާހަކަ ދައްކަން ފެށި އެވެ.

"އަހަރެން މިހުރީ ވަރަށް ލަދުގަނެ ދެރަވެސް ވެފަ... ޝަރުވާންގެ ހަޤީޤަތް އެނގިގެން އަހަރެން އޭނަ ކައިރިން ވަރިވީ... ފަހުން ކުރި ހުރިހާ ކަމަކަށް އެއްބަސްވެގެން އަހަރެން ކައިރިން މަޢާފަށް ވެސް އެދުނު... އެކަމަކު އަހަރެން ބޭނުމެއް ނޫން، އެކަހަލަ މީހަކާ އެކީ، ދިރިއުޅުން އިތުރަށް ކުރިއަށް ގެންދާކަށް..." ޝިމްނާ ބުންޏެވެ.

"މިހުރިހާ ދުވަހު އަހަރެން މިހުރީ ނީހާގެ ކުރިމައްޗަށް އަރަން ވެސް ނުކެރިފަ... ދާރިޝްއަށް ވެސް ވީ އެވަރު... ނީހާ އާއިމެދު ގޯސްކޮށް ވިސްނައިގެން ކުރެވުނު ހުރިހާ ކަމަކަށް އޭނަ ހުރީ ވަރަށް ދެރަވެފަ... އަހަރެން މިއަދު އެވަރަކުން މިއައީ ވެސް، އަޒްމަންގެ މަންމަ އައިސް ހުރިހާ ވާހަކައެއް ކިޔައިދިނީމަ... އަހަރެން ބޭނުމެއް ނޫން، ނީހާގެ ދިރިއުޅުން ޙަލާކުވެގެން ދާކަށް... އަޒްމަން އަކީ ނީހާއަށް އެންމެ އެކަށީގެންވާ މީހާ..." ޝިމްނާ އޭނަގެ ވާހަކަ ހުއްޓައިލަމުން އަހަރެންގެ އަތުގައި ހިފައިލި އެވެ.

"ނީހާއަށް ހީވޭތަ އަޒްމަންއަކީ މަކަރުވެރިއެއް ހެން؟... އެހާބޮޑު އޮޅުވާލުމެއް އޮޅުވާލައިގެން އަޒްމަންއަށް މާބޮޑު އުފަލެއް ލިބޭނެހެން ހީވޭތަ؟..." ޝިމްނާގެ ޖުމްލަތަކުން އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ.

އެ ވާހަކަތަކާއިމެދު ވިސްނައިލުމުން، އެއީ ރަނގަޅު ވާހަކައެއް ކަމަށް ހިތް ބުންޏެވެ.

(ނުނިމޭ)

comment ކޮމެންޓް