އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިއަކަށް ޑިބާލާ

ޔުވެންޓަސްގެ ހުނަރުވެރި ފޯވާޑް ޕައޮލޯ ޑިބާލާ އިޓާލިއަން ލީގުގެ ތަށްޓާއެކު --- ފޮޓޯ//ލައިވްސްކޯ

ނިމިގެން ދިޔަ އިޓާލިއަން ލީގު (ސެރިއާ)ގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޗެމްޕިއަންކަން ހޯދި ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑިބާލާ ހޮވިއްޖެ އެވެ.

އިޓަލީގެ ފުޓުބޯޅަ ސީޒަން ނިމުމާ ގުޅިގެން މިފަހަރުގެ އިންޑިވިޖުއަލް ވަނަ ހޯދި ކުޅުންތެރިންގެ ލިސްޓު އާއްމު ކޮށްފައިވާ އިރު، މި ލިސްޓު އެކުލަވާލާފައިވަނީ ސީރިއޭއާއި ކޮޕާ އިޓާލިއާ އަދި ސުޕަ ކޮޕާ އިޓަލިއާނާގެ މެޗުތަކަށް ބެލުމަށް ފަހު އެވެ. އެގޮތުން މަގާމުތަކަށް ކުޅުންތެރިން ހޮވާފައިވަނީ އެ މެޗުތަކުގައި ދެއްކި ޕާފޯމަންސަށް ބަލައި ޓްރެކިންޑް ޑިވައިސްއެއްގެ ސާވޭއަކަށް ރިއާޔަތް ކޮށްގެންނެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް19ގެ ޝިކާރައަކަށްވެ ގިނަ ދުވަސްތަކެއް އެބަލިން ރަނގަޅު ނުވެގެން ކަރަންޓީނުގައި މަޑުކުރަން ޖެހުނު އާޖެންޓީނާގެ ޑިބާލާ ވަނީ ބަލިން ރަނގަޅުވެގެން އައިސް ޔުވެންޓަސް ލީގު ހޯދުމަށް މުހިންމު ރޯލެއް އަދާ ކޮށްފަ އެވެ. އެގޮތުން އޭނާ މިފަހަރުގެ ލީގުގައި 11 ގޯލާއި އިތުރު 11 އެސިސްޓް ވަނީ ހަދައިފަ އެވެ.

ޑިބާލާއަށް މި އެވޯޑް ދިން ނަމަވެސް މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ލީގުގެ 31 ގޯލު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެއްވެސް މަގާމެއް ލިބިފައެއް ނުވެ އެވެ. ސީޒަނުގެ އެންމެ މޮޅު ފޯވާޑްގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ ހޮވުނީ ލީގުގައި 36 ގޯލު ޖަހައިގެންނެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ކީޕަރަކަށް ޔުވެންޓަސްގެ ޝެޒްސްޒްނީ ހޮވުނު އިރު އެންމެ މޮޅު މިޑްފީލަޑަރަކަށް ހޮވުނީ އެޓަލާންޓާގެ އެލްހެންޑްރޯ ގޯމޭޒް އެވެ. މޮޅު ޑިފެންޑަރަކަށް ހޮވުނީ އިންޓަ މިލާނުގެ ސްޓެފާން ޑި ވުރޭ އެވެ.

މީގެ އިތުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ އުމުރުން 20 އަހަރުގެ ޑެޔަން ކްލްސެވިސްކީ އެވެ. ސްވިޑަންގެ މި ފޯވާޑް މިދިޔަ ޖަނަވަރީ ޓްރާންސްފާގައި އެޓްލަންޓާ އަތުން ޔުވެންޓަސް ގަނެފައިވީ ނަމަވެސް މިދިޔަ ސީޒަން ނިމެންދެން އޭނާ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައި ވަނީ ޕާމާއަށެވެ.

comment ކޮމެންޓް