ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހާލުދެރަވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ލިބިފައިނުވާ މައްސަލައިގައި, އެ ކުންފުނިން ރާއްޖެއަށް 34.5 މިލިއަން ރުފިޔާ ދައްކަން މޯލްޑިވިސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އަންގައިފިއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އޭޕްރިލް 2، 2020ގައި ދިވެހި ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓްރީއާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަަލް ޓްރޭޑިންއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެ ކުންފުނިން ޚިލާފުވެފައިވުމުން ހުށަހެޅި މައްސަލައިގައި މިދިޔަ ބުދަ ދުވަހު އާޓިބްރޭޝަނުން ވަނީ ގޮތް ނިންމައިފައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 19ގައި އޭޖީ އޮފީހުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައިވަނީ، އެގްޒެކިއުޓާސް ކުންފުނިން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި އެ މައްސަލައިގެ ސަބަބުން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32.5 މިލިއަން ރުފިޔާއަށްވާ 2.1 މިލިއަން ޑޮލަރުގެ އިތުރުން، އިންޓްރެސްޓާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް އެދިފައެވެ.
އާބިޓްރޭޝަންގެ ނިންމުމުގައިވަނީ، އެގްޒެކިއުޓާސް ކުންފުނީގެ ފަރާތުން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރާއި އެ ފައިސާ ދެއްކުމާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕަސެންޓު ދެއްކުމަށް އަންގައިފައެވެ. އެ އިންޓްރެސްޓް ގުނާނީ މެއި 2، 2021އިން ފެށިގެން ކަމަށް އެ ނިންމުމުގައިވެއެވެ.
މީގެ އިތުުރުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޖުމްލަ 223،750 ޑޮލަރާއި އެވޯޑް ނެރޭ ތާރީޚުން ފެށިގެން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕަސެންޓް ދައްކަން ޖެހޭ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
އޭޖީ އޮފީހުން ވަނީ، އެ މައްސަލަ ކުރިއަށް ދިޔައިރު އެގްޒެކިއުޓާސް ކުންފުނީގެ ފަރާތުން އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައިނުވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައިގެ އާބިޓްރޭޝަންގެ ޚަރަދުގެ ގޮތުގައި އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ވެސް ދައްކާފައި ނުވާތީ އެ މައްސަލަ ކުރިއަށްގެންދިޔުމަށް ޓަކައި ސަރުކާރުން އާބިޓްރޭޝަނަށް 132،865 ޑޮލަރު ޚަރަދު ކުރި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އާބިޓްރޭޝަނުން ނިންމާފައިވަނީ އެ ފައިސާ ވެސް އެ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށާއި އެ ފައިސާ ދެއްކުމާ ހަމައަށް އަހަރަކު ދެ ޕަސެންޓްގެ ރޭޓުން އިންޓްރެސްޓުގެ ފައިސާ ވެސް ދައްކަން ޖެހޭނެ ކަމަށެވެ.
އެހެންވެ، އެ ކުންފުނިން ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 34.5 މިލިއަނަށް އަރާނެއެވެ.
އެ ނިންމުމަކީ ގާނޫނީ ގޮތުން ތަންފީޒުކުރަން ޖެހޭނެ ނިންމުމަކަށް ވާތީ އެ އެވޯޑުގައި ކަނޑަަޅާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ވިއްކަން އެއްބަސްވެފައި ވީނަމަވެސް ފޯރުކޮށްދީފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ޚަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.