ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ގޮތް މަޖިލީހުން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމައިފި އެވެ.

ކޮމެޓީގެ ނިންމުމުގައި ކޮވިޑާ ގުޅިގެން އާންމު ސިއްހަތުގެ ކަންކަން މީގެ ކުރިން ކުރިއަށްގެންދިޔަ ގޮތާއި ކުރިއަށް އޮތް ދުވަސްތަކަށް ކަންކަން ރާވާފައިވާ ގޮތް ބެލުމަށް ވެސް ވަނީ ހިމަނާފަ އެވެ.

މި މައްސަލައިގައި ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކޮމެޓީގެ އިދާރީ މޭޒުން މިހާރު ވަނީ ފަށާފަ އެވެ.

މައްސަލަ ދިރާސާ ކުރުމަށްޓަކައި ބައެއް ޑޮކްޓަރުންނާއި އެޗްޕީއޭ އަދި އެޗްއީއޯސީގެ ފަރާތްތަކާއި ވޭތުވެދިޔަ 50 އަހަރު ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅުންނާއި މިނިސްޓަރ އޮފް ހެލްތުގެ މަގާމު ފުރުއްވި ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.

ހަމައެއާއެކު ކަމާގުޅުންހުރި ޖަމިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން އެ ނޫންވެސް ފަރާތްތަކާ ބައްދަލުކުރަން ވެސް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން އާންމު ސިއްހަތުގެ ކަންކަން ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ ގޮތް ދިރާސާކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމާފައިވާއިރު، މި ހާލަތުގައި ހެލްތު މިނިސްޓްރީން ބޭކާރު ގިނަ ހަރަދުތަކެއް ކުރަމުންދާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގައުމުގެ އިގްތިސޯދު އަނދަވަޅެއްގައި އޮއްވާ ހެލްތު މިނިސްޓްރީގައި ހެލްތު މިނިސްޓަރު އިންނަވާ ކޮޓަރިކޮޅު ބޮޑު ހަރަދުކޮށްގެން "ގަނޑުވަރެއް ސިފަވާގޮތަށް" ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެކަމަށް ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެހެން ނަމަވެސް ހެލްތު މިނިސްޓްރީން ބުނީ ފޮޓޯއިން ފެންނަނީ މިނިސްޓަރު އިންނަވާ ކޮޓަރިކޮޅު ނޫން ކަމަށާއި އެއީ އެ މިނިސްޓްރީގައި ހަދާފައިވާ ކޮންފަރެންސް ރޫމު ކަމަށެވެ. އަދި އެކަމަށް ހިނގި ހަރަދު ހާމަކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް