ނިއު ޒީލެންޑުގައި 13 މީހަކު އަޅުންގެ ގޮތުގައި ގެންގުޅުނު މީހަކު 11 އަހަަރަށް ޖަލަށް

ޖޯސެފް އައުގާ މަޓަމަޓާ މައްޗަށް އިންސާނީ ވަގުފާރި ކުރުމާއި މީހުން އަޅުވެތި ކުރުމުގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ -- ފޮޓޯ: އާރުއެންޒީ

ވެލިންޓަން (ޖުލައި 30): ނިއު ޒީލެންޑުގައި ސަމޯއާގެ 13 މީހަކު އަޅުންގެ ގޮތުގައި ގެންގުޅުން މީހަކު 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ސަމޯއާގެ ރައްޔިތެއް ކަމަށްވާ ޖޯސެފް އައުގާ މަޓަމަޓާގެ މައްޗަށް ނިއު ޒީލެންޑުގެ ހައި ކޯޓެއްގައި ވަނީ އިންސާނީ ވަގުފާރި ކުރުމުގެ 10 ދައުވާއަކާއި މީހުން އަޅުވެތި ކުރުމުގެ 13 ދައުވާއެއް ސާބިތުވެފަ އެވެ. އެއީ އެގައުމުގައި މީހެއްގެ މައްޗަށް އިންސާނީ ވަގުފާރި ކުރުމާއި މީހުން އަޅުވެތި ކުރުމުގެ ދައުވާތައް އެއް ފަހަރާ ސާބިތުވި ފުރަަތަމަ ފަހަރެވެ.

އެ މައްސަލާގައި މަޓަމަޓާ 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން އޭނާ އަޅުންގެ ގޮތުގައި ގެންގުޅުނު މީހުންނަށް 120،000 ޑޮލަރު ދޭން ކޯޓުން ވަނީ އަންގާފަ އެވެ.

އެ މައްސަލައިގެ ޝަރީއަތުން އެނގުނު ގޮތުގައި، މަޓަމަޓާގެ ގައުމުން އޭނާ ނިއު ޒީލެންޑަށް މީހުން ގެންދިޔައީ އެމީހުންނަށް ވަޒީފާ ހޯދަ ދޭނެ ކަމަށް ނުވަތަ ތައުލީމު ހާސިލު ކުރުމަށް ފުރުސަތު ދޭނެ ކަމަށް ބުނެ އެވެ. އެގޮތުން 1994 އާއި މިދިޔަ އަހަރާ ދޭތެރޭ އޭނާ ސަމޯއާގެ ތިން އަވަށަކުން 13 މީހަކު ގެންދިޔަ އެވެ. އޭގެ ތެރޭގައި 12 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނުނެވެ.

މަޓަމަޓާ އަޅުންގެ ގޮތުގައި ގެންގުޅުނުު 13 މީހުން ކޯޓަށް ދިން ހެކިބަހުގައިވާ ގޮތުން އެ މީހުންނަށް އޭނާގެ ގޭގަ އާއި އޭނާގެ ވިޔަފާރީގައި މުސާރައާ ނުލައި މަސައްކަތް ކުރަން ޖެހުނެވެ. އަދި އެ މީހުންނަށް އެ ގެއިން ބޭރަށް ދިޔުން މަނާކޮށްފައި އޮތް ކަމަށާއި އެ މީހުންގެ އާއިލާއާވެސް ވާހަކަ ދެއްކެނީ މަޓަމަޓާގެ ހުއްދަ ލިބުމުން ކަމަށް އެ މީހުން ހާމަ ކުރި އެވެ.

މީގެ އިތުރުން މަޓަމަޓާ ބޭނުންވާ ގޮތަކަށް މަސައްކަތް ނުކޮށްފި ނަމަ އެ މީހުންނަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަންވެސް ޝަރީއަތުގައި އެނގިގެންދިޔަ އެވެ. އަދި މަޓަމަޓާއަކީ ސަމޯއާގެ ސަގާފަތުގައި އާއިލާގެ ވެރިއެއްގެ މަގާމު ދީފައިވާ މީހެއް ކަމުން، އޭނާއާ ދެކޮޅަށް ވާހަކަ ދައްކަން އެ 13 މީހުންނަށް މީގެ ކުރިން ނުކެރުނީ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި އެވެ.

މަޓަމަޓާ ވަނީ އެ ދައުވާތައް ދޮގުކޮށްފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމެއް އޭނާގެ ވަކީލު ވިދާޅެއް ނުވެ އެވެ.

comment ކޮމެންޓް