ބޮޑު އީދުގައި ވެސް ތިބެންވީ ގޭގައި، ނޫނީ ނުރައްކާ!

އީދު މުބާރިކް ކާޑެއް ތައްޔާރުކުރަނީ---

މިއަހަރުގެ ބޮޑު އީދު ދުވަހަކީ މާދަމާ އެވެ. އީދާއި އެކީ އެ ފެންނަ ބޮޑު މަހާއި މާލިތަކާއި، ފެންކުޅިއެއް މިފަހަރު ފެންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އަސްލު ހާލަތު އެއަށްވުރެ ގޯސްވެފައި ސީރިއަސް އެވެ. މި ހަފްތާތެރޭ އެކަނި ވެސް ރެކޯޑު އަދަދަކަށް މާލެއިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން އަންނައިރު، އީދު ދުވަހާ ކުރިމަތިލާން ޖެހިފައި މި ވަނީ ކަންބޮޑުވުންތަކުގެ ތެރޭގައި ތިބެ އެވެ.

ވީހާވެސް ބޮޑަށް ގެއިން ނުނުކުމެވޭތޯ ބަލާތި!

އީދުގެ އާދަކާދަތަކަށް ބަލާއިރު، ދުވަސް ފެށެނީ އެންމެން އެކުގައި ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދުންނެވެ. އެއަށްފަހު އީދު ސަލާންކުރުމާއި، ހެނދުނުގެ ނާސްތާއަށާއި މެންދުރުގެ ކެއުމަށް އެކި ގޭގެއަށް ޒިޔާރާތްކުރުން ހިމެނެ އެވެ.

އެހެންނަމަވެސް މިފަހަރުގެ އަޟްހާ އީދުގައި މިފަދަ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް ސިއްހީ މާހިރުން ލަފާދެ އެވެ.

އެޗްއީއޯސީ ގެ ސްޕޯކްސް ޕާރސަން އެޕިޑޮމިލޮޖިސްޓް ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މި ހާލަތުގައި އެންމެ އެދެވިގެންވަނީ ކުރިންވެސް ހެދިފައިވާ ގައިޑްލައިންސް ތަކާއި އެއްގޮތަށް ގިނަ މީހުން އެއްނުވުމާއި، ތަންތަނަށް ނުދިއުމާއި އަދި ގޭގެއަށް ވެސް ޒިޔާރަތް ނުކުރުމެވެ.

"އަޅުގަނޑުމެންގެ މިހާރުގެ އިރުޝާދަކީ ހަމަ އިތުރު ގެތަކަށްވެސް ނުދިއުން. އެގެއެއްގައި ދިރިއުޅޭ ބައެއްގެ އިތުރަށް އެހެން މީހުންނާއި ހަމަ ބައްދަލުނުވުން. އަދި ހާއްސަކޮށް ގިނަ މީހުން އެއްވާ ކަހަލަ ކަންތައްތައް ނުކުރުން،" ނަޒްލާ ވިދާޅުވި އެވެ.

މިގޮތުން ފިތުރު އީދު ފަދައިން މިއަހަރުގެ އަޟްހާ އީދު ނަމާދު ވެސް ބޮޑު ޖަމާއަތުގައި ނުކުރުމަށް ވަނީ ނިންމާފަ އެވެ.

އޭޕްރީލް 6، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަށިބަރި އާއި އީދު ހަދިޔާ ބަދަލުކުރުމުގައި ވެސް ސަމާލުވޭ!

ހަމައެޔާއެކު އީދު ހަދިޔާ ބަދަލުކުރުމާއި، ތަށިބަރި ފަދަ ތަކެތި އެއްގެއިން އަނެއް ގެޔަށް ގެންދިއުމުގައި ވެސް ބަލި ފެތުރިދާނެ ފަދަ ހުރިހާ ކަމަކުން ދުރުހެލިވުމަށް އެޗްއީއޯސީ އިން އިލްތިމާސް ކުރެ އެވެ.

ބައެއް ފަރާތްތަކުން ގޭގެއަށް ޒިޔާރަތްކުރުމުގެ ބަދަލުގައި ހަދިޔާ ބަދަލުކުރުން ފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވެދާނެ އެވެ. ނަމަވެސް ބަދަލުކުރާ ތަށިބަރިންވެސް ބަލި ފެތުރުމަކީ އެކަށީގެންވާ ކަމެއްކަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.

