ކޯލިޝަންތެރޭ ގުރު ލައިގެންވިޔަސް ޓޫރިޒަމް މިނިސްޓަރަކު އައްޔަނު ކުރައްވާ: ސައީދު

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު -- ފޮޓޯ/ މަޖިލިސް

ޓޫރިޒަމް މިނިސްޓަރަކު ނެތި ސިނާއަތުގެ ކަންތައް ބޮއްސުންލަިއގެން ގޮސްފައިވާ ކަމަށާއި ކޯލިޝަންތެރޭ ގުރުލައިގެން ވިޔަސް ޓޫރިޒަމް މިނިސްޓަރަކު އައްޔަނު ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

މީގެ ކުރިން ޓޫރިޒަމް ދާއިރާގެ މަގާމުތައްވެސް ފުރުއްވާފައިވާ ސައީދު ވިދާޅުވީ ޓޫރިސްޓުންނަށް ބޯޑަރު ހުޅުވާލީ އަސާސީ ގިނަ އިންތިޒާމުތައް ހަމަނުޖައްސާ ކަމަށެވެ. އެގޮތުން ރާއްޖެއިން ފުރާއިރު އެއާލައިނުތަކަށް ބޭނުންވާ ކޮވިޑް ނެގެޓިވް ރިޕޯޓު ހުށަހެޅުމަށް ބޭނުންވާ ޓެސްޓު ހެދޭނެ އިންތިޒާމު ހަމަނުޖެހި ގިނަ ފަތުރުވެރިން ނުފުރި ތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދާ ކަމަށެވެ.

ޓޫރިޒަމް މިނސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލީވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއެކު އޭނާ މަގާމުން ދުރުކުރެއްވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެެވެ. އޭގެ ފަހުން ޓޫރިމޒަމް މިނިސްޓްރީ ހިންގުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއެވެ.

ކޮވިޑް19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށް ޓޫރިޒަމު ސިނާއަތް ހުއްޓިފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިއިރު ޓޫރިޒަމް މިނިސްޓަރަކު ނެތެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ޗައިނާގެ އެހީގައި ހަމަޖެހޭނެކަން ހާމަކޮށްފައެވެ.

ނަމަވެސް ބޯޑަރު ހުޅުވައި ބައި މަސް ވީއިރުވެސް އެ އިންތިޒާމު ހަމަޖެހިފައެއް ނުވެއެވެ.

އަދި ރާއްޖެ އައި ޓޫރިސްޓުންވެސް އަލުން ފުރުމުގެ ކުރިން ބޭނުންވާ ކޮވިޑް ނެގެޓިވް ޓެސްޓު ނުހެދި ނުފުރި ތިބިއިރު، އެޗްޕީއޭ އިން އިއްޔެ ބުނީ ވީއައިއޭގައި ޓެސްޓިން ފެސިލިޓީއެއް ގާއިމް ކުރުމަކީ ޕްލޭނެއް ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ކޮންއިރަކު ކަމެއް އަދި އޭގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް އެޗްޕީޭ އިން އިއްޔެ ބުންޏެވެ.

comment ކޮމެންޓް