ވޮޝިންޓަން (އޮގަސްޓު 6): އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް، ޑިޕްރެޝަނާ ކުރިމަތިލެއްވުމުގެ ތަޖުރިބާ ހިއްސާ ކުރައްވައިފި އެވެ.
'ދަ މިޝޭލް އޮބާމާ ޕޮޑްކާސްޓް'ގެ އިއްޔެގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އޭނާ ގެންދަވަނީ ކޮންމެވެސް ބާވަތެއްގެ ޑިޕްރެޝަނަކާ ކުރިމަތިލައްވަމުންނެވެ. އަދި އެކަމަށް މަގުފަހިވި ސަބަބުތަކުގެ ތެރޭގައި ކޮރޯނާވައިރަސް ބަލިމަޑުކަމާއި އެމެރިކާގައި އޮތް ނަސްލީ މައްސަލަތަކާއި އެގައުމުގައި މިހާރު އޮތް ސަރުކާރުން އަމަލު ކުރަމުންދާ ގޮތް ހިމެނެ އެވެ.
"އަޅުގަނޑަށް އެނގޭ އަޅުގަނޑު މިދަނީ ކޮންމެވެސް ބާވަތެއްގެ ލޯ-ގްރޭޑް ޑިޕްރެޝަންއަކާ ކުރިމަތިލަމުންކަން. އެއީ ހަމަ އެކަނި ކަރަންޓީނުވުމުގެ ސަބަބުނެއް ނޫން، ނަމަވެސް ނަސްލީ މައްސަލަތާކާއި މި ސަރުކާރުން އަމަލު ކުރަމުންދާ ގޮތް ފެނުމުން،" އޮބާމާ ވިދާޅުވި އެވެ.
މީގެ އިތުރުން އޮބާމާ ވަނީ މިދުވަސްވަރު އެކަމަނާގެ ކަސްރަތު ކުރެއްވުމާއި އަވަހާރަފުޅު ލެއްޕެވުމަށް ބަދަލުތައް އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބައެއް ރޭރޭ ކޮންމެވެސް ކަންބޮޑުވުމެއްގެ ސަބަބުން ނިދި ފިލައިގެންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް އަނިޔާ ކުރުމާއި މެރުމުގެ އާ ވާހަކަތަކާއި ސަރުކާރުން އެފަދަ މައްސަލަތަކާ މެދު އަމަލު ކުރާ ގޮތާ ބެހޭ ހަބަރުތަކުން މީހާ ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮބާމާ ވިދާޅުވި ގޮތުގައި މި ބަލިމަޑުކަމުގެ ތެރޭގައި ގޭގައި ތިބެން ޖެހިފައިވާ އިރުވެސް، ކޮންމެ ދުވަހަކު ވެސް ވަކި ގޮތަކަށް ވަގުތުތައް ބަހާލައިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. އެ ގޮތުން އެ އާއިލާގެ މެމްބަރުން ކޮންމެ ދުވަހެއްގެ ހަވީރުވެސް އެއްކޮށް ޕަޒުލްއެއް ހެދުން ފަދަ ކަމެއް ކުރާ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ މަހުގެ 29ގައި ސްޕޮޓިފައި އިން ލޯންޗު ކުރި މިޝެލް އޮބާމާ ޕޮޑްކާސްޓުގެ ފުރަތަމަ މެހެމާނަކަށްވީ އެކަމަނާގެ ފިރިކަލުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ޕޮޑްކާސްޓުގައި އެ އާއިލާގެ އިތުރު މެމްބަރުންނާއި އެކުވެރިން ބައިވެރިވާނެ ކަމަށާއި އެ މީހުންނާ އެކު މިޝެލް އޮބާމާގެ އަމިއްލަ ދިރިއުޅުމާއި ކޮރޯނާވައިރަސް ބަލިމަޑުކަމާއި ނަސްލީ އިމްތިޔާޒުތައް ފަދަ މައުޟޫތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.