މިގޮތުން ވީހާވެސް ގިނަ ވަަގުތު އެކަަކު އަނެކަކާ ބައްދަލުވެ ނޫޅުމަށާއި ތަކެތި ބަދަލުކުރާނަމަ އެންމެ މީހަކު ގޮސް ތަކެތި ހަވާލުކުރަން ސަމާލުކަން ދެވިދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ގޮތަކީ އެކަހަލަ ކަންކަންވެސް ނުކުރުން، ތާކުން ގެންނަ އެއްޗެއްގަައި އަތްލާ ހަދާނަމަ ރަނގަޅަށް އަތް ސާފުކުރުން. އަދި އެކަކު އަނެކަކާ ބައްދަލުވާ މިންވަރު ވީހާވެސް މަދުކުރުން" ނަޒްލާ ވިދާޅުވި އެވެ.

އޭޕްރީލް 19، 2020: ކޮވިޑް19 މާލޭގައި ފެތުރެމުންދާތީވެ، ގެއެއް ޑިސްއިންފެކްޓް ކުރަން ތައްޔާރވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރޭ!

ކޮވިޑް19ގެ ބިރުވެރިކަމަށް ކުޑަނަމަވެސް ލުޔެއް ލިބިއްޖެކަމަށް ހީކޮށް ހިތްތަކަށް ތަސައްލީއެއް ލިބުނުތަނާ މިއޮތީ އެނބުރި އެ ބިރުވެރިކަމުގެ ތެރެއަށް ވަންނާން ޖެހިފަ އެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާކުރުމުގައިވެސް ހަރަކާތްތެރިވާ އަދި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ އަދިވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތްކަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.

"އަދިވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އެބައޮތް. މާނައަކީ އެންމެންވެސް އިންފެކްޓް ވެދާނެކަމުގެ ފުރުސަތު އެބައޮތް. އެހެންވީމާ އެކަކު ގައިން އަނެކެއްގެ ގަޔަށް ބަލިފެތުރުމުގެ ރިސްކު ވަރަށް ބޮޑު. އެހެންވީމަ އެކަކު އަނެކަކާއި ބައްދަލުވުމަކީ ވަރަށް ބޮޑު ރިސްކެއް،" ޑރ.މުހައްމަދު އަލީ ވިދާޅުވި އެވެ.

އެއާއެކު، އަމިއްލަ ބޭނުމުގައި ނޫނަސް، ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނުކުނަންޖެހޭ އެތަށް ބަޔަކު އަހަރެމެންގެ ތެރޭގައި އެބައުޅެ އެވެ. އެފަދަ ފަރާތްތަކުންވެސް މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށް ޑރ. ނަޒްލާ ނަސޭހަތްތެރިވި އެވެ.

"އަބަދުވެސް ދަބަސްތެރޭގައި ނުވަތަ ޖީބުގައި ކުޑަ ސެނެޓައިޒާ ފުޅިއެއް ބޭއްވުން ރަނގަޅު. ގެއިން ބޭރަށް ނުކުމެފައި ވަނުމުގެ ކުރިން ހަމަ އަތް ސެނެޓައިޒްކުރުން މުހިންމު. އަދި ގެއަށްވަދެ އަވަހަށް ހެދުން ބަދަލުކޮށް ފެންވަރައިގެން އެހެން މީހުންގެ ތެރެއަށް ނުކުތުް އެދެވިގެންވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިފަދަ ހާލަތެއްގައި އެންމެ މީހެއް އަމަލުކުރާ ގޮތަކުންވެސް އެތަށް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ބޮޑު އީދެއް ކަމަކު އެކަކު އަނެކަކާ ބައްދަލުވުމުގެ ބަދަލުގައި "ވާޗުއަލް"ކޮށް އީދު މުބާރިކް ބަދަލުކޮށްލާށެވެ. އީދުގެ އުފަލާއި މަޖާ ގޭގައި ތިބެގެން ހާސިލް ކުރާށެވެ. ތަންތަނަށް ގޮސް އެންމެން އެއްވެ، ބޮޑިވެ ނަހަދާށެވެ.

comment ކޮމެންޓް