އައްޑޫގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފި

އީދު ނަމާދު -- ސަން ފޮޓޯ/ އަފްރާހް

ކޮވިޑް19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ އަޟްޙާ އީދު ނަމާދުގެ ބޮޑު ޖަމާއަތް އައްޑޫ ސިޓީގެ އެއްވެސް އަވަށެއްގައި ނުބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުބޭއްވި ނަމަވެސް އައްޑޫ ސިޓީގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށެވެ.

އަދި އީދު ނަމާދަށް ދާއިރު މާސްކު އަޅައިގެން، މުސައްލަ ހިފައިގެން ނަމާދުގެ ޖަމާއަތަށް ދިއުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ފަހުން މާލޭގައި އީދު ނަމާދުތައް ކުރަމުން ގެންގޮސްފައިވަނީ ޓާފް ދަނޑުގައި ބޮޑު ޖަމާއަތުގައެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން މާލޭގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މިނިސްޓްރީއިން ބުނެފައިވަނީ މިއަހަރުގެ އަޟްހާ އީދު ނަމާދު މާލޭގައި ކުރާނީ އިސްލާމީ މަރުކަޒާއި ހުކުރު ނަމާދުކުރާ މިސްކިތްތަކުގައި ކަމަށެވެ.

comment ކޮމެންޓް