އަމްރިތާގައި ފަރުވާ ހޯދާ ދިވެހިންގެ ހާލު ނައިބުރައީސް ބައްލަވައިފި

ނާއިބު ރައީސް ފައިސަލް ނަސީމް--

ނައިބު ރައީސް ފައިސަލް ނަސީމް، އިންޑިއާގެ އަމްރިިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހިންގެ ހާލު ބައްލަވައިފި އެވެ.

އެމަނިކުފާނު ވަނީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގެ އިސް އޮފިޝަލެއް ކަމަށްވާ ބާބޫ މެނަންއާއި މިއަދު ފޯނުން ގުޅުއްވައިފަ އެވެ.

އަމްރީތާ ހޮސްޕިޓަލުގެ ޑިރެކްޓަރ – އިންޓަރނޭޝަނަލް ޕޭޝަންޓް ރިލޭޝަންސް، ބާބޫ މެނަން އާއި ފޯނުން ގުޅުއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ވެސް، ދިވެހި ބަލި މީހުންނަށް ސިއްހީ ފަރުވާދިނުމަށް އިންޑިއާއަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ގައުމުގައި ސިއްހީ ފަރުވާ ހޯދުމުގެ މަގު ފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން އަދާކުރައްވާފައިވާ ދައުރު ފާހަގަކުރެއްވި އެވެ.

މި ދަތި ހާލަތުގައި ވެސް، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހިންނަށް ދެމުންގެންދާ ހިދުމަތްތަކަށް އަލިއަޅުއްވައިލައްވާ ނައިބުރައިސް ވަނީ، ކޮވިޑް-19 އާއި ގުޅިގެން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި މެދު ސުވާލު ކުރައްވާފަ އެވެ. މީގެ އިތުރުން، އެ ކަންކަން ހައްލުކޮށް، ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފަ އެވެ.

ނައިބު ރައިސް ވަނީ އަމްރީތާ ހޮސްޕިޓަލުގައި ފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ވަކިން ހާއްސަކޮށް، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ބޭސް ފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރުކުރި ދިވެހިންނާއި ގުޅޭ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވައި، އެ މީހުންގެ ކަންކަން ވަރަށް ގާތުން ބެލުމަށް ބާބޫ މެނަންގެ ކިބައިން އެމަނިކުފާނު އެދިވެޑައިގެންނެވިއެވެ.

ނައިބު ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް، އަމްރީތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ފަރުވާ ހޯދުމުގައި ހިޔާރުކުރާނެ ހޮސްޕިޓަލެއްކަން ފާހަގަކުރައްވާ، އެ މީހުންނަށް ބޭނުންވާ ހިދުމަތްތަކާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފަ އެވެ.

އަދި، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ކޮވިޑް19 ގެ ހާލަތުގައި، އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން ތިން ފަހަރެއްގެ މަތިން ދިވެހިން ވަނީ އިންޑިއާ އަށް ބޭސް ފަރުވާ އަށް ފޮނުވައިފަ އެވެ.

comment ކޮމެންޓް