ގަޓޫސޯ ޕިރްލޯއަށް: މޮޅު ކެރިއަރެއް ނިންމިޔަކަސް އަދި ނުފުދޭނެ

ގަޓޫސޯއާއި، ޕިރްލޯ ކުލަބު ފުޓުބޯޅައިގައި އެންމެ މޮޅަށް ކުޅުނު ދުވަސްވަރު: މިހާރު ދެ ކުޅުންތެރިންނަކީ ވެސް އިޓަލީގެ ބޮޑު ދެ ކުލަބުގެ ކޯޗުން --- ފޮޓޯ//ލައިވްސްކޯ

މޮޅު ފުޓުބޯޅަ ކެރިއަރެއް ނިންމާލިޔަސް އަދި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަކަށް ނުފުދޭނެ ކަމަށް ޔުވެންޓަސްގެ ކޯޗުކަމާ އަލަށް ހަވާލުވި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯއަށް އިންޒާރުކޮށް އޭނާގެ ކުރީގެ ޓީމް މޭޓް އަދި މިހާރުގެ ނަޕޯލީ ކޯޗު ގެނާރޯ ގަޓޫސޯ ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވި ސާރީ ހޮނިހިރު ދުވަހު މަގާމުން ވަކިކުރީ، މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓުމާ ގުޅިގެންނެވެ. އެއާ އެކު ހުސްވެފައިވާ ހެޑްކޯޗުގެ މަގާމަށް އުމުރުން 41 އަހަރުގެ ޕިރްލޯ ހަމަޖެއްސިކަން ރޭ ވަނީ އެކުލަބުން އިއުލާން ކޮށްފަ އެވެ. އޭނާގެ ރަސްމީ ފުރަތަމަ ކޯޗިން ވަޒީފާ ކަމަށްވާ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހަވާލުކުރީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. އެކަމަކު އެ މަސައްކަތް ނުފެށެނީސް ސީނިއާ ޓީމުން ފުރުސަތު ވަނީ ދީފަ އެވެ.

ކޯޗިންގް ދާއިރާގައި އެއްވެސް ތަޖުރިބާއެއް މިހާތަނަށް ނެތް ޕިރްލޯ އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އިޓަލީއަށް 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި ޕިރްލޯ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ 2001-2011 އަށް އޭސީ މިލާނުގައި ކުޅުނު ދުވަސްވަރު އެވެ.

އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރުމަށްފަހު، ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު ހަތަރު ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އޭނާ އަކީ ޔުވެންޓަސްގެ ކުރީގެ ކުޅުންތެރިޔާ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޔުވެންޓަސް އިން މިހާރުގެ ކާމިޔާބީގެ ސިލްސިލާ ފެށިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ.

ނަމަވެސް މޮޅު ފުޓުބޯޅަ ހަޔާތެއް ވޭތުކޮށް ނިންމާލައި ކޯޗިންގް ދާއިރާއަށް ވަނުމަކީ އަދި ކާމިޔާބީ ޔަގީންވާނެ ކަމެއް ނޫން ކަމަށާއި، ކޯޗުކަމަކީ ދަނޑުމައްޗަށް އަރައި ކުޅުމާއި ހާސްބައި ތަފާތު ކަމެއް ކަމަށް އޭނާއާ އެކު މިލާނުގައި ގިނަ ދުވަސްތަކެއް އެކުގައި ކުޅުނު ނަޕޯލީގެ ކޯޗު ގަޓޫސޯ ވަނީ ބުނެފަ އެވެ.

"ޕިރްލޯގެ ނަސީބު ރަނގަޅު. ޔުވެންޓަސް ކަހަލަ ބޮޑު ކުލަބަކާ އެކު ކޯޗިންގް ކެރިއަރު ފެށުމަކީ އެންމެނަށް ލިބޭނެ ފުރުސަތެއް ނޫން. އެކަމަކު ހަމައެކަނި ޕިރްލޯ ކުލަބުގައި ހޭދަކުރި ފުޓުބޯޅަ ހަޔާތުގެ ކާމިޔާބީ އަކުން މިކަމެއް ނުވާނެ،" ގަޓޫސޯ ބުންޏެވެ.

ގަޓޫސޯ ބުނީ، ކޯޗިންއަށް ވަންނަ އިރު ވަރަށް ގިނައިން ކުޅުންތެރިންނާއި، އިދިކޮޅު ޓީމުތައް ދަސްކޮށް އެތައް ރޭގެ ނިދި މަހްރޫމްކޮށްގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރިން ކުޅުނު ފުޓުބޯޅައިގެ ތަޖުރިބާ ބޭނުން ކޮށްގެން ކުރިއަށް ދިއުމަކީ ފަސޭހަވަގެން ދާނެ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިން ކޯޗިން އަށް ވަދެ ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނައިރު ބައެއް ކޯޗުން އަންނަނީ މަޑުމަޑުން ކުރިއެރުން ހޯދަމުންނެވެ. އެކަމަކު ޕެޕް ގާޑިއޯލާ، ޒައިނުއްދީން ޒިދާން، ފްރޭންކް ލަމްޕާޑް، ޖެނާރޫ ގަޓޫސޯ ފަދަ ކޯޗުން ސީނިއާ ޓީމުތަކާ ހަވާލުވީ ޔޫތު ޓީމުތަކުގައި ތަޖުރިބާ ހޯދުމަށް ފަހު އެވެ.

comment ކޮމެންޓް