ކޮވިޑް-19 އާ ދެކޮޅު ހަ ވެކްސިންއެއް ވަނީ ކާމިޔާބު ވުމުގެ މަގުމަތީގައި: ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ

ޖެނީވާ (އޮގަސްޓް 3) : ކޮވިޑް-19 އަށް ވެކްސިން އެއްހޯދުމުގެ ރިސާޗްތަކާއި މަސައްކަތްތައް ހިމެނޭ 100 އަށް ވުރެ ގިނަ ޢިލްމީ މަޝްރޫއު އެކި ގައުމުތަކުން ކުރިޔަށް ގެންދާ ކަމަށާއި އޭގެ ތެރެއިން ހަ ވެކްސިންއެއް ކާމިޔާބުވުމުގެ މަގުމަތީގައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިޔޫއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި 100 މަޝްރޫއުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށާއި އަނެއްބައި މަޝްރޫއުތަކުގެ މަސައްކަތް ފެށީ މިއަހަރުގެ ކުރީކޮޅުގައި ކަމުގަ އެވެ. އެހެން ވެކްސިންތަކާ ޚިލާފަށް ކޮވިޑް-19 އަށް ވެކްސިން އެއްހޯދުމުގެ ރިސާޗްތައް ތަރައްގީ ވަމުން އަންނަ ގައުމުތަކުން ވެސް ވަރަށް ބާރަށް ކުރިޔަށްގެންދާ ކަމަށް ޑަބްލިޔޫއެޗްއޯގެ ބަޔާން ބުނެ އެވެ.

ނަމަވެސް އެބަޔާނުގައިވާ ގޮތުން މީގެ ތެރެ އިން ކުރީގައި އުޅެނީ އަދި ދެވަނަ މަރުހަލާ ނިމި ކާމިޔާބުވުމާ ހަމައަށް ގޮސްފައި ވަނީ ފަސް މަޝްރޫއެއް ކަމަށް އެބަޔާން ބުނެ އެވެ. ތިރީގައި މިވަނީ ކާމިޔާބުވުމާ ހަމައަށް ގޮސްފައިވާ ކަމަށް ޑަބްލިޔޫއެޗްއޯ ފާހަގަކުރާ ފަސް މަޝްރޫއާ ބެހޭ ކުރު ޚުލާސާއެކެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީން ކުރިޔަށް ގެންދާ "އޮސްޓްރާ ޒިނިކާ" ވެކްސިން ކޮވިޑް-19 އަށް ވެކްސިންއެއް ހޯދުމަށް އޮކްސްފޯޑު ޔުނިވާސިޓީން ފަށާފައިވާ މަޝްރޫއު ކުރިޔަށް ގެންދަނީ "އޮސްޓްރާ ޒިނިކާ" ކުންފުނި މެދުވެރިކޮށެވެ. "އޮސްޓްރާ ޒިނިކާ" ކުންފުންޏަކީ އިނގިރޭސިވިލާތާއި ސްވިޑްން ގުޅިގެން އުފައްދާފައިވާ ފާމަސޫޓިކަލް އަދި ބަޔޮކެމިކަލް (ބޭސްއުފައްދާ) ކުންފުންޏެކެވެ.

މިކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ އެއް ވަނަ މަރުހަލާއާއި ދެވަނަ މަރުހަލާނިމި ތިންވަނަ މަރުހަލާވަނީ ފަށަންތައްޔާރުވެފަ އެވެ. ޑަބްލިޔޫއެޗްއޯ ބުނާގޮތުން މި ވެކްސިން ބޭނުންކޮށްގެންކުރި ކްލިނިކަލް ޓެސްޓްތަކުން "ސްޓްރޯންގް އިމިއުން ރެސްޕޮންސެއް" އެހެން އިބާރާތަކުން ދަންނަވާ ނަމަ އިލްމީ ގޮތުން "ChAdOx1 nCoV-19"ގެ ނަމުން ނަންދީފައިވާ އެވެކްސިން ޓެސްޓްކުރި މީހުންގެ ހަށިގަނޑުގައިވަނީ ކޮވިޑްއާ ދެކޮޅު އެންޓިބޮޑީސްތަކާއި ޓީސެލްތައް އުފެދިފައެވެ.

ޗައިނާގެ "ކާންސީނޯ ބައޮލޮޖިކްސް" ކުންފުނިން އުފައްދާ ވެކްސިން

މި ވެކްސިންވެސްވަނީ ކްލިނިކަލް ތަޖްރިބާތަކުގެ އެއްވަނަ މަރުހަލާއާއި ދެވަނަ މަރުހަލާ ނިންމައި ތިންވަނަ މަރުހަލާ އަށް ގޮސްފައެވެ. ދެވަނަ މަރުހަލާގައި މިވެކްސިން 500 މީހުންގެ ގަޔަށް ޖަހާފައިވާއިރު އެއެންމެންގެ ހަށިތަކުގައިވެސްވަނީ ކޮވިޑްއާ ދެކޮޅު އެންޓިބޮޑީސްތަކާއި ޓީސެލްތައް އުފެދިފައެވެ. އަދި މި ވެކްސިންގެ ސައިޑް އިފެކްޓްވެސް ވަރަށް ކުޑަކަމަށްވެއެވެ.

މިވެކްސިން އުފައްދާ ޗައިނާގެ "ކާންސީނޯ ބައޮލޮޖިކްސް" ކުންފުންޏަކީ ވެކްސިން އުފެއްދުމަށް ޚާއްސަ ބައޮޓެކްނޮލޮޖީގެ ދާއިރާގައި ވަރަށް ބޮޑެތި ރީސާޗްތަކެއް ކުރިޔަށް ގެންދާ ކުންފުންޏެކެވެ. "ކާންސީނޯ ބައޮލޮޖިކްސް" ކުންފުނިން އުފައްދައި ތަޖްރިބާކުރާ ވެކްސިންގައި ބައޮޓެކްނޮލޮޖީ އާ ބެހޭ ޗައިނާގެ އެންމެ ބޮޑު ރީސާޗް އިންސްޓިއުޝަންކަމަށްވާ މިލިޓްރީ މެޑިކަލް ސައެންސްގެ ތަޖްރިބާކާރުންގެ އެހީތެރިކަންވެސް ލިބޭކަމަށްވެ އެވެ.

އެމެރިކާއާއި ޖަރުމަނު ގުޅިގެން އުފައްދާ "ޕޮންޓިއަކް ވައިޒާ" ވެކްސިން

"ޕޮންޓިއަކް ވައިޒާ" އަކީ އެމެރިކާއާއި ޖަރުމަނު ގުޅިގެން އުފައްދާފައިވާ ބަޔޮޓެކް ފާމަސޫޓިކަލް ކުންފުންޏެކެވެ. މިކުންފުނިން އުފައްދައި ތަޖްރިބާކުރާ ވެކްސިންއަކީ ވެސް ކާމިޔާބުވާނެކަމުގެ ޔަގީންކަންބޮޑު ވެކްސިންއެކެވެ. ކްލިނިކަލް ތަޖްރިބާތަކުގެ އެއްވަނަ މަރުހަލާއާއި ދެވަނަ މަރުހަލާ ވަނީ ކާމިޔާބުކަމާއެކު ކަޑައްތުކޮށްފަ އެވެ.

މިވެކްސިންގެ 90 މިލިޔަން ޑޯޒަށް އިނގިރޭސިވިލާތުން މިހާރުވަނީ އޯޑަރުވެސް ކޮށްފަ އެވެ. ނަމަވެސް މިކުންފުނިން ފުރަތަމަ އުފައްދާކަމަށް ވަނީ 30 މިލިޔަން ވެކްސިން އެވެ. އެއަށް ފަހު އިތުރު 60 މިލިޔަން ވެކްސިން އުފައްދުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ގެންދަނީ ވަމުންނެވެ.

ފަރަންސޭސި ވެކްސިން

ފަރަންސޭސިވިލާތުން އުފައްދާ "ވަލެނެވާ" ވެކްސިންއަކީ އެމެރިކާއާއި ޖަރުމަނުވިލާތް ގުޅިގެން އުފައްދާ "ޕޮންޓިއަކް ވައިޒާ" ވެކްސިން އާ އެކު ތަރައްގީކުރާ ވެކްސިންއެކެވެ. މިދެވެކްސިން އުފައްދަނީ ގުޅިފައިވާ ރީސާޗްތަކެއްގެތެރެއިންނެވެ. "ޕޮންޓިއަކް ވައިޒާ" ވެކްސިންއެކޭ އެއްވަރަށް "ވަލެނެވާ" ވެކްސިން ވެސް ވަނީ ތަރައްގީކޮށްފަ އެވެ.

އިނގިރޭސިވިލާތުން އޯޑަރުކުރި 90 މިލިޔަން ވެކްސިންގެ ތެރެއިން 30 މިލިޔަން އުފައްދަނީ "ޕޮންޓިއަކް ވައިޒާ" އިންކަމަށްވާއިރު އެއޯޑަރުގައި ހިމެނޭ އަނެއް 60 މިލިޔަން ވެކްސިން އުފެއްދުމަށް ހަމަޖެހިފައި ވަނީ ފަރަންސޭސި "ވަލެނެވާ" އިންނެވެ.

އެމެރިކާގެ "މޮޑާނާ" ކުންފުނީގެ ވެކްސިން

އެމެރިކާގެ "މޮޑާނާ" އަކީ ބަޔޮޓެކްނޮލޮޖީގައި ދުނިޔެއަށް ނަންމަޝްހޫރު ކުންފުންޏެވެ. މަސާޗޫސެޓްސްގައި މަރުކަޒު ހުންނަ މިކުންފުނިން އުފައްދާ ވެކްސިންއަކީ ވެސް ތިން ވަނަ މަރުހަލާގައި އުޅޭ ވެކްސިންއެކެވެ. މިއީ އެމެރިކާ ސިފައިންގެ ލަޝްކަރުތަކަށް ބޭނުންވާ ބޭހާއި ވެކްސިންވެސް އުފައްދައިދޭ ކުންފުންޏެކެވެ.

ރަޝިއާއިން އުފައްދާ ވެކްސިން

ރަޝިއާއިން އުފައްދާ ވެކްސިންއަކީ އެގައުމުގެ ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ފުންނާބުއުސް ސައެންސްވެރިން މަސައްކަތްކުރާ ރީސާޗް މަރުކަޒު ކަމަށްވާ "ގަމަލެއާ ރީސާޗް" އިން އުފައްދާ ވެކްސިން އެކެވެ. މި ވެކްސިންގެ ހުރިހާ އިދާރީ އަދި ސްޕަވައިޒަރީ ކަމެއް ބަލަހައްޓަނީ ސީދާ ރަޝިއާގެ ދިފާއީ ވުޒާރާއިންނެވެ.

މީގެއިތުރުން ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ސައެންސާބެހޭ ޑިޕާޓްމަންޓުން ވެސް މިވެކްސިން އުފެއްދުމުގެ ކަންކަން ގެންދަނީ ވަރަށް ގާތުން ބަލައި ބަލައި މޮނިޓާ ކުރަމުންނެވެ. ރަޝިއާއިން އުފައްދާ މިވެކްސިން އަންނަ އޮކްޓޫބަރު މަހު އާންމުންގެ ގަޔަށް ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ވެސް މިހާރު ދަނީ ވަމުންނެވެ. އެއީ އޭގެ ތަޖްރިބާގެ ތިންވަނަ މަރުހަލާ މިހާރު ފަށާފައިވާ އިރު އަންނަ ސެޕްޓެމްބަރުމަހު އެ ތަޖްރިބާ ނިމޭނެތީއެވެ.

ޑަބްލިޔޫއެޗްއޯ ބުނާގޮތުން އެ ހަ ވެކްސިންއަކީ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިފައިވާ އަދި މަސައްކަތުގެ ގާތްގަނޑަކަށް 85 ޕަސެންޓް ނިމިފައިވާ ވެކްސިންތަކެވެ. ނަމަވެސް އިންސާނުންގެ ގަޔަށް ޖެހޭވަރަށް މީގެތެރެއިން ގިނަ ވެކްސިންތައް ތައްޔާރުވާނެކަމަށް ޑަބްލިޔޫއެޗްއޯ އިން ބަލަނީ އަންނަ ޑިސެމްބަރުމަހު ނޫނީ 2021 ވަނައަހަރުގެ ކުރީކޮޅުގައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް