ފެލިދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ފެލިދޫ ބަނދަރު މަޝްރޫއު ނިމިފައި -- ފޮޓޯ: އެމްޓީސީސީ

ވ. ފެލިދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ އެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް މިދިޔަ މަހުގެ 30ގައި ނިމިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

ފެލިދޫ ބަނދަރު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު އެވެ. އެ މަޝްރޫއައަކީ 5.18 މިލިއަން ރުފިއާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ފެލިދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކޮށް 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލައި، 61 މީޓަރުގެ ބޭރު ސަރަހައްދެއްހައި ބޭރު ތޮއްޓެއް ލާފައިވެ އެވެ. އަދި 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ކުރިއަށް ގެންގޮސްފައިވެ އެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

އެމްޓީސީސީން ވަނީ މިއަހަރުގެ ދެ ވަނަ ކުއާޓަރުގެ ތެރޭގައި 14 މަޝްރޫއެއް ނިންމައިފައެވެ. އަދި އަށް މަޝްރޫއެއްގެ މަސައްކަތް މި ކުއާޓާރު ތެރޭ ގައި އެ ކުންފުނިން ވަނީ ފަށާފައިވެ އެވެ.

ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އއ. ހިމަންދޫ ބަނދަރު ހެދުމުގެ
މަޝްރޫއު، ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ މަޝްރޫއު، ގއ. ވިލިނގިލި ބަނދަރު ހެދުމުގެ މަޝްރޫއުގެ އިތުރުން ގއ. ވިލިނގިލި، ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫއު، ގދ. މާވަރުލު އެއަރޕޯޓު ޕެސެންޖާ ޓަރމިނަލް ހެދުމުގެ މަޝްރޫއު، ގދ. މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫއު އަދި އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

comment ކޮމެންޓް