އުޅަނދަކުން ގަވާއިދާ ޚިލާފަށް މާލެއަށް މީހަކު ފާބައިފިނަމަ ކެޕްޓަން ޖޫރިމަނާ ކުރަނީ

މާލޭގެ ދެކުނު ފަރާތު ޓީޖެޓީ އަދި ސުނާމީ ބިނާ ސަހައްދު މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަތޮޅުތެރެއިން މާލެ އަންނަ އުޅަނދަކުން ގަވާއިދާ ޚިލާފަށް މީހަކު މާލެ ފައިބައިފިނަމަ އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެ ގޮތް ހަދައި، އުސޫލެއް އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ގަވައިދާ ގުޅިގެން ފިޔަވަޅު އަޅާނެ އުސޫލެއް ރަށް އަވަހަށް އެޗްޕީއޭ އިން އާންމު ކުރާނެ ކަމަށެވެ.

އެ އުސޫލުގެ ދަށުން ގަވާއިދާ ހިލާފަށް ބަނދަރު ކުރާ އުޅަނދުގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން އެގޮތަށް ގަވައިދާ ހިލާފަށް ބަނދަރުކުރާ ދޯނިން މީހަކު މާލެ ފޭބިނަމަވެސް އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާކުރާނެ ކަމަށް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެޗްޕީއޭގެ ފަރާތުން ކޮވިޑް-19 އަށް ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ކަނޑައެޅޭ ވަކި ސަރަހައްދުތަކަކުން އެކަނި ލަފާ ފުރޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލުން ވަނީ ފަސް ސަރަހައްދެއް ކަނޑައަޅާފައެވެ. އެއީ

1. އަތޮޅުތަކުން މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު
2. އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ އެއް ނަމްބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)
3. އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުތަކަށް ހުޅުމާލޭގެ ބަނދަރު
4. އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމަށް ތިލަފުށި ބަނދަރު
5. ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ ފަސް ނަމަބްރު ޖެޓީ އާއި ހަ ނަމްބަރު ޖެޓީ

comment ކޮމެންޓް