އިންޑިއާ ފަތުރުވެރިން ގެންނަން ހާއްސަ ވެބިނާއެއް

މިމަހުގެ 15 ވަނަ ދުވަހު ރައްޖޭގެ ބޯޑަރުތައް ހުޅުވާލާ ފަތުރުވެރިން ގެންނަން ފަށާފައިވާއިރު، އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށާއި ރާއްޖެއިން ކޮވިޑް19ގެ ހާލަތުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ވެބިނާއެއް ބާއްވައިފައެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓު އަދި ފޮރިން މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެޗްޕީއޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބޭއްވި މި ވެބިނާގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު އިންޑިއާގެ ޓްރެވަލް މާކެޓާ ހިއްސާކޮށްފައިވެއެވެ.

އެގޮތުން އެއާޕޯޓާއި ޓޫރިސްޓް އެސްޓެބްލިޝްމެންޓުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، ރާއްޖެއިން ކޮވިޑް19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކާޢި ޕޮލިސީ ލެވެލްގައި އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން މި ވެބިނާގެ ބައިވެރިންގެ ސުވާލުތަކަށް ރާއްޖޭގެ ފަރާތުން މި ވެބިނާގައި ބައިވެރިވެ ވަޑައިގަތް ބޭފުޅުން ވަނީ ޖަވާބު ދެއްވައިފައެވެ.

އިންޑިއާގެ 181 އައުޓްބަންޓް ޓްރެވަލް އޮޕަރޭޓަރުން މި ވެބިނާގައި ބައިވެރިވެފައިވެއެވެ.

އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނައަށް އެންމެ ބޮޑު މާކެޓަކީ އިންޑިއާއެވެ.

comment ކޮމެންޓް