ބައި ޓަނުގެ ކޮކެއިން ވަގަށް އެތެރެކުރަން އުޅުނު ބޯޓެއް ވެއްޓިއްޖެ

ބައި ޓަނުގެ ކޮކެއިން ވަގަށް އެތެރެކުރަން އުޅެނިކޮށް ވެއްޓުނު ބޯޓު--

އޮސްޓްރޭލިއާއަށް ބައި ޓަނުގެ ކޮކެއިން ވަގަށް އެތެރެކުރަން އުޅުނު ބޯޓެއް ވެއްޓިއްޖެ އެވެ.

އެ ބޯޓު ވެއްޓުނީ ޕަޕުއާ ނިއުގިނީން އޮސްޓްރޭލިއާއަށް ދާންވެގެން ނައްޓާލިތަނާ އެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނީ އެ ޑްރަގް ނެޓްވޯކްއަށް ފާރަލަމުންދާތާ ދެއަހަރު ވެއްޖެ ކަމަށެވެ. އަދި އެ ބޯޓު ނައްޓާލުމުގެ ކުރިން އޮސްޓްރޭލިއާގެ ކުއީންސްލޭންޑާއި ވިކްޓޯރިއާއިން ވަނީ ފަސްމީހަކު ހައްޔަރުވެސްކޮށްފަ އެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނީ ބޯޓު ވެއްޓުމުގެ ސަބަބަކަށް މާ ބަރުކޮށް އެއްޗެތި އަރުވައިގެން ދުއްވުން ވެދާނެ ކަަމަށެވެ.

އެ ބޯޓު ވެއްޓިފައި އޮއްވާ މިދޔަ ހޯމަ ދުވަހު ފެނުނީ ޕަޕުއާ ނިއުގިނީގެ ޕަޕާ ލިއާ ލިއާ ސަރަހައްދުންނެވެ.

އެ ބޯޓު އެންމެ ފުރަތަމަ ދަތުރުކުރީ އޮސްޓްރޭލިއާގެ ނޯތު ކުއީންސްލޭންޑްގެ މަރީބާ ސަރަަހްދުންނެވެ. ރާޑަރަށް އަރާފާނެތީވެ 1000 މީޓަރު ތިރިން ދަތުރުކޮށް ޕަޕުއާ ނިއުގިނީގެ ޕާޕާ ލިއާ ލިއާގައި ވަނީ ޖައްސައިފަ އެވެ. ބޯޓު ވެއްޓުނީ އަލުން އޮސްޓްރޭލިއާއަށް ވަންނަން ދަތުރުފެށި ތަނާ އެވެ.

ފުލުހުން ބުނީ އެ ފްލައިޓްގައި ހުރި ކޮކެއިންގެ އަގު 80 މިލިއަން އޮސްޓްރޭލިއަން ޑޮލަރަށް އަރާނެ އެވެ.

ޕަޕުއާ ނިއުގިނީގެ ފުލުހުން އެ ބޯޓު ހޯދިއިރު އޭގައި ހުރި ކޮކެއިންތައް ވަނީ ގެންގޮސްފަ އެވެ. އަދި އޭގައި މީހަކުވެސް ނެތެވެ.

އެ ބޯޓުގައި އިން ޕައިލެޓް ފަހުން ވަނީ ޕަޕުއާ ނިއުގީނިއާގައި ހުންނަ އޮސްޓްރޭލިއާގެ ކޮންސިއުލޭޓްއާ ހަވާލުވެފަ އެވެ. އަދި ފަހުން އޮސްޓްރޭލިއާގެ ފެޑެރަލް ފުލުހުންނާއި ޕަޕުއާގެ ފުލުހުންނާ ގުޅިގެންވަނީ ކޮކެއިން ހުރި 28 ދަބަހާއި އޮސްޓްރޭލިއަން ޑޮލަރުތަކެއް ހޯދާފަ އެވެ.

އެ މައްސަލައިގައި އޮސްޓްރޭލިއާގެ ފުލުހުން ވަނީ 61 އަހަރުގެ މީހެއްވެސް ހައްޔަރުކޮށްފަ އެވެ.

މިއީ އޮސްޓްރޭލިއާގެ ތާރީހުގައިވެސް ފަޅާއެރި އެންމެ ބޮޑެތި ޑްރަގްކޭސްތަކުގެ ތެރޭގައި ހިމެނޭ އެއް ހާދިސާ އެވެ. މީގެ ހަތަރު އަހަރު ކުރިންވެސް ބައި ޓަނުގެ ކޮކެއިން އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ އޮފީސްތަކަކުން އަތުލައިގަތެވެ. -- ސީއެންއެން، އޭބީސީ

comment ކޮމެންޓް