16 ގައުމަކުން ފްރާންސަށްދާ މީހުން އެއާޕޯޓުގައި ކޮވިޑަށް ޓެސްޓްކުރަން ފަށައިފި

ފްރާންސްގައި މީހަކު ކޮވިޑަށް ޓެސްޓްކުރަނީ--

ސޯޅަ ގައުމަކުން ފްރާންސަށް ދާ މީހުން އެއާޕޯޓުގައި ކޮވިޑަށް ޓެސްޓްކުރަން ފަށައިފި އެވެ.

އެ 16 ގައުމަކީ ވެސް ވަރަށް ބޮޑަށް ކޮވިޑް ފެތުރެމުންދާ ގައުމުތަކެކެވެ. އަދި އެގައުމުތަކަށް ދުތުރުކުރާކަށް ފްރާންސުން ހުއްދައެއްވެސް ނުދެ އެވެ. އޭގެ ތެރޭގައި ބްރެޒިލްއާއި އެމެރިކާ ހިމެނެ އެވެ. ނަމަވެސް އެ ގައުމުތަކުގައި ދިރިއުޅޭ ފްރާންސްގެ ރައްޔިތުންނަށް ފްރާންސްއަށް އެނބުރި އާދެވެ އެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓްކުރާ ކެޓެގަރީގައި ހިމެނެނީ މަދުބައެކެވެ.

އެގޮތަށް ޓެސްޓްކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

ފްރާންސްގެ ބޮޑުވަޒީރު ޖީން ކެސްޓެކްސް މީގެ ކުރިން ވިދާޅުވީ ފްރާންސްއަށް އެތެރެވުމުގެ 72 ގަޑިއިރުކުރިން ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނުވާ ނަމަ ފްރާންސްއަށް އެތެރެވުމާ އެކު ޓެސްޓްކުރާނެ ކަމަށެވެ.

ޕޮޒިޓިވްވެއްޖެ ނަމަ 14 ދުވަހު ކަރަންޓީނުވާން ޖެހޭނެ އެވެ.

ފްރާންސްގެ އިދާރާތަކުން ބުނީ ފާއިތުވި ހަފްތާތަކުގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އިތުރުވާން ފަށައިފައިވާ ކަމަށެވެ. އެގައުމުން މިހާރު ވަނީ އާންމު ތަންތަނުގައި އުޅޭއިރު މާސްކު އަޅަން ވެސް މަޖުބޫރުކޮށްފަ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފްރާންސުން މިހާތަނަށް ވަނީ 225،000 އެއްހާ މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލީގައި 30،200 މީހުން ވަނީ މަރުވެފަ އެވެ.

މީގެ ކުރިން މާޗު މަހާއި މޭ މަހާ ދޭތެރޭ ފްރާންސް ފުރަބަންދުކުރި ނަމަވެސް އަލުން ފުރަބަންދަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ފްރާންސުން ވަނީ ބުނެފަ އެވެ.-- އެޕީ--

comment ކޮމެންޓް