ސްރީލަންކަން އެއާލައިންސް އިން ކާގޯ އަށް ހާއްސަ ކުރި ފްލައިޓު ރާއްޖެއަށް ފުރަތަމަ ދަތުރު ބާއްވައިފިއެވެ.
ސްރީލަންކަންގެ ކާގޯ އަށް ހާއްސަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރި ފުރަތަމަ ދަތުރު ފާހަގަކޮށް މަރުހަބާކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފައެވެ.
ސްރީލަންކަން އެއާލައިންސް އިން އެއާބަސް މަރުކާގެ 26 ފްލައިޓު ބޭނުންކުރާއިރު އޭގެ ތެރެއިން އެއް ފްލައިޓު މިހާރު ވަނީ ހަމައެކަނި ކާގޯ އަށް ހާއްސަކޮށްފައެވެ. މިއީ ކޮވިޑް19 އާއެކު ފަސިންޖާ ފްލައިޓްސް އަށް އޮތް ޑިމާންޑަށްވުރެ ކާގޯ ފްލައިޓުތަކަށް އޮތް ޑިމާންޑު ބޮޑުވެ، އެއާލައިން އިންޑަސްޓްރީ އަށް ވަމުންދާ ގެއްލުން ކުޑަކުރުމަށް ގިނަ އެއާލައިންތަކަކުން އަޅާފައިވާ ފިޔަވަޅެކެވެ.
ސްރީލަންކަން އިން ކާގޯ އަށް ފްލައިޓެއް ހާއްސަކޮށް އެ ފްލައިޓުގެ އޮޕަރޭޝަންސްތައް ފެށީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. ޔޫރަޕަށާއި ފާ އީސްޓަށް އެއެއާލައިނުގެ އޭ330 ފްލައިޓުގެ ކާގޯ ދަތުރުތައް ގަވާއިދުން ބާއްވައެވެ.
ސްރީލަންކަން އެއާލައިންސް އިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ މަހުން ފެށިގެން އިތުރުކޮށް، ރާއްޖެ އާއި ޔޫރަޕުގެ އިތުރު މަންޒިލުތައް ގުޅާލާނެކަން އިއުލާނުކޮށްފައެވެ